ދުނިޔެ

ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓާ އެކައުންޓް ބަންދުން ވީއްލައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓްވިޓާ އެކައުންޓް ބަންދުން ވީއްލައި އޭނާއަށް ދޫކޮށްލައިފި އެވެ.

ޓްރަމްޕްގެ ޓްވިޓާ އެކައުންޓް، ޓްވިޓާ މެނޭޖުމަންޓުން ބަންދުކުރީ އެމެރިކާގައި 2020 ގައި އޮތް ރިޔާސީ އިންތިހާބާ ގުޅިގެން ޖެނުއަރީ 6، 2021ގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެންނެެވެ.

ޑޮނަލްޑް ޓްރަމްޕަށް 2020ގެ ރިޔާސީ އިންތިހާބު ގެއްލި ވަޑައިގަތުމާ ގުޅިގެން އޭނާ އާއި އޭނާއަށް ވަފާތެރި ސަޕޯޓަރުންގެ ހިތުގައި -- ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި މިހާރުގެ ރައީސް ޖޯ ބައިޑަންއާ މެދު އުފެދުނު ނަފުރަތުގައި، ސަޕޯޓަރުންގެ އެތައް ބަޔަކު ވަނީ ގާނޫނު ހަދާ މަޖިލީހަށް ވަދެގަނެ ދައުލަތުގެ މުދަލަށް ގެއްލުންދީފަ އެވެ.

ޓްވިޓާގެ މެނޭޖްމަންޓުން އެއިރު ބުނި ގޮތުން ޓްރަމްޕަށް ވަފާތެރި މީހުންގެ ހިތުގައި އަދި އާންމުގެ ހިތުގައި ސަރުކާރާ މެދު ނަފުރަތު އުފެއްދެވުމަށް ޓްރަމްޕް އެންމެ ގިނައިން ބޭނުންކުރެއްވީ އޭނާގެ ޓްވިޓާ އެކައުންޓެވެ.

ތަންތަނަށް ވަދެގަތުމަށާއި އަމަން ބަލަހައްޓާ އޮފިޝަލުންނަށް ހަމަމާދިނުމަށް ވެސް ޓްރަމްޕް ބާރުއެޅުއްވި ކަމަށް ބުނެ ޓްވިޓާއިން ވަނީ ޖެނުއަރީ 8، 2021 ގައި އޭނާގެ އެކައުންޓް ބަންދުކޮށް އަތުނުޖެހޭ ގޮތް ހަދާފަ އެވެ.

އެހެން ނަމަވެސް، އެމެރިކާގެ މަހުޖަނު، މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކް 44 ބިލިއަނަށް ޓްވީޓަ ބައްލަވައި ގަތުމަށް ފަހު ޓްރަމްޕްގެ ޓްވިޓާ އެކައުންޓް ދޫކޮށްލަން ފެނޭތޯ ބެއްލެވުމަށް ވަނީ ވޯޓެއް ނަންގަވާފަ އެވެ.

ވޯޓަށް ހުޅުވާލުމުން 24 ގަޑިއިރު ތެރޭގައި 15 މިލިއަން މީހުން ވަނީ ވޯޓުދީފަ އެވެ. އަދި 51.8 ޕަސެންޓް މީހުން ވޯޓު ދިނީ ޓްރަމްޕަށް އޭނާގެ އެކައުންޓް ރުޖޫއަކޮށް ހަވާލުކުރުމަށް ފެންނަ ކަމަށެވެ.

ޓްވިޓާއިން ހާމަކުރި މައުލޫމާތުން ދައްކާ ގޮތުގައި ޓްރަމްޕްގެ އެކައުންޓް ބަންދުކުރިއިރު 90 މިލިއަނާ ގާތްކުރާ އަދަދަކަށް ފޮލޯވަރުން ތިއްބެ އެވެ. އެހެންނަމަވެސް އެކައުންޓް ދޫކޮށްލިއރު ތިބީ 320،000 ފޮލޯވަރުންނެވެ.

އެކަމަކު އެކައުންޓް ދޫކޮށްލިތާ ސާޅީހަކަށް މިނެޓްގެ ތެރޭގައި ފޮލޯވަރުގެ އަދަދު 1.3 މިލިއަނަށް ވަނީ އަރާފަ އެވެ. އެކަމަކު މި އަދަދު ޓްވިޓާއިން އަދި ފެންނަ ގޮތެއް ނުހަދަ އެވެ.

ޓްރަމްޕް އަދި ޓްވިޓާ އެކައުންޓް މެދުވެރިކޮށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އޭނާ ކުރިން ބުނި ގޮތުން ޓްވިޓާ އެކައުންޓް އަނބުރާ ލިބިވަޑައިގަތް ނަމަވެސް ބޭނުންފުޅެއް ނުކުރައްވާނެ އެވެ.

ޓްރަމްޕް މިހާރު ވެސް ވިދާޅުވަަނީ ހަމަ މިފަދައިންނެވެ.

އީލޮން މަސްކު ވިދާޅުވި ގޮތުގައި އެހާ ބޮޑު އަގަކަށް ޓްވިޓާ ބައްލަވައިގަތް ސަބަަބަކީ ވެސް ޓްވިޓާ މިންވަންކުރުމެވެ.

ޓްވިޓާގައި ވަރަށް މުހިންމު އެތައް ބަޔަކު ބަންދުކޮށްފައި ތިބި ކަމަށް ވިދާޅުވެ މަސްކް ވިދާޅުވީ ބިނާކުރަނިވި ފިކުރަށް ފުރުސަތު ދެއްވާނެ ކަމަށެވެ.