ހައުސިން މިނިސްޓްރީ

މާލޭގައި އިޝްތިހާރު ބޯޑު ހަރުކުރަން ހުއްދަ ދިނުން ހައުސިންއަށް

މާލޭ މަގުމަތީގައި އިޝްތިހާރު ބޯޑާއި ބެނާތަށް ހަރުކުރުމަށް ހުއްދަ ދިނުން ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.

މީގެ ކުރިން އެކަމަށް ހުއްދަދެނީ ވިޔަފާރިވެރިންގެ ޖަމިއްޔާއިންނެވެ. އެއީ މިދިޔަ އަހަރު އޮގަސްޓް މަހުގެ ތެރޭގައި ހައުސިން މިިނިސްޓްރީއާއި އެޖަމިއްޔާ އެކު ސޮއި ކުރި އެއްބަސް ވުމެއްގެ ދަށުންނެވެ.

އެހެން ނަމަވެސް މިރޭ ހައުސިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ މާލޭ އެކި ސަރަހައްދުތަކުގައި ބެނާ ނުވަތަ އިޝްތިހާރު ބޯޑުތަށް ހަރުކުރަން ބޭނުންވާ ފަރާތްތަށް ހުއްދައަށް އެދި ހުށަހަޅަން ޖެހޭނީ އެމިނިސްޓްރީ އަށް ކަމަށާއި އަދި ހުއްދަ ނެތި ހަރުކުރެވޭ ބޯޑުތަށް އެންގުމަކާއި ނުލާ ހައުސިން މިނިސްޓްރީ އިން ނައްތާލާނެ ކަމަށެވެ.

"..މިގޮތުން ނައްތާލުމުގައި އިޝްތިހާރު ބޯޑު ނުވަތަ ބެނާ ހަރުކުރި ފަރާތަށް ލިބޭ އެއްވެސް ގެއްލުމެއްގައި މިމިނިސްޓްރީ [ހައުސިން މިނިސްޓްރީ] އިން ޒިންމާ ނުވާނެ ކަމުގައިވެސް ދަންނަވަމެވެ،" އެބަޔާނުގައި ބުނެފައިވެ އެވެ.

މީގެ ކުރިން ސިޓީ ކައުންސިލުން، އެ މަސައަކަތް ގޯ މީޑިއާ ކިޔާ ކުންފުންޏަކާ ވެސް ހަވާލު ކުރި އެވެ. ގޯ މީޑިއާއަށް އެ މަސައްކަތް ހަވާލު ކުރީ، މާލޭގެ މަގުތައް ބަލަހައްޓާ ގޮތަށެވެ. އެހެން ނަމަވެސް އެ މަސައްކަތް އެކަށީގެންވާ ގޮތުގައި ކުރިއަށް ނުދިޔަ އެވެ.