ފިންލޭންގެ އިރުމަތިން ރަޝިއާއާ އިންވެފައި އޮންނަ ސަރަހައްދީ ބޯޑަރުގައި އަންނަ އަހަރު ފެންސް ޖަހަން ފަށާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
ރަޝިއާ ސިފައިން ފެބްރުއަރީ 24 ގައި ޔުކްރޭނަށް އަރައިގަތުމާ ގުޅިގެން ފިލޭންޑް އޮންނަނީ ބިރުންނެވެ.
ރަޝިއާ ދީފާނެ ހަމަލާއަކުން ދިފާއުވުމަށް އަސްކަރިއްޔާ ވަރުގަދަ ކުރުމާއި ބޯޑަރު ބެލެހެއްޓުން ފަދަ ޕްރޮޖެކްޓްތަކާ އެކު ފިންލޭންޑް އޮތީ ވަރަށް ހުޝިޔާރުވެ އެވެ.
ފިންލޭންޑާއި ރަޝިއާ ބޯޑަރު ހިއްސާކުރާ ސަރަހައްދު 1،300 ކިލޯމީޓަރު -- 808 މޭލަށް ދުވެފައި އޮވެ އެވެ. މިއީ ޒަމާނުއްސުރެ ފިންލޭންޑަށް ނުރައްކާކުރާ ސަރަހައްދެއް ކަމަށް އެ ގައުމުގެ ބޯޑަރު ބަލަހައްޓާ ގާޑުން ބުނެ އެވެ.
ރަޝިއާ ކުރީގެ ސޯވިއެޓް ޔޫނިއަނުން ވަކިވުމުގެ ކުރިން 1939 ގައި ވެސް ވަނީ ފިންލޭޑަށް ވަދެގެންފަ އެވެ. އެގޮތުގައި ފިންލޭންޑް ހިސޯރުކޮށް ތިން މަހަށް ވުރެ ގިނަ ދުވަސް ވަނީ ހޭދަކޮށްފަ އެވެ.
ބޯޑަރު ގާޑުން ބުނާ ގޮތުން މި ވަގުތަށް ފެންސް ޖަހާނީ އެންމެ ނުތަނަވަސް ހިސާބުތަކުގެ އެވެ. މިގޮތުން ހިންގާ ޕައިލެޓް ޕްރޮޖެކްޓްގައި 70 ކިލޯ މީޓަރު -- 44 މޭލުގެ ސަރަހައްދެއް ކަވަރުކުރަން ވަނީ ނިންމާފަ އެވެ.
ރަޝިއާ، ފިންލޭންޑް ބޯޑަރު ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވައްސަށް 143 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އޮތީ އަންދާޒާ ކޮށްފަ އެވެ.
ފިންލޭޑުން ބުނާ ގޮތުން 2023 ގައި ފެންސް ޖަހަން ފެށި ނަމަވެސް ތާވަލުކޮށްފައި ހުރި މަސައްކަތްތައް 2024 އަށް ދިގުދެމިގެން ވެސް ހިނގައިދާނެ އެެވެ. އެހެންކަމުން މަސައްކަތްތައް ނިންމޭނެ ކަމަށް ބަލާނީ 2024 ގައި ކަމަށް ވަނީ ބުނެފަ އެވެ.
ސަރަހައްދީ އިމުގައި ފެންސް ޖަހައި ނަރުދާ ދަމާލުމުން ބޯޑަރު ގާޑުންނަށް ލައްކަ ފަސޭހަވާނެ ކަމަށް ގާޑުން ބުނެ އެވެ. އަދި ބޯޑަރު ބެލެހެއްޓުމަށް މިހާރު ކުރެވޭ ބައެއް ހަރަދު އުނިކުރި ނަމަވެސް ދެމެހެއްޓެނި ރައްކާތެރި ކަމެއް ކަށަވަރު ކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ރަޝިއާއިން ދީފާނެ ހަމަލާއަކުން ފިންލޭންޑަށް ދެން ސަލާމަތްވެވެން އޮތީ އެ މީހުން ގަބޫލުކުރާ ގޮތުގައި ނޭޓޯގައި ބައިވެރިވެގެންނެވެ. މި މަސައްކަތްތައް މިހާރު ފެށިގައި އޮތް ނަމަވެސް ތުރުކީއާ ހެދި އޮތީ ކުރިއަށްދާ ގޮތް ނުވެފަ އެވެ.
ތުރުކީ ބުނާ ގޮުތުން ފިންލޭންޑަކީ ޓެރަރިސްޓުންނަށް އެހީތެރިވާ އަދި ހިޔާވަހިކަންދޭ ގައުމެކެެވެ.
ފިންލޭންޑް ނޭޓޯގައި ބައިވެރިވުމަށް ތުރުކީއަށް އެއްބަސްވެވެން އޮތީ -- ތުރުކީ ބުނާ ގޮތުގައި ޓެރަރިސްޓުންގެ ހާލިތަށް ފިންލޭންޑުން ނައްތާލުމުންނެވެ.