ބޭންކް އޮފް މޯލްޑިވްސް

އޮޅުވާލައިގެން ފައިސާ ހޯދުން ހުއްޓުވޭނީ އާންމުން ހޭލުންތެރިވެގެން: ބީއެމްއެލް

ސްކޭމާސް ނުވަތަ އޮޅުވާލައިގެން ފައިސާ ހޯދާ މީހުންނާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ ކޮމިޓީއަށް ޖަވާބުދާރީވަމުން ބީއެމްއެލްގެ ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ އޮޅުވާލައިގެން ފައިސާ ހޯދުމަކީ އަބަދުވެސް ބަދަލުވެ ހިނގަމުންދާ ކަމެއް ކަމަށެވެ. ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅު އަޅާއިރަށް އޮޅުވާލައިގެން ފައިސާ ހޯދާ މީހުން އިތުރު ގޮތްތައް ހޯދައިގެން ފައިސާ ހޯދާ ކަމަށެވެ.

ނިމާލް ވިދާޅުވީ މިކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށެވެ. އެގޮތުން ބީއެމްއެލް އިން ވަނީ ރައްޔިތުން ހޭލުންތެރި ކުރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށްވެސް ވިދާޅުވި އެވެ.

"އެކި މީޑިއާތަކާއި ގުޅިގެން 29 މީޑިއާ އާޓިކަލް. ޓީވީ ރޭޑިއޯއަށް 12 ފަހަރު އަޅުގަނޑުމެންނަށް އެރިއްޖެ،" ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރެވުނު މަސައްކަތްތައް ހިއްސާކުރަްވަމުން ނިމާލް ވިދާޅުވި އެވެ.

މީގެ އިތުރުން ރޭޑިއޯ އިން ނުވަ އިޝްތިހާރު އަދި އޮންލައިން މީޑިއާތައް މެދުވެރިކޮށް 50 އިޝްތިހާރު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވިފައިވާ ކަމަށްވެސް ނިމާލް ވިދާޅުވި އެވެ.

ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރެވުނު އެހެން މަސައްކަތްތަކަށް އަލި އަޅުއްވާލަމުން ނިމާލް ވިދާޅުވީ ސޯޝަލް މީޑިއާ ޕޯސްޓްތައް މެދުވެރިކޮށް ފާއިތުވި ތިން މަސްދުވަސް ތެރޭ ގާތްގަނޑަކަށް 634،000 ވިއުސް ލިބިފައިވާ ކަމަށެވެ.

ކަސްޓަމަރުން އެސްއެމްއެސްގެ ޒަރިއްޔާއިން ހޭލުންތެރިކުރުވުމަށް މެސެޖު ފޮނުވާފައިވާނެ ކަމަށްވެސް ނިމާލް ވިދާޅުވި އެވެ.

"ތިން މަސް ތެރޭ ހަތް ވަރަކަށް ފަހަރު [މެސެޖު] ފޮނުވުނު. ފައިނޭންޝިއަލް ސެޝަންތައްވެސް ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދަން،" ނިމާލް ފާހަގަ ކުރެއްވި އެވެ.

ރާއްޖޭގައި ސްކޭމް ކޯލް ކުރުމާއި އޮޅުވާލައިގެން ފައިސާ ޓްރާންސްފާ ކުރުމުގެ ކުށް ގިނަވާތީ އެކަން ހައްލުކުރުމަށް އިކޮނޮމިކް މިނިސްޓްރީން މިދިޔަ މަހު ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ [އެމްއެމްއޭ] އާއި ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިސްވެރިންނާވެސް ބައްދަލުކޮށްފަ އެވެ.

ވިޔަފާރިތަކާއި ކުންފުނިތަކުން ހިންގާ ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަ ގިނަވެފައިވާތީ އެކަމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވެސް ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.