ބޮލީވުޑް

"ހަމް އާޕްކޭ ހޭ ކޯން" ފޫހިކަމުން ނުބެލި ފިލްމެއް!

މާދުރީ ޑިކްޝިޓް އާއި ސަލްމާން ޚާން ލީޑް ރޯލު ކުޅެފައިވާ "ހަމް އާޕްކޭ ހޭ ކޯން" އަކީ ހިންދީ ސިނަމާއިން މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ފިލްމެވެ.

މިހާތަނަށް އެންމެ ގިނަ ބަޔަކު އެ ފިލްމެއް ބަލަން އިންޑިޔާގެ ސިނަމާތަކަށް ވަދެފައިވަނީ މި ފިލްމު ބަލާށެވެ. ސޫރަޖް ބަރްޖަތިޔާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމު ބަލަން ސިނަމާތަކަށް ދިޔަ މީހުންގެ އަދަދު ހަތް ކްރޯޑަށް ވުރެ ގިނަ އެވެ. މި ފިލްމާ އެންމެ ގާތުން ވާދަކުރަނީ "ބަހޫބަލީ 2" އެވެ. މި ފިލްމު ބަލަން ވަދެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވަނީ 5.25 ކްރޯޑެވެ.

އެންމެ ހަ ކްރޯޑުގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް އިންޑިޔާއިން އެކަނި އެއް ބިލިއަނަށް ވުރެ ގިނަ ރުޕީސް ލިބުނެވެ. އަދި މިހާތަނަށް އެންމެ ބޮޑު ފައިދާއެއް ލިބުނު ފިލްމުތަކުގެ ލިސްޓުގެ ކުރީގައި އަދިވެސް މި ފިލްމު އެބައޮތެވެ.

ފިލްމުގެ ޑައިރެކްޝަން، ވާހަކަ، ސްކްރީންޕްލޭ، ޑައިލޯގްތަކުން ފެށިގެން ސައުންޑްޓްރެކް އާއި ޕްރޮޑަކްޝަން ޑިޒައިން އަދި ކޮސްޓިއުމްސް އަށް ވެސް ކްރިޓިކްސް އާއި ބެލުންތެރިންގެ ތައުރީފު އިންތިހާއަށް ލިބުނެވެ. ނަމަވެސް މި ފިލްމު ފުރަތަމަ ބޮޑު ސްކްރީނުގައި ރިލީޒްކުރުމާއެކު ފިލްމު ބަލަން ކުރިން ވަން މީހުންތައް ފިލްމު ފޫހިކަމުން ފިލްމު ނުނިމެނީސް ސިނަމާތަކުން ނުކުމެގެން ގޮސްފައި ވެއެވެ.

ވަރަށް ދިގު 14 ލަވަ މި ފިލްމުގައި ހިމެނެ އެވެ. މި ފިލްމު އާދައިގެ ހިންދީ ފިލްމުތަކަށް ވުރެ ދިގެވެ. އެކަމާ ގުޅިގެން އޯޑިއަންސްގެ ޝަކުވާތައް ފުރަތަމަކޮޅު ވަރަށް ބޮޑުވި އެވެ. އެހެންވެ ފިލްމުގައި ހިމެނޭ "ޗޮކްލެޓް ލައިމް ޖޫސް" އާއި "މުޖްސޭ ޖުދާ ހޯކަރް" ފަހުން ވަނީ އެ ފިލްމުން އުނިކޮށްފަ އެވެ.

ސޫރަޖްގެ "އޫންޗާއީ" މިދިޔަ ހަފުތާގައި ރިލީޒްކޮށް ސިނަމާތަކުގައި ދައްކަމުންދާ ވަގުތާ ދިމާކޮށް ސޫރަޖް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި "ހަމް އާޕް ކޭ ހޭ ކޯން" ބަލަން ވަދެފައި ފިލްމު ހަޑިކަމުން ނުބަލަންވެގެން ވަކި ހިސާބަކުން މީހުންތައް ނުކުމެގެން ދިޔަތަން އޭނާއަށް ފެނިފައި ވެއެވެ.

"އަހަރެންނަށް ޔަގީންވޭ އަހަރެން އުފައްދާފައިވަނީ ވަރަށް މޮޅު ފިލްމެއްކަން. ނަމަވެސް ފިލްމުގެ ޕްރިމިއާ ޝޯގައި ވެސް ކޮންމެ ލަވައަކާއެކު އެތައް ބަޔަކު ތިއޭޓަރުން ނުކުމެގެން ދިޔަ. "ކިހިނެތްބާއޭ މިވަނީ؟" އަހަންނަށް ހިތާ ހިތާ ސުވާލު ކުރެވުނު،" ސޫރަޖް ބުންޏެވެ.

ހަ ކްރޯޑުގެ ބަޖެޓަކުން އުފެއްދި ފިލްމަށް ފުރަތަމަ ހަފުތާ ބަންދުގައި ލިބުނީ އެންމެ 29 ލައްކަ ރުޕީސް އެވެ. އެއާއެކު ފިލްމު ރިވިއު ލިޔާ ފަރާތްތަކުން މި ފިލްމަކީ ބޮޑު ފްލޮޕެއް ކަމަށް ނިންމި އެވެ.

ފިލްމު ވައިގައި ހިފީ ރިލީޒްކުރިތާ ހަތަރު ވަނަ ދުވަހު އެވެ. އެއީ ފިލްމުގެ މޮޅު ވާހަކަ ފިލްމު ބެލި މީހުން ދައްކަން ފެށީމަ އެވެ. އެހިސާބުން ދެން ސިނަމާތައް ފުރި ބާރުވާ ވަރަށް ފިލްމު ބަލަން މީހުން ވަންނަން ފެށި އެވެ. އަދި އިސާހިތަކު 100 ކްރޯޑު ރުޕީސްގެ ވިޔަފާރި ވިއެވެ. އަދި ފިލްމުން އުނިކުރި ދެ ލަވަ ވެސް އަނެއްކާ ފިލްމުގައި ހިމެނި އެވެ.

ފިލްމު ބަލަން ސިނަމާތަކަށް ވަންނަމުންދިޔަ މީހުންނަށް ފަހުން ހީވީ އެމީހުން އެ ދެވެނީ ކައިވެނި ޕާޓީއަކަށް ކަމަށެވެ. ފިލްމުގެ ކޮންމެ ލަވައަކަށް އެންމެން ތެދުވެ ނަށާ މަޖާ ކޮށްފައި ވެއެވެ. އަދި އިސާހިތަކު އެންމެ ކާމިޔާބު ފިލްމުގެ ރެކޯޑް އޭރު އޮތް "ޑިސްކޯ ޑާންސާ"ގެ ރެކޯޑް މި ފިލްމުން މުގުރާލި އެވެ.

"ހަމް އާޕް ކެ ހޭ ކޯން" އަކީ އޮރިޖިނަލް ފިލްމެއް ނޫނެވެ. އެއީ 1982ގައި ރާޖްޝްރީ ޕްރޮޑަކްޝަނުން އުފެއްދި "ނަދިޔާ ކޭ ޕާރް"ގެ ރިމޭކެކެވެ.

ސާދްނާ އާއި ސަޗިން ލީޑް ރޯލު ކުޅެފައިވާ "ނަދިޔާ ކޭ ޕާރް"އަކީ މަޝްހޫރު ހިންދީ ވާހަކަ ލިޔުންތެރިޔާ ކޭޝަވް ޕްރަޝާދު މިޝްރާ ލިޔުނު "ކޯބަރް ކީ ޝަރްތު"ކިޔާ ވާހަކައެއްގެ މައްޗަށް ކުޅުނު ފިލްމެކެވެ.

ފިލްމު ރިލީޒްކުރިތާ 30 އަހަރު ފާއިތުވީއިރުވެސް ގިނަ ބައެއްގެ ފޭވަރިޓް ފިލްމަކަށް މި ފިލްމު ވެފައިވަނީ ފިލްމު ބަލާލުމުން ހިތަށް ލިބޭ ހިތްހަމަޖެހުމެއްގެ ސަބަބުންނެވެ.