ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ބަޖެޓު ދިރާސާކުރާ ކޮމިޓީ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު އެވެ.
ނާޝިޒު ވިދާޅުވީ ބަޖެޓަށް ކޮމިޓީން ބަދަލު ގެނައުމުގައި ބަލާފައިވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތައް ފުއްދޭނެ ގޮތުން ރައްޔިތުންނަށް ބޭނުންވާ އުމްރާނީ އަދި އިޖުތިމާއީ ތަރައްގީ ގެނެސްދިނުމަށް ކަމަށެވެ.
އެއީ އެއް އަހަރުގެ ބަޖެޓުން ހާސިލުވާނެ ކަންކަން ނޫންކަން ފާހަގަކުރައްވާ ނާޝިޒު ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތައް ހިމެނުނީ އެ މަޝްރޫއުތައް ހިންގުމުން ރައްޔިތުންނަށް މަންފާ ލިބިގެންދާނެތީ ކަމަށެވެ. ބަޖެޓު ކުރެވޭ މަޝްރޫއުތައް ހިންގޭނެ ކަމުގެ ޔަގީންކަން މިއަދު އެބަ އޮތް ކަމަށްވެސް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން އޮކްޓޫބަރު 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 42.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިދިޔަ ހުކުރު ދުވަހު ކޮމިޓީން ބަޖެޓު ފާސްކުރީ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކުރުމަށްފަހު އެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 42.8 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ.
ބަޖެޓަށް ކޮމިޓީން ހުށަހެޅި ކަންކަމުގެ ތެރޭގައި ތެލާއި ކަރަންޓާއި ކާޑު އަދި ދަތުރުފަތުރުގެ އަގު ހެޔޮކުރަން ދޭ ސަބްސިޑީތަކުގެ ނިޒާމު މުރާޖައާކުރުން ހިމެނެ އެވެ. އެގޮތުން އިންޑައިރެކްޓް ސަބްސިޑީގެ ބަދަލުގައި ހަރުދަނާކޮށް ހައްގުވެރިންނަށް ދެވޭ ސަބްސިޑީއަކަށް ބަދަލުކުރުން ހިމެނެ އެވެ.
ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދޫކުރާއިރު ޔުޓިލިޓީ ބިލުތަކާއި އެހެނިހެން ކަންކަމަށް ފައިސާ ނުދައްކާ ކައުންސިލްތައް ފާހަގަކޮށް އޭގެ ސަބަބު ދެނެގަތުމަށް ކޮމިޓީން ހުށަހެޅި އެވެ. ކޮމިޓީން ހުށަހެޅީ މާލީ ކަންކަން ހިންގުމުގެ އުސޫލުތަކާއި ހިލާފުވާ ކައުންސިލްތަކަށް ފިޔަވަޅު އަޅައި ބްލޮކް ގްރާންޓް ދޫކުރާއިރު އެފަދަ ހަރަދުތަކަށް ފައިސާ ހިފެހެއްޓޭނެ އިންތިޒާމެއް އެކުލަވާލައި އަމަލުކުރުމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރެވޭނެ ގޮތްތައް ހޯދާ އެކަށީގެންވާ ގޮތެއްގައި ނުހިންގޭ ކުންފުނިތަކުގެ ވިޔަފާރި މޮޑެލް އިތުރަށް ދިރާސާކުރުމަށް ހުށަހެޅި އެވެ. އަދި ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތައް އެކަށައަޅައި އާންމުކުރުމާއި ދައުލަތުގެ ބަޖެޓަށް ބަރޯސާވެގެން ހިންގާ ކުންފުނިތައް މިހާރަށްވުރެ ބޮޑަށް ޖަވާބުދާރީ ކުރެވޭނެ ގޮތަށް އިންތިޒާމު ހަމަޖައްސަން ފިނޭންސް މިނިސްޓްރީއަށް އެންގުމަށް ކޮމިޓީން ނިންމި އެވެ.
އާސަންދަ ސްކީމުގެ ހަރަދުތައް ދެމެހެއްޓެނިވި މިންވަރަކަށް ގެނައުމަށާއި ސްކީމް ހިންގުމުގައި ބޭކާރުވާ ހަރަދުތައް ކުޑަކޮށް ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ ނަފާ ފޯރުކޮށްދިނުމަށް ހެލްތު މިނިސްޓްރީން އެކުލަވާލި އެކްޝަން ޕްލޭނާ އެއްގޮތަށް އަންނަ އަހަރު އެ ސްކީމް ތަންފީޒުކުރުމަށް މިނިސްޓްރީއަށް އެންގުމަށްވެސް ވަނީ ނިންމާފަ އެވެ.
މީގެއިތުރުން ފާއިތުވި އަހަރުތަކުގައި އަންދާޒާކުރި މިންވަރަށް ހިލޭ އެހީ ހޯދިފައި ނުވާތީ އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 1.5 ބިލިއަން ރުފިޔާ ލިބޭނެކަން ކަށަވަރުކުރުމަށް އެހީދޭ ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ވާހަކަ ދައްކައިގެން ދުރާލާ އެ އަދަދުތައް ކަށަވަރުކުރުމަށް ފިނޭންސް މިނިސްޓްރީއަށް އެންގުން ހިމެނެ އެވެ.
ބަޖެޓް ކޮމިޓީގެ ރިޕޯޓަށް މެންބަރުން ބަހުސް ފަށާފައިވާއިރު ކޮންމެ މެންބަރަކަށް މިމަރުހަލާގައި ބަހުސް ކުރުމަށް ދިނުމަށް ނިންމާފައިވަނީ ތިން މިނެޓެވެ.