ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ "އާސްކްސްޕީކާ" ޑިސެމްބަރު އެކެއްގައި

ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބާއްވަވާ "އާސްކްސްޕީކާ"ގެ ހަވަނަ ޕްރޮގްރާމް ކުރިއަށް އޮތް ޑިސެމްބަރު އެއްވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

އާސްކްސްޕީކާގެ ފަސްވަނަ ޕްރޮގްރާމް ބާއްވާފައިވަނީ މިދިޔަ ޖޫން 30 ވަނަ ދުވަހުގެ ރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ ބްރޯޑްކާސްޓިން މީޑިއާ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދާ ޕްރޮގްރާމު ފަށަން ނިންމާފައިވަނީ ޑިސެމްބަރު އެއްވަނަ ދުވަހުގެ މެންދުރުފަހު 2:15 ގައި މަޖިލީހުގެ އިދާރާގައި ކަމަށެވެ.

ރައީސް ނަޝީދާ ސުވާލު ކުރަން ބޭނުންވާ މީހުންނަށް މިހާރު ވަނީ އެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ. ފޯނުން ވީޑިއޯ ކުރުމަށް ފަހުވެސް އަދި މެސެޖް ކޮށްގެން ވެސް ސުވާލު ކުރެވޭނެ އެވެ. ވަގުތުން ސުވާލު ކުރަން ބޭނުންވާ މީހުން، އެމީހެއްގެ ނަން އަދި އައިޑީ ނަންބަރު ޖެހުމަށްފަހު ޖޫން ޑިސެމްބަރު އެއްވަނަ ދުވަހުގެ މެންދުރު 12:00 ޖެހުމުގެ ކުރިން ފޮނުވަން ޖެހެ އެވެ.

ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބާއްވަވާ "އާސްކްސްޕީކާ" ޕްރޮގްރާމްތަކުގައި އެމަނިކުފާނުގެ އަމިއްލަފުޅު ސިޔާސީ ހަޔާތްޕުޅާ ގުޅޭ ސުވާލުތަކަށާއި ކަންކަމުގައި އެމަނިކުފާނުގެ ވިސްނުންފުޅު ހުރި ގޮތާ ގުޅޭގޮތުން ކުރެވޭ ސުވާލު ތަކަށްވެސް ޖަވާބު ދެެެއްވަ އެވެ.

މި ފަހަރުގެ ޕްރޮގްރާމް ބާއްވަން ނިންމާފައި މިވަނީ ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ ރިޔާސީ ރޭހަށް ނިކުންނެވުމުގެ ޝައުގުވެރިކަން ދެ ބޭފުޅުންވެސް ފާޅުކުރައްވާފައި ވަނިކޮށެވެ.