ދުނިޔެ

މެލޭޝިއާއަށް މިއަދު ބޮޑުވަޒީރަކު ހަމަޖައްސަން ރަސްގެފާން އެދިވަޑައިގެންފި

މެލޭޝިއާގައި ހޮނިހިރު ދުވަހު އޮތް އާންމު އިންތިހާބުގައި ކުރި ލިބުނު ޕާޓީތަކުން މަޝްވަރާކޮށް ކޯލިޝަން ސަރުކާރެއް އެކުލަވާލައްވައި ބޮޑުވަޒީރަކު އައްޔަން ކުރެއްވުމަށް ރަސްގެފާން އެދިވަޑައިގެންފި އެވެ.

ރަސްގެފާން ޕާޓީތަކުގެ ލީޑަރުންނަށް އަންގަވާފައި ވަނީ ހޯމަދުވަސް -- މިއަދު 2:00 ޖެހުމުގެ ކުރިން ބޮޑުވަޒީރަކު ކަނޑައަޅުއްވައި ރަސްގެފާނަށް ނަން ހުށަހެޅުއްވުމަށެވެ.

ޕާޓީތަކުގެ މެދުގައި ކޯލިޝަން ސަރުކާރެއް އެކުލަވާލައި ބޮޑުވަޒީރަކު ކަނޑައެޅި ނަމަވެސް ރަސްގެފާންގެ ރުހުމެއް ނެތި އެއިން ކަމެއްގައި ރަސްމީ ސިފަ ނުޖެހޭނެ އެވެ. ރަސްގެފާނަށް ކަމުނުދާ ކަމެއް އޮވެއްޖެ ނަމަ އެ ނޫން ގޮތަކަށް ބަދަލުކުރަން ޖެހުމަކީ ވެސް އޮތް ފުރުސަތެކެވެ.

ރަސްގެފާންގެ އަމުރުފުޅު ހުރި ގޮތުން މެލޭޝިއާއަށް ވަރަށް އަވަހަށް ބޮޑުވަޒީރަކު ބޭނުންވެ އެވެ. އެއީ މިހާރު ވެސް ޒާތަކަށް ހުއްޓިފައި އޮތް ސަރުކާރު ހިންގައި ގަތުމަށެވެ.

ބޭރު ގައުމުތަކާ މުއާމަލާތް ކުރުމާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ ވެސް ސަރުކާރެއް ނެތި ކުރެވޭ ކަންކަމެއް ނޫނެވެ.

މެލޭޝިއާގައި މިފަހަރު އޮތް އިންތިހާބުގައި އެއްވެސް ޕާޓީއަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބެ އެވެ. އެހެންކަމުން ކޮންމެ ޕާޓިއަކަށް ވެސް އޮތް ފުރުސަތަކީ ކޯލިޝަން ހެދުމެވެ.

އެހެން ނަމަވެސް އިންތިހާބުގައި އެންމެ ގިނަ ގޮނޑި ހޯދި ޕާޓިއަކަށް އިސްކަން ދޭ އުސޫލުން އަންވަރު އިބްރާހީމްގެ ޕަކަތަން ހަރަޕަން ކޯލިޝަނަށް އެ ފުރުސަތު އޮންނާނެ އެވެ.

އަންވަރު އިބްރާހީމް ވަނީ 82 ގޮނޑި ހޯއްދަވާފަ އެވެ. ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސިންއަށް ލިބިވަޑައިގަތީ 73 ގޮނޑި އެވެ. މިހާރުގެ ބޮޑުވަޒީރު އިސްމާއީލް ސަބްރީ ޔައުގުބްއަށް ލިބިވަޑައިގަތީ 30 ގޮނޑި އެވެ. ބާކީ ހުރި ގޮނޑިތައް ވަނީ އެހެން ޕާޓިތަކަށް ބެހެވިފެން ގޮސްފަ އެވެ.

މެލޭޝިއާ ޕާލަމެންޓްގައި ހިމެނެނީ 222 ގޮނޑި އެވެ. އަޣުލަބިއްޔަތަކީ 112 ގޮނޑި އެވެ. އެހެންކަމުން ކޯލިޝަނެއް ނުހަދައި މި ފަހަރު ވެސް މެލޭޝިއާގައި ސަރުކާރެއް އެކުލަވައި ނުލެވޭނެ އެވެ.

އަންވަރު ވިދާޅުވާ ގޮތުގައި ސަރުކާރެއް އެކުލަވާލެވޭ ވަރަށް އޭނާއަށް ތާއީދު ލިބިވަޑައިގަންނަވާނެ އެވެ. މުހްޔިއްދީން ވިދާޅުވަނީ ވެސް ސަރުކާރެއް އެކުލަވާލުމަކީ އޭނާއަށް ވެސް އޮތް ފުރުސަތެއް ކަމަށެވެ.

ރަސްގެފާނުގެ އަމުރުފުޅާ އެކު ޕާޓީތަކަށް މިހާރު އޮތް ގޮތަކީ މަޝްވަރާތައް އަވަސްކޮށް ސަރުރާއެއް އެކުލަވާލުމެވެ.