އަހުމަދު ނިހާން ހުސައިން މަނިކު

ނިހާން އަނެއްކާވެސް އައިސީޔޫއަށް، ބޭރަށް ގެންދަން މަސައްކަތް ފަށައިފި

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު އަނެއްކާވެސް ހާލު ދެރަވެގެން ރޭ އޭޑީކޭގެ އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށާއި އިތުރު ފަރުވާ އަށް ބޭރަށް ފޮނުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާގެ ގާތް އެކުވެރިޔާ އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާޒް މިހެން ވިދާޅުވި އިރު ފުއްޕާމެއަށް ތަދެއްއަރާގެން މިދިޔަ ހުކުރު ދުވަހު ނިހާންގެ ހާލު ދެރަވެގެން އޭޑީކޭ އައިސީޔޫގައި ފަރުވާދިނުމުމަށް ފަހު މިދިޔަ އާދީއްތަ ދުވަހު ވަނީ ރޫމަކަށް ބަދަލުކޮށްފައެވެ. އަދި ނިހާންގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށްވެސް ރިޔާޒް ވަނީ ކުރިން ވިދާޅުވެފައެވެ.

ރިޔާޒް ވިދާޅުވީ ރޭގެ ވަގުތެއްގައި ނިހާން އަށް ނޭވާލާން އުންދަގޫވެގެން ހާލުކޮޅު ގޯސްވި ކަމަށާއި އަދި ޑޮކްޓަރުން ނިހާން އަނެއްކާވެސް އައިސީޔޫއަށް ބަދަލުކުރި ކަމަށެވެ. އަދި މިހާރު ނިހާންގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށާއި ނަމަވެސް އާއިލާ އިން މަސައްކަތް ކުރަމުން އަންނަނީ ނިހާން ބޭރަށް ފޮނުވާލަން ކަމަށެވެ.

"މިހާރު ނިހާންގެ އާއިލާ އިން މަސައްކަތް ކުރަނީ ފަރުވާއަށް ފުރޭތޯ. މިއަދު ނޫނީ މާދަމާ ފުރުވާލެވޭތޯ މިބަދަލަނީ. އެކަމަކު ނިހާން އަދި ފުރުވަން ވަކި ގައުމެއް ކަންޑައެއް ނާޅާ. ވީހާވެސް ރަނގަޅު ތަނަކަށް ފުރުވާލަން މަސައްކަތް ކުރަނީ،" ރިޔާޒް ވިދާޅުވި އެވެ.

ނިހާން އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވާއިރު ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އޭޑީކޭ އަށް ވަޑައިގެން ނިހާންގެ ހާލު ބައްލަވާލައްވައިފަ އެވެ.