ފިނިޕޭޖް

ރެޕާ ބްލޫފޭސް ހައްޔަރުކޮށްފި

ރެޕާ ޖޮނަތަން ޕޯޓާ "ބްލޫފޭސް" ހައްޔަރުކޮށްފި އެވެ.

ލާސް ވެގަސް ޕޮލިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި 25 އަހަރުގެ ބްލޫފޭސް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ އަށްވަނަ ދުވަހު ހިނގި ޝޫޓިން އަކާ ގުޅިގެން މީހަކު މެރުމަށް މަސައްކަތްކުރިކަމުގެ ތުހުމަތުގައާއި މީހަކު ހުރި އިމާރާތަކަށް ޝޫޓްކުރިކަމުގެ ތުހުމަތުގަ އެވެ.

ބްލޫފޭސްގެ ބެއިލްއަށް ވަނީ 50،000 ޑޮލަރު ކަނޑައަޅާފަ އެވެ. އަދި ފުރަތަމަ އަޑު އެހުން ވަނީ އަންނަ ޖެނުއަރީ މަހަށް ކަނޑައަޅާފަ އެވެ.

ޓީއެމްޒީގައި ޕޮލިހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވަނީ މި މައްސަލައިގެ ފެށުމަކީ ބްލޫފޭސް އާއި އޭނާގެ ގޭންގް ދިޔަ ކްލަބެއްގައި ހުރި މީހަކު ޖެހި ޖޯކެއް ކަމަށެވެ. އެ ޖޯކާ ގުޅިގެން ބްލޫފޭސްގެ ގޭންގް މީހުން އެމީހާ ގައިގައި ތަޅާ އަނިޔާކުރި ކަމަށްވެ އެވެ. އަދި އެ މީހާ އެތަނުން ނިކުމެ، އޭނާގެ ޓްރަކަށް އަރާ ދުއްވާލުމުން، ބަނޑީގެ ހަމަލާއެއް ދޭން އުޅޭކަމަށް ހީކޮށް ބްލޫފޭސް ވަނީ އެ ޓްރަކަށް ޝޫޓްކޮށްފަ އެވެ.

ޓީއެމްޒީ ހޯދި ސީސީޓީވީ ފުޓެޖްގައި ފެންނަނީ ބްލޫފޭސް އާއި ގޭންގް ޕާކިން ލޮޓްގައި ހުއްޓާ، އެ ޓްރަކް އެމީހުންގެ ކައިރިއަށް ކުއްލިއަކަށް ހުއްޓާ ތަނެވެ. ދެން ފެންނަނީ ބްލޫފޭސް ބަޑިއެއް ނަގައި އެ ޓްރަކަށް ޝޫޓްކުރާ ތަނެވެ.

ޕޮލިހުން އިތުރަށް ބުނި ގޮތުގައި އެ މީހާގެ އަތުގައި ވަޒަނެއް ބީހިފައިވާ ކަމުގެ ނިޝާން އާއި އެ ޓްރަކަށް ގިނަ އަދަދެއްގެ ވަޒަން ވަދެފައިވާ ކަމުގެ ނިޝާން ފެންނަން ހުރި ކަމަށެވެ.

ބްލޫފޭސް ވަނީ 2028 ވަނަ އަހަރުގެ ތެރޭގައި ވެސް މީހެއްގެ ކާރަކަށް ޝޫޓްކޮށްފަ އެވެ. އެފަހަރު ބްލޫފޭސް ހައްޔަރުކޮށް 69،000 ޑޮލަރުގެ ބެއިލްއަކުން ވަނީ ދޫކޮށްލާފަ އެވެ. އަދި 2019 ވަނަ އަހަރުގެ ތެރޭގައި ރަޖިސްޓާ ނުކުރާ ލޯޑްކޮށްފައި އޮތް ބަނޑިއެއް ގެންގުޅުނު ކަމުގެ ތުހުމަތުގައިވެސް ބްލޫފޭސް ހައްޔަރުކޮށްފައިވެ އެވެ.