އެމެރިކާގައި މިމަހު އަށެއްގައި އޮތް މިޑްޓާމް އިލެކްޝަންގައި ރިޕަބްލިކަނުން ވަނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް -- ގާނޫން ހަދާ މަޖިލީހުގެ ތިރި ގޭގެ އަޣުލަބިއްޔަތު ހޯދާފަ އެވެ.
ރިޕަބްލިކަނުންގެ އަތްމައްޗަށް ގާނޫނު ހަދާ މަޖިލީސް ފުރޮޅިގެން ދިއުމުން ފެންނާނެ ކަމަށް އުއްމީދުކުރެވުނު ބަދަލުތައް، މިޑްޓާމް އިލެކްޝަން މުޅިން ނުނިމެނީސް ވަނީ ފެންނަން ފަށާފަ އެވެ.
މަޖިލީހުގައި ފްލޮރިޑާ ތަމްސީލުކުރާ މެމްބަރު މެޓް ގޭޓްޒް ވިދާޅުވާ ގޮތުގައި އެމެރިކާއަށް ނިމުމެއް ނެތް ގޮތުގައި ޔުކްރޭނަށް ހޭދައެއް ނުކުރެވޭނެ އެވެ. ޔުކްރޭނަށް މާލީ ގޮތުން ދޭ އެހީތެރި ކަމަށާއި އަސްކަރީ އެހީތެރި ކަމަށް ނިމުމެއް އަންނަން ޖެހޭނެ އެވެ.
ގޭޓްޒް ވިދާޅުވީ މަޖިލީހުގެ "އާމްޑް ސާވިސަސް ކޮމިޓީ"ގެ މެމްބަރެއްގެ ހައިސިއްޔަތުން އެމެރިކާއިން ޔުކްރޭނަށް އެހީދީފައި ހުރި ގޮތް އޯޑިޓް ކުރައްވާނެ އެވެ.
ޔުކްރޭނަށް މިހާތަށް ފޮނުވާފައި ހުރި ހަތިޔާރާއި އަދި ފޯރުކޮށްދީފައި ހުރި މާލީ އެހީތެރިކަމާ ގުޅުންހުރި މުއާމަލާތްތައް ބައްލަވައި އެ ތަކެތި ޔުކްރޭނަށް ދިޔަ ގޮތް -- ޗެއިން އޮފް ކަސްޓަޑީގެ ސައްހަކަން ކަށަވަރު ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ޑިފެންސް މިނިސްޓަރު ލޮއިޑް އޮސްޓިން މި ކަމަށް ޖަވާދާރީ ކުރުވާނެ ކަމަށްވެސް ވިދާޅުވި އެވެ
މަޖިލީހުގެ އަޣުލަބިއްޔަތު ރިޕަބްލިކަނުންނަށް ލިބުމާ އެކު ދެން އެންމެ ޑޮލަރެއް އަދި އެންމެ އުންޑައެއް ވެސް ޔުކްރޭނަށް ފޮނުމަށް ވޯޓު ނުދެއްވާނެ ކަމަށްވެސް ގޭޓްޒް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ރިޕަބްލިކަނުން ދެކޭ ގޮތުގައި ޔުކްރޭން ހަނގުރާމަ ދެމިޔަލީ ކަނޑިއަކަށް ހެދީ އެމެރިކާ ކަމަށާއި އެހެން ނޫން ނަމަ ހަނގުރާމަ ދިގުލައިގެން ނުދިޔައީސް ކަމަށެވެ.
ޔުކްރޭނަށް ހޭދަކުރަން ނުޖެހޭ ވަރަށް އެމެރިކާއިން ހޭދަކޮށްފި ކަމަށްވެސް ގޭޓްޒް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ރިޕަބްލިކަނުން ތިބީ ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ޔުކްރޭނަށް މިހާރު ކުރާ ހޭދަ ނުކުރެވޭނެ ގޮތް ހެއްދެވުމަށް ތައްޔާރަށް ކަމަށެވެ.
މެޓް ގޭޓްޒްގެ އިތުރުން ރިޕަބްލިކަން ޕާޓީގެ ބައެއް އެހެން މެމްބަރުންގެ ވެސް އޮތް ސުވާލަކީ ހައްދެއް ނެތް ގޮތުގައި އެމެރިކާއިން ޔުކްރޭނަށް އެހީ ފޮނުވަން ޖެހެނީ ކޮން ހައިސިއްޔަތަކުންތޯ އެވެ.
ރިޕަބްލިކަން މެމްބަރުން ވިދާޅުވާ ގޮތުގައި މިއީ ޖަވާބު ހޯއްދަވާނެ ސުވާލެކެވެ. މިހާރުން މިހާރަށް މަސައްކަތް ފައްޓަވައި ކުރިއަށްދާ ގޮތް ނުވެއްޖެ ނަމަ އަންނަ އަހަރު އާ މަޖިލީސް އެކުލަވާލުމާ އެކު އަލުން މަސައްކަތް ފައްޓަވާނެ ކަމަށް ވެސް ރިޕަބްލިކަނުން ބުނެ އެވެ.