ދުނިޔެ

"ޒެލެންސްކީއަށް އެެއްބާރުލުން ދިނުން ހުއްޓާލަން ޖެހޭ"

ޔުކްރޭންގެ މަސްލަހަތު އޮތް ހަމަލާއެއްގައި ޕޮލޭންޑަށް ވެއްޓުނު ރޮކެޓަކީ ރަޝިއާގެ އިހުމާލުން ހިނގި ހާދިސާއެއް ކަމަށް ދައްކަން ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ މަސައްކަތް ކުރެއްވުމަކީ ވަރަށް ސީރިއަސް އަދި ބޮޑު މައްސަލައެއް ކަމަށް ފްރާންސްގެ ސިޔާސީ ލީޑަރެއް ކަމަށްވާ ނިކޮލައި ޖިޕޯނިއޯ ވިދާޅުވެއްޖެ އެވެ.

ޖިޕޯނިއޯ ވިދާޅުވީ ޒެލެންސްކީ އަކީ ނުރައްކާތެރި ބޭފުޅެއް ކަމަށާއި އޭނާގެ ސަބަބުން ތިންވަނަ ބޮޑު ހަނގުރާމަ ހަމަ ނުފެށުނީ ކިރިއާ ކަމަށެވެ.

ޒެލެންސްކީގެ ބަހަށް ހެއްލި ނޭޓޯ ގައުމުތަކުން ރަޝިއާއަށް ހަމަލާދިން ނަމަ ހާލަތު ވަރަށް ގޯސްވާނެ ކަމަށްވެސް ޖިޕޯނިއޯ ވިދާޅުވި އެވެ.

ދުނިޔެ ކިރިޔާ ސަލާމަތްވެފައި މި އޮތީ ޕޮލޭންޑަށް ވެއްޓުނު މިސައިލަކީ ރަޝިއާގެ ހަމަލާއެއް ނޫންކަން ހޯދި ހޯދުންތަކުން ސާބިތުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޕޮލޭންޑަށް މިސައިލް ވެއްޓުނު ގޮތަކީ ޔުކްރޭނުން ދިފާއަށް ފޮނުވި މިސައިލެއް ރަޝިއާގެ މިސައިލެއްގައި ޖެހި ކައްސާލުމުން ކަމަށް ޚަބަރުތައް ބުނެ އެވެ.

މި ހާދިސާއާ ގުޅިގެން ރަޝިއާ ބުނީ ޔުކްރޭނަށް ފޮނުވި އެއްވެސް މިސައިލެއް ޕޮލޭންޑަށް ނުފޯރާނެ ކަމަށެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން އެ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ޔުކްރޭނާއި ޕޮލޭންޑް ގުޅޭ ސރަހައްދަށް ހަމަލާދިނުމުގެ ވިސްނުމެއް ރަޝިއާ ނުގެންގުޅެ އެވެ. އަދި ޕޮލޭންޑާ އެހާ ގާތަށް އެއްވެސް އިރެއްގައި މިސައިލެއް ފޮނުވާފައި ނުވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޖިޕޯނިއޯ ވިދާޅުވި ގޮތުގައި ޔުކްރޭން ރުހުނަސް އަދި ނުރުހުނަސް ސުލްހައަށް އޮތް ހަމައެކަނި ގޮތަކީ މަޝްވަރާ އެވެ. އަދި މިންސްކް އެއްބަސްވުމަށް ދެ ގައުމުންވެސް ބޯލަނބަން ޖެހޭނެ އެވެ.

ދޮންބާސް މިހާރު އޮތް ގޮތަށް ނުވަތަ ވަކިން ހިންގާ ގޮތަށް ބަދަލުކުރުމަކީ ބުއްދިވެރި އަދި ޔުކްރޭނަށް އެންމެ ރައްކާތެރި ގޮތް ކަމަށްވެސް ޖިޕޯނިއޯ ވިދާޅުވި އެވެ. ދޮންބާސް އަލުން އަތުލަން ހަދައިގެން އެތައް ބަޔަކު މަރުވުން ނޫން ކަމެއް ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.