އާމިރު ޚާންގެ އަންހެން ދަރިފުޅު އައިރާ ޚާން އާއި ނޫޕޫރް ޝިކާރޭ އެންގޭޖްވުމުގެ އުފަލުގައި ވަރަށް ކުލަގަދަ ޕާޓީއެއް އާމިރު ބާއްވައިފި އެވެ.
ހުކުރު ދުވަހުގެ ރޭ އޮތް މި ޕާޓީގައި އާމިރު ފެނުނީ ނުރަ ތުނބުޅިއެއްލާފައި ހުރި ދުވަސްވީ މީހެއްގެ ގޮތުގަ އެވެ.
މި ޕާޓީގައި އައިރާގެ މަންމަ އަދި އާމިރުގެ ފުރަތަމަ އަނބިމީހާ ރީމާ ދައްތާ އާއި ދެވަނަ އަށް ކައިވެނިކުރި ކިރަން ރާއޯ ވެސް ބައިވެރިވި އެވެ.
ކިރަން ދިޔައީ އާމިރުގެ މަންމަ ގޮވައިގެންނެވެ. އާމިރުގެ މަންމައަށް ވަރަށް ފަހުން ހާޓް އެޓޭކެއް ޖެހި ހޮސްޕިޓަލުގައި ގިނަ ދުވަސްތަކަކު އޮވެ ފަރުވާ ހޯދާފައިވެ އެވެ. އަދި މި ޕާޓީގައި ވެސް އޭނާ ބައިވެރިވީ ފުރޮޅުލީ ގޮނޑިއެއްގައި އިނދެގެންނެވެ.
މި ޕާޓީއަށް ދިޔަ މީހުންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އާމިރަށް ބޮޑުބޭބެ ކިޔާ އިމްރާން ޚާނެވެ. ބޮލީވުޑް ފިލްމު ކުޅުން ހުއްޓާލާފައިވާ އިމްރާން ވަރަށް މަދުން ނޫނީ މިހާރު އާއްމުންގެ ތެރެއިން ނުފެންނާތީ އޭނާއަށް ބޮޑު ސަމާލުކަމެއް ލިބުނީ އެވެ.
މި ޕާޓީގައި ބައިވެރިވި ފަންނާނުންގެ ތެރޭގައި ބަތަލާ ފާތިމާ ސަނާ ޝޭޚާއި ފިލްމު ޑައިރެކްޓަރު އަޝޫތޯޝް ގޮވާރިކަރްގެ ދެމަފިރިން އަދި އާމިރުގެ ދެބެންގެ ދެ ދަރި މަންސޫރު ޚާން ހިމެނެ އެވެ.
މަންސޫރަކީ އާމިރުގެ ފުރަތަމަ ފިލްމު "ގަޔާމަތު ސޭ ގަޔާމަތު ތަކް" އާއި އޭގެ ފަހުން ވެސް އޭނާ ކުޅުނު ރީތި އެތައް ފިލްމެއްގެ ޑައިރެކްޓަރެވެ. އޭނާވެސް މިހާރު ހުރީ ފިލްމީ މަސައްކަތާ މުޅިން ދުރުވެގެންނެވެ.
ދޮޅު އަހަރެއްހާ ދުވަހަށް ފިލްމު ކުޅުމާ ދުރަށް ދާން ނިންމާފައިވާކަން އާމިރު ވަނީ މިދިޔަ ހަފުތާގައި އިއުލާންކޮށްފަ އެވެ. އަދި އޭނާ ކުޅެން އެއްބަސްވެފައި އޮތް ހަމައެކަނި ފިލްމު "ޗެމްޕިއަން" ވެސް ނުކުޅެ ދޫކޮށްލާފައިވާ ކަމަށް އާމިރު ވަނީ ބުނެފަ އެވެ.
މިފަދަ ބޮޑު ނިންމުމެއް ކުއްލިއަކަށް ނިންމި ސަބަބެއް ކަމަށް އާމިރު ބުނެފައިވަނީ އާއިލާއަށް ވަގުތު ދިނުމަށް ކަމަށެވެ. ފާއިތުވީ 35 އަހަރު ތެރޭ އޭނާގެ ހުރިހާ ވަގުތެއް ހުސްކުރީ ފިލްމީ މަސައްކަތަށް ކަމަށް ވާތީ މި ދުވަސްތަކުގައި އާއިލާއަށް އެއްވެސް ވަގުތެއް ނުދެވުނު ކަމަށް އާމިރު އެއްބަސްވެ އެވެ. އަދި އޭނާ ކުރި ދެ ކައިވެނި ރޫޅެން މެދުވެރިވީ ސަބަބެއް ކަމަށްވެސް އާމިރު ދެކެނީ ހަމަ މި ސަބަބެވެ.