ދިވެހިރާއްޖެ އިން ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް މއ. މަނާގެ، އަލީ ފާއިޒު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވައިފި އެވެ.
ލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް އަލީ ފާއިޒު އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.
އަލީ ފާއިޒު މިވަގުތު ހުންނެވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުގެ ރައީސް ކަމުގަ އެވެ. އެނާ މިމަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.
އަލީ ފާއިޒު ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަރުކާއި ބައެއް ކުންފުނިތަކުގައި އިސް މަގާމުތަކެއް ފުރުއްވާފަ އެވެ.
މީގެއިތުރުން އަލީ ފާއިޒު ވަނީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ އެކުވަލާލި ހާއްސަ މަޖިލީހުގެ ބ. އަތޮޅުގެ މެންބަރު ކަންވެސް ކުރައްވާފަ އެވެ.