ބަޖެޓު 2023

40 ބިލިއަންގެ ބަޖެޓެއް ހިންގޭނެ ހަކަތައެއް ރާއްޖެއަކު ނެތް

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަކީ 42 ބިލިއަން ރުފިޔާގެ ބަޖެޓަކަށް ވާތީ އެއީ ރާއްޖެއަށް މެނޭޖުކުރެވޭނެ ބަޖެޓެއް ނޫން ކަމަށް ވިދާޅުވެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުންނާއި އިދިކޮޅު މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ބަޖެޓު ދިރާސާ ކުރި ކޮމިޓީގެ ރިޕޯޓަށް މިއަދު ބަހުސް ކުރައްވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓު ހިންގޭނެ ހަކަތައެއް ރާއްޖެއަކު ނެތް ކަމަށެވެ.

"40 އެތައް ބިލިއަން ރުފިޔާގެ ބަޖެޓެއް މިއަދު މިގައުމުގައި ހިންގޭވަރުގެ ހަކަތައެއް ނެތް. ހަކަތައެއް ނެތް. އެހެންވީމާ މީ އަޅުގަނޑުމެން ވިސްނަން ޖެހޭނެ މި ކަންކަނމަށް،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުން ބަޖެޓު ހިންގޭނެ ގޮތަކަށް ކަންކަމުގެ އަސްލަށް ރުޖޫއަވާން ޖެހޭ ކަމަށާއި ބަޖެޓަކީ ސިޔާސީ ކޮށްގެން ވާހަކަދައްކަން ޖެހޭ އެއްޗެއް ނޫން ކަމަށެވެ.

ސަލީމް ވިދާޅުވީ ތަރައްގީގެ މަޝްރޫ ތަކަކީ ހިންގަން ޖެހޭ ކަންކަމަށްވިޔަސް މަޝްރޫއުތައް ހިންގަން ޖެހޭނީ ދައުލަތަށް އާމްދަނީ ލިބޭ މިންވަރެއްގެ މައްޗަށް ބަލައިގެން ކަމަށެވެ. އެހެން ނޫނީ ދިވެހި ދައުލަތް ބަނގުރޫޓް ވެދާނެ ކަމަށެވެ.

ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކަށް ބެލިކަމުގައި ވިޔަސް ތަރައްގީވެގެން މުޅިން ހުއްޓާލާފައިވާ ގައުމެއް ނެތް ކަމަށާއި އަބަދުވެސް ތަރައްގީ ކުރަމުންދާ ކަމަށްވެސް ސަލީމް ވިދާޅުވި އެވެ. އެހެންކަމުން އެންމެ ފަސް އަހަރުން ގައުމެއް ތަރައްގީ ކުރެވޭނެ ކަމަށް ވިސްނުން ބަހައްޓައިގެން ދައުލަތަށް ކެތްނުކުރެވޭ ވަރަށް މަޝްރޫއުތައް ހިންގައިގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކަން ހިނގާގޮތަށް ރާއްޖޭގައިވެސް ތަރައްގީގެ މަޝްރޫއުތައް ހިންގަން ވާނީ ދިގު މުއްދަތަކަށް ބައްޓަން ކޮށްގެން،" ސަލީމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ދަރަނި ބޮޑުވެގެން ދިއުމުން އޭގެ އަސަރު ކުރަނީ މަޖިލިސް މެންބަރުނަށް އެކަނި ނޫން ކަމަށާއި މީގެ އަސަރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ. އަދި ޖީއެސްޓީ ބޮޑު ކުރުމުން އޭގެ އަސަރުވެސް ހުރިހާ ރައްޔިތުންނަށް ކުރާނެ ކަމަށާއި ޖީއެސްޓީ ބޮޑު ކުރާ ހިސާބަށް ގައުމުގެ ކަންކަން އަދި ނުދާ ކަމަށްވެސް ވިދާޅުވި އެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގެ ވާހަކަ ސަރުކާރަށް ތާއިދު ކުރައްވާ މެންބަރުން ދައްކަވާފައިވާތީ ސަލީމް ވިދާޅުވީ އެ ގައުމުތަކުގެ ރިޒާވްގައި އެތައް ޓްރިލިއަން ޑޮލަރެއް ހުންނަ ކަމަށާއި ރާއްޖޭގެ ރިޒާވުގައި އެއްވެސް އެއްޗެއް ހުރި ކަމެއް ނޭނގޭ ކަމަށެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ ބަޖެޓު ބަހުސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ "ކަނޑުކޮހެއް ވެރިކަމަށް ގެނެވުނީމާ ވާނެ ހަތަރެތި ވަމުންދާ މަންޒަރު" މިހާރު ފެންނަ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި 60 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާފައިވާ ކަމަށެވެ.

"60 ބިލިއަން ރުފިޔާ. ރިކޯޑު އަދަދެއް. މިއަދު މިވާހަކަ ދައްކާއިރު ދިވެހިރާއްޖޭގެ ދަރަނި މިހުރީ 113 ބިލިއަނަށް އަރާފައި،" ޝިޔާމް ވިދާޅުވި އެވެ.

މިއަންނަ އަހަރުގެ ބަޖެޓުގައި 8.4 ބިލިއަން ރުފިޔާ ތަރައްގީގެ މަޝްރޫތަކަށް ހަރަދުކުރަން ޖަހާފައި އޮތުމުން ވަރަށް ގިނަ މެންބަރުން އުފާ ފާޅުކުރައްވާ ކަމަށްވެސް ޝިޔާމް ފާހަގަ ކުރެއްވި އެވެ. ނަމަވެސް އެބޭފުޅުންނަށް މިއަހަރުގެ ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތަކަށް ޖަހާފައިވާ އަދަދުވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި ހާސިލްވީ ކިހާވަރެއްކަންވެސް އެނގިވަޑައެއްނުގަންނަވާ ކަމުގައި ވިދާޅުވި އެވެ. ޝިޔާމް ވަނީ މިއަހަރުގެ ބަޖެޓުގައި ހިމެނި ތަރައްގީގެ މަޝްރޫތަކުގެ 40 އިންސައްތަ ވެސް ހާސިލް ނުވާ ކަމަށް ވިދާޅުވެފަ އެވެ.

ޝިޔާމު ވިދާޅުވީ އާމްދަނީ ހޯދަން ހިލޭ އެހީގެ ވާހަކަ ސަރުކާރުން ދައްކާއިރު މިއަހަރުވެސް 2.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރި ކަމަށާއި ނަމަވެސް 300 މިލިއަން ރުފިޔާވެސް ނުލިބޭ ކަމަށެވެ.

"300 މިލިއަން ރުފިޔާވެސް ނުލިބޭ. މިދިޔަ އަހަރުވެސް އެގޮތަށް. 2020 ވަނަ އަހަރު ނަގާފައި ފާއިތުވި ހަ އަހަރުވެސް އެގޮތަށް. ދެން ކީއްކުރަންތޯ އިތުރަށް އެއްޗެއް ލިބޭނެ ކަމަށް ރައްޔިތުންނަށް ދަޅަ ދައްކައިގެން އެ އަދަދުތައް މިޖަހަނީ،" ޝިޔާމް ވިދާޅުވި އެވެ.

ބަހުސްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވަނީ ބަޖެޓު ކޮމިޓީން މަދު ވަގުތު ކޮޅެއްގެ ތެރޭގައި ބަޖެޓު ފާސްކުރުމުން ބަޖެޓުގެ ސައްހަ ކަމާމެދު ސުވާލު އުފައްދާފަ އެވެ. އެމްޑީޕީ ދެބައިވެފައިވާ މި ދަނޑިވަޅުގައި އިބްރާހިމް ރަޝީދު ފާހަގަ ކުރެވެނީ ސަރުކާރާ ދެކޮޅަށް ވާހަކަދައްކަވާ ބޭފުޅެއްގެ ގޮތުގަ އެވެ. އިބްރާހީމް ރަޝިދު ވަނީ ޓެކްސް ބޮޑުކުރުމުގެ ބިލާ ދެކޮޅަށް ވެސް ވޯޓު ދެއްވާފަ އެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ ބަޖެޓު ބަހުސްގައި މެންބަރުން ވަރަށް މުހިއްމު ވާހަކަތައް ދައްކަވާ ވަރަށް ގިނަ ހުށަހެޅުންތައް ހުށަހެޅުއްވި ކަމަށާއި ނަމަވެސް ބަޖެޓް ކޮމިޓީން ހުށަހެޅުންތަކަށް ރިޔާއަތް ކޮށްފައި ނުވާ ކަމަށެވެ.

"ހުކުރު ދުވަހެއްގެ މެންދުރުފަހު ކުޑަ ވަގުތުކޮޅެއް ތެރޭގައި، އަޅުގަނޑު ހިތުން ކިހިނެއްބާއޭ މިއޮށް 42 ބިލިއަންގެ ބަޖެޓު ދިރާސާކޮށް ނިންމާލާނީ. ގަޑިއެއްހާއިރު ތެރޭގަ،" އިބްރާހިމް ވިދާޅުވި އެވެ.

ސަރުކާރުގެ ކުންފުނިތަކަށް އެއްފަހަރާ ގަނޑުކޮށް ފައިސާތަކެއް ދޭން ބަޖެޓުގައި ކަނޑައަޅާފައިވާ ކަން ފާހަގަކުރައްވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ ބަޖެޓު ފައިސާ ދޫކުރާއިރު އެހާ ބައިވަރު ފައިސާ ލިބެނީ ކޮން ކުންފުނިތަކަކަށް އެނގެން ވާނެ ކަމަށެވެ. އަދި އެ ފައިސާ ދޭއިރު އެއީ ކޮން ކުންފުނިތަކެއް ކަން ރައްޔިތުންނަށް ސާފުވާންޖެހޭނެ ކަމަށެވެ.

"ރާއްޖޭގެ އެކި ކޮންސްޓްރަކްޝަން ކުންފުނިތައް ލައްވާ މަސައްކަތްކޮށްފަ، އުޖޫރަ ނުދީ ބޮޑެތި ޕްރޮޖެކްޓްތައް ހިންގާފައި އެބަހުރި. އެއަށް ފައިސާ ދޭން ހީލަތްތެރިކަމާއެކު މިހިރީ [ބަޖެޓުގައި ހިމަނާފައި]. މިހާރު މަސައްކަތް ކުރުވައިފި. ބަޖެޓުގައި ނުޖަހާ މަސައްކަތް ކުރުވާފައި މުޅި ރާއްޖޭގެ އިގްތިސާދުގައި ހިމެނޭ ކުދިކުދި ކުންފުނިތައް ދަރުވާލާފައި މިހާރު މިއުޅެނީ މީގައި [ބަޖެޓުގައި] ޖަހައިގެން،" އިބްރާހީމް ވިދާޅުވި އެވެ.

މަޖިލީހުގެ ރިޔާސަތުން މިއަދުގެ ޖަލްސާ ނިންމާލާފައިވަނީ ބަޖެޓަށް ބަހުސް ކުރުމަށް ބޭނުންފުޅުވާ މެންބަރުން މާދަމާ 2:00 ޖެހުމުގެ ކުރިން ފުރުސަތުގެ ބޭނުން ކުރުމަށް އެދިވަޑައިގަތުމަށްފަހު އެވެ.