ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)

އާރްޓީއެލް ފެރީގެ ހިދުމަތް މާދަމާ ޅ. އަތޮޅަށް

ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫ -- ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ޅ. އަތޮޅަށް މާދަމާ ފަށާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އާރްޓީއެލް ފެރީ ޅ. އަތޮޅުގައި ފުރަތަމަ ފަށަން މަސައްކަތް ކުރީ މިމަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް މިދަތުރުތައް ފަސްކުރި ސަބަބެއް އެނގިފައެއް ނުވެ އެވެ.

އެމްޓީސީސީގެ މީޑިއާ އޮފިޝަލް މުހައްމަދު މައިލާން ވިދާޅުވި ގޮތުގައި ޅ. އަތޮޅަށް ބޭނުންވާ ފެރީތައް މިހާރު ވަނީ އެ އަތޮޅަށް ފޮނުވާފައި ކަމަށާއި މާދަމާއިން ފެށިގެން ދަތުރުތައް ފަށާނެ ކަމަށެވެ.

މައިލާން ވިދާޅުވީ ޅ. އަތޮޅުގައި ފުރަތަމަ ހަފްތާ ކުރިއަށް ގެންދާނީ ހިލޭ ދަތުރުތަކެއް ކަމަށެވެ. އާރްޓީއެލްގެ ހިދުމަތަށް އަގު ނަގަން ފަށާނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މިދިޔަ ބުދަ ދުވަހު އަހަރީ ރިޕޯޓް ހުށަހަޅުއްވަމުން ހައުސިން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގު ވިދާޅުވީ މިވަގުތު ގައުމީ ތަރައްގީގެ ގޮތުގައި ކުރިއަށްދާ އެންމެ ބޮޑު މަސައްކަތަކީ ރާއްޖޭގެ ރަށްތައް އާރްޓީއެލް ފެރީގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް ކަމަށެވެ.

"ޅ. އަތޮޅުގެ ރަށްތަކަށް އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމުގެ މަސައްކަތް މާދަމާ ފެށޭނެ،" ޝާނާ ވިދާޅުވި އެވެ.

އާރްޓީއެލްގެ ހިދުމަތް ޅ. އަތޮޅުގައި ފެށިގެން ދިއުމާއެކު ޖުމުލަ ހަތަރު އަތޮޅު ގުޅާލެވޭނެ އެވެ.

ޝާނާ ވިދާޅުވީ މިވަގުތު ހއ، ހދ. އަދި ށ. އަތޮޅުގެ 41 ރަށަށް އާރްޓީއެލްގެ ފެރީގެ ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ. މިއީ އާރްޓީއެލް ފެރީގެ ހިދުމަތުގެ ފުރަތަމަ ފިޔަވައްސެވެ. ދެން ފެށުމަށް އޮތީ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގެ މަސައްކަތް ކަމަށްވެސް ޝާނާ ވިދާޅުވި އެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ފެރީގެ ހިދުމަތް ކުރިއަށްދަނީ ވަރަށް ރަނގަޅު ޕްލޭނެއްގެ ދަށުން ކަމަށެވެ.

"[ފެރީ ނިޒާމު ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް] ޕްލޭނެއް ހަދާފައި ޑޮކިއުމެންޓް ކޮށްފައި އޮތީ. ޕްލޭންގައި އެބައޮތް މުޅި ރާއްޖެއަށް އެކަން [ފެރީގެ ނިޒާމު] ފެތުރިފައި އޮންނާނެ ގޮތަށް،" އަސްލަމް ވިދާޅުވި އެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދެވޭނީ 2024 ވަނަ އަހަރުގެ ތެރޭގައި ކަމަށްވެސް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.