ވޯލްޑްކަޕްގެ މެޗުތައް ބެލުމަށް މާލޭގެ ބައެއް ސަރަހައްދުތަކުގައި ސްކްރީންތައް ބަހައްޓާފައިވާތީ މާލެގެ ބައެއް މަގުތައް ބަންދު ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާލޭގެ ބައެއް މަގުތައް ބަންދުކުރަން ނިންމީ ބައެއް މަގުތަކަށްވާ ގޮތަށް ސްކްރީން ބަހައްޓައިގެން ވޯލަޑްކަޕްގެ މެޗުތައް ބެލުމަށް ގިނަ ބަޔަކު އެދެމުން ދާތީ ވަކި އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ.
މިގޮތުން މެޗް ފެށުމުގެ 30 މިނެޓް ކުރިން ފެށިގެން މެޗް ނިމި، އިތުރު 30 މިނެޓާ ހަމައަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރަން ކައުންސިލުން ވަނީ ހުއްދަ ދީފަ އެވެ. ނަމަވެސް މެޗް ނިމުމަށްފަހު ބަންދު ކުރާ މަގުތައް ހުޅުވާލައި އާންމުދަތުރުފަތުރަށް ފުުރުސަތު ދޭނެ ކަމަށްވެސް އިއުލާންގައިވެ އެވެ.
މެޗުތައް ފެށުމުގެ މާކުރިން އެއްވެސް މަގެއް ބަންދު ނުކުރުމަށްވެސް ސިޓީ ކައުންސިލުން އަންގާފައިވެ އެވެ.
ބަންދުކުރުމަށް ހުއްދަދެވޭ ސަރަހައްދުތަކުގެ ލިސްޓް މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓުންނާއި އެ ކައުންސިލްގެ ޓްވިޓާ އެކައުންޓުން ހާމަކުރަމުން ދާނެ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.
ގަތަރުގައި ވޯލްޑް ކަޕް މިރޭ ފަށާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގަތަރާއި އިކުއެޑޯ އެވެ.