ބާސެލޯނާގެ ތިން ފޯވަޑުން ކަމަށްވާ ލަޔޮނަލް މެސީ އާއި ލުއިސް ސުއަރޭޒް އަދި ނޭމާ ހުއްޓުވަން ބޭނުންނަމަ ޖެހޭނީ އެ ތިން ކުޅުންތެރިން ސަސްޕެންޑްކުރަން ކަމަށް ޗިލީގެ ކޯޗު ޖޯޖް ސަމްޕޯލީ ބުނެފި އެވެ.
އުމުރުން މިހާރު 55 އަހަރުގެ ކޯޗު މިހެން ބުނީ މި ތިން ކުޅުންތެރިންގެ މެދުގައިވާ އެކުވެރިކަމަކީ ފުޓްބޯޅައިގައި މިހާރު ހުއްޓުވަންޖެހިފައިވާ އެންމެ ބޮޑު ކަންތައްތައް ކަމަށް ބުނެ ސަމާސާ ރާގެއްގައި އެތިން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ.
އޭނާ ބުނީ ރެއާލް މެޑްރިޑުގެ ފޯވަޑް ލައިނާ އަޅާ ބަލާއިރު ބާސެލޯނާގެ ފޯވަޑްލައިނުގައި މި ތިން ކުޅުންތެރިން ހޯދަމުން އަންނަ ކާމިޔާބީގެ އަސްލަކީ ވެސް އެކުވެރިކަން ކަމަށެވެ.
"މީގެ ތެރެއަށް ފީފާ ވަންނަންވީ. ނޭމާ އާއި މެސީ އަދި ސުއަރޭޒްގެ އެކުވެރިކަމަކީ ފުޓްބޯޅަ އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޯސްކަންތައް،" ސަމްޕޯލީ ބުންޏެވެ.
އޭނާ ބުނީ މެސީ އެކަނި ވެސް މެޗަކުން ޓީމު މޮޅުކޮށްދީފާނެ ކަމަށާއި އޭގެ އިތުރުން މެސީ، ނޭމާ އާއި ސުއަރޭޒް ބާރުވެރިކޮށްދޭ ކަމަށެވެ. އަދި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ތަފާތަކީވެސް ކުޅުންތެރިންގެ މެދުގައި އޮތް އެކުވަރިކަން ކަމަށެވެ.
"މެސީ އެކަނި މެޗެއް ކާމިޔާބު ކުރާނެ. އަދި އޭނާ ނޭމާ އާއި ސުއަރޭޒް އެހާވަރަށް ބާރުވެރިކޮށްދޭ. މިއީ ގަބޫލުވެސް ކުރަން ދަތި ކަމެއް. ފީފާއިން މިމީހުން ސަސްޕެންޑްކުރަންވީ،" ސަމާސާ ކުރަމުން ސަމްޕޯލީ ބުންޏެވެ.
"(ރެއާލް މެޑްރިޑުގައި) ރޮނާލްޑޯ ދުއްވައިގެންފިއްޔާ އެކަން ނިމޭނީ އޭނާއެކަނިހުރެ. ބޭލް ދުއްވައިގެންފިއްޔާ ވެސް ކަންތައް އޮތީ މިހެން. ކަރީމް ބެންޒެމާ ކުރާނީ އޭނާ އަށް ކުރެވޭ ކަމެއް އެކަނި. އެއްވެސް ފުރުސަތެއް (އޭނާ) ތަނަވަސްކޮށްނުދޭނެ. (މިއާ ހިލާފަށް) ބާސެލޯނާގެ ތިން ފޯވަޑުންގެ މެދުގައި އޮތީ ވަރަށް އެކުވެރިގުޅުމެއް. އެކަކު އެނެކަކަށް ބާރުދޭ،" ސަމްޕޯލީ ބުންޏެވެ.
ފީފާގެ މޮޅު ކޯޗުގެ މަގާމަށް ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ އާއި ބަޔާން މިއުނިކްގެ ކޯޗު ޕެޕް ގާޑިއޯލާގެ ފަހަތުން ތިން ވަނަ އަށް ދިއުމަކީ ފަހުރެއް ކަމަށެވެ.
"ގާޑިއޯލާ އަކީ ކޮންމެ ގައުމެއްގައި ވެސް އޭނާގެ އަމިއްލަ ސްޓައިލް ދިރުވާ މީހެއް. އޭނާ އަކީ މޮޅު ކޯޗެއް. އޭނާ އަކީ އެއްވެސް މީހަކު ދެކެ ޖެހިލުންވާ މީހެއްނޫން. މާސެލޯ ބިއެލްސާ އާއި ގާޑިއޯލާ އަކީ އެންމެ މޮޅު ދެ ކޯޗުން،" ދެކުނު އެމެރިކާގެ ފުޓްބޯޅަ މުބާރާތް ކޮޕާ އެމެރިކާ މިދިޔަ އަހަރު ޗިލީ އަށް ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.