ބޮލީވުޑް

"ސަލާމް ވެންކީ" ނުކުޅެން ވަރަށް ދެކޮޅުހެދިން: ކާޖޮލް

ކާޖޮލް އަކީ ކިތަންމެ ހުނަރުވެރި ބަތަލާއެއް ނަމަވެސް އޭނާއަށް އެއްގޮތަކަށް ވެސް ކުޅެން ނުކެރޭ ކަހަލަ ފިލްމު ހުރެ އެވެ. ކާޖޮލް ނޫނަސް ވަރަށް ގިނަ މަންމައިން މިފަދަ ތަޖުރިބާއެއް ފިލްމެއްގައި ނަމަވެސް ކުރާކަށް ބޭނުމެއް ނުވާނެ އެވެ.

އަންނަ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ކާޖޮލްގެ އާ ފިލްމު "ސަލާމް ވެންކީ" ކުޅެދޭން އޭނާ ތިން ދުވަސް ވަންދެން ދެކޮޅު ހެދި އެވެ. އެންމެ ފަހުން ފިލްމުގެ ޑައިރެކްޓަރު ރެވާތީ ވަރަށް ވާހަކަ ދައްކައިގެން ހަތަރުވަނަ ދުވަހު ކާޖޮލް މި ފިލްމު ކުޅެދޭން އެއްބަސްވީ އެވެ.

ފިލްމުގެ ވާހަކަ އާއި ސްކްރިޕްޓް ކާޖޮލް އަށް ވަރަށް ކަމުދިޔަ އެވެ. އަދި އޭނާ ކުޅެން ޖެހޭ ހިތްވަރުގަދަ އަންހެނެއްގެ ރޯލު ވެސް ވަރަށް ކުޅޭހިތް ވިއެވެ. ނަމަވެސް ސްކްރިޕްޓްގެ ތަންކޮޅެއް އަޑުއަހާފައި އޭނާ ވަގުތުން ނޫނެކޭ ބުންޏެވެ. އަދި އިތުރަށް ސްކްރިޕްޓް އަޑުއަހަން ބޭނުމެއް ނޫނޭ ކިޔާފައި ކަންފަތުގައި އަތް އެޅި އެވެ. އަދި ތިން ދުވަސް އެގޮތުގައި ހިފަހައްޓާލި އެވެ. ސަބަބަކީ މި ފިލްމުގައި އޭނާ ކުޅެން ޖެހެނީ ފަސޭހަނުވާ ކަހަލަ ބައްޔެއް ޖެހިފައިވާ ކުޑަ ކުއްޖެއްގެ މަންމައެއްގެ ރޯލަށް ވާތީ އެވެ.

"ސަލާމް ވެންކީ" އަކީ ޝްރީކާންތު މުރްތީ ލިޔެފައިވާ "ދަ ލާސްޓް ހުއްރާ" ކިޔާ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. ވާހަކައިގައި ކިޔައިދެނީ ފަސޭހަ ނުވާ ވަރުގެ ބައްޔެއް ޖެހިފައިވާ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރެވޭތޯ މަންމައަކު ކުރާ މަސައްކަތެވެ. ދަރިފުޅުގެ ބަލި ހާލު ބޮޑުވަމުންދިޔައިރު އެ މަންމައަށް ކުރަމުންދިޔަ އަސަރު ތަކެވެ. އަދި ދަރިފުޅަށް ފަރުވާއެއް ލިބޭތޯ މަންމައަކު ވީ ގުރުބާނީ އެވެ.

"ސަލާމް ވެންކީ" ޓްރެއިލާ

ކާޖޮލް ބުނި ގޮތުގައި ފިލްމުގައި ކިޔައިދެނީ ކޮންމެ މަންމައަކާއި ބައްޕައަކު ވެސް އެންމެ އަޑުއަހަން ބޭނުންނުވާނެ އަދި އެންމެ ތަޖުރިބާކުރަން ބޭނުންނުވާނެ ވާހަކަ ތަކެކެވެ. މައިންބަފައިންގެ ހިތުގައި އޮންނަ އެންމެ ބިރުވެރި ކަންތަކެވެ. އެމީހުންގެ ދަރިއަކަށް ބޮޑު ބައްޔެއް ޖެހި އެ ވޭނުގައި އުޅޭތަން ދެކޭކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ.

"ތިން ދުވަސް ވަންދެން އަހަރެން ފިލްމު ކުޅެން ދެކޮޅުހެދިން. އަހަރެން ބުނިން އަހަރެންގެ ދަރިންނަށް މިފަދަ ބޮޑު ކަމެއް ދިމާވާ ތަން ދެކެން އަހަރެން ބޭނުމެއް ނޫނޭ. އަދި ފިލްމެއްގައި ވެސް އެފަދަ ތަޖުރިބާއެއް ކުރަން ބޭނުމެއް ނޫނޭ. ދުޝްމަނަކަށް ވެސް މިފަދަ ދުވަހެއް ފެންނާކަށް އެކަކުވެސް ނޭދޭނޭ،" ފިލްމު ކުޅެން ދެކޮޅު ހެދި ސަބަބު ކިޔައިދެމުން ކާޖޮލް ބުންޏެވެ.

ފިލްމުގެ ޑައިރެކްޓަރު ރެވާތީ ބުނި ގޮތުގައި ހަތަރު ވަނަ ދުވަހު އެންމެ ފަހުން ކާޖޮލް ފިލްމު ކުޅެން އެއްބަސްވީ އޭނާ ވަރަށް ގިނަ ވާހަކަތައް ދައްކައި ވިސްނައިދީގެންނެވެ.

"އަހަރެންނަކީ ރެވާތީ މެޑަމްގެ ވަރަށް ބޮޑު ފޭނެއް. އެހެންވެ އޭނާ އެވަރަށް ވިސްނައިދިނީމަ 10 ވަރަކަށް މިނިޓް ވިސްނާލަން އިނދެފައި އަހަރެން އާނއެކޭ ބުނީ. ހަގީގަތުގައި މި ފިލްމުގެ ތަރިއަކީ ރެވާތީ. ފިލްމު ބަލާލުން އެކަން ވަރަށް ރަނގަޅަށް އެނގޭނެ،" ކާޖޮލް ބުންޏެވެ.

"ސަލާމް ވެންކީ" އަކީ ފިލްމު ޑައިރެކްޓްކުރުމާ ދުރުގައި 18 އަހަރު ދުވަހު ހުރުމަށްފަހު ރެވާތީ އުފައްދާ ފުރަތަމަ ފިލްމެވެ. އެންމެ ފަހުން އޭނާ ޑައިރެކްޓްކުރީ ޝިލްޕާ ޝެޓީ އާއި ސަލްމާން ޚާން އަދި އަބީޝެކް ބައްޗަންގެ "ޕިރް މިލޭނގޭ" އެވެ.

ކާޖޮލް ބުނި ގޮތުގައި ރެވާތީ ޑައިރެކްޓްކުރާ ފިލްމެއް ކުޅެލާހިތް އޭނާވީ "ޕިރް މިލޭނގޭ" ބަލާފަ އެވެ.

ރެވާތީ ބުނި ގޮތުގައި އޭނާ ފިލްމުގެ ސްކްރިޕްޓް ކިޔައިދޭން ފެށުމުން ކާޖޮލް ފުރަތަމަ ކަންފަތުގައި އަތްއެޅީ އެވެ. އަދި އިތުރަށް އެ ސްކްރިޕްޓް އަޑުއަހަން ބޭނުމެއް ނޫނޭ ބުންޏެވެ. އަދި ފިލްމު އެ ފިލްމު ކުޅެން ވެސް ބޭނުމެއް ނޫނޭ ބުންޏެވެ.

"އަހަރެން ބުނިން ސްކްރިޕްޓް ކިޔާ ނިމެންދެން އަޑުއަހާ ބަލާށޭ. ނެރޭޝަން ނިމުނުއިރު ކާޖޮލްގެ ހިތް ވަނީ ބަދަލުވެފައި. ވަގުތުން ބުނި އަހަރެން ބޭނުމޭ ފިލްމުގެ އެ ލަވަ ކިޔާލަން. އަހަރެން ބޭނުންވަނީ ކޮސްޓިއުމްސް މިގޮތަށޭ ހުންނަން،" ކާޖޮލް ފިލްމު ގަބޫލުކުރި ގޮތް ކިޔައިދެމުން ރެވާތީ ބުންޏެވެ.

"ސަލާމް ވެންކީ"ގައި ކާޖޮލްގެ އިތުރުން ރާހޫލް ބޯސް، ރަޖީވް ކަންޑެލްވާލް، ޕްރަކާޝް ރާޖް އަދި އާހްނާ ކުމްރާ ބައިވެރިވެ އެވެ. އަދި ސަޕްރައިސް އެކްޓަރެއްގެ ގޮތުގައި ކާޖޮލްގެ ފުރަތަމަ ފިލްމު "ބޭޚުދީ"ގެ ބަތަލު ކަމާލް ސަދާނާ ވެސް ބައިވެރިވެ އެވެ. އަދި އާމިރު ޚާން ވެސް މި ފިލްމުގައި މެހެމާނެއްގެ ރޯލު އަދާ ކޮށްފައި ވެއެވެ.

މި ފިލްމުގައި ކަމާލް ބައިވެރިވާކަން ޚުދް ކާޖޮލް އަށް ވެސް ކުރިން ނާންގަ އެވެ. އޭނާއަށް ފުރަތަމަ ދުވަހުގެ ޝޫޓިންގްގައި ކަމާލް އާ ބައްދަލުވުމުން ބޮޑު ޝޮކެއް ލިބުނުކަމަށް ކާޖޮލް ބުންޏެވެ.

"ކަމާލް އާއި އަހަރެންގެ އެކުވެރިކަން ފާއިތުވީ 30 އަހަރު ތެރޭގައި ވެސް ނުކެނޑި އޮތް. ނަމަވެސް ބައްދަލުނުވާތާ 15 ވަރަކަށް އަހަރު ފަހުން ކުއްލިއަކަށް މި ފިލްމުގެ ސެޓުން ކަމާލް ފެނުނީމަ އަހަރެންނަށް ލިބުނީ ޝޮކެއް. އަދި ހަޅޭއް ލަވަން ފެށުނު ގޮތަށް އެތައް އިރެއް ވީއިރުވެސް ހަޅޭއްލެވުން ހުއްޓައެއް ނުލެވުނު،" ކާޖޮލް ބުންޏެވެ.

ކަމާލް ބުނި ގޮތުގައި އޭނާގެ ކެރެކްޓާއަކީ ފިލްމުގެ ބޮޑު ސަޕްރައިޒެކެވެ. އެހެންވެ ފިލްމުގެ ޓްރެއިލާގައި ވެސް އޭނާ ނުދައްކާނެ ކަމަށް ހީކުރި އެވެ. ނަމަވެސް ޓްރެއިލާގައި އޭނާ ދައްކާތީ އޭނާ ފިލްމުގައި ބައިވެރިވާކަން ހާމަވެފައިވާ ކަމަށް ކަމާލް ބުންޏެވެ.