އިންގްލެންޑް މިފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި 2-6 ގެ ބޮޑު ތަފާތަކުން އީރާން ބަލިކޮށްފި އެވެ.
އީރާންއާ ދެކޮޅަށް އިންގްލެންޑުން ވަނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗު ފަށައިގެން ކުރީކޮޅު އީރާނަށް ދިމާވި މައްސަލައަކީ އަނިޔާވެގެން އެޓީމުގެ އިތުބާރު ގޯލްކީޕަރު އަލީރެޒާ ބެއިންވަންރަންޑް ބަދަލުކުރަން ޖެހުމެވެ. އީރާންގެ ކުޅުންތެރިއެއްގެ ބޮލުގައި ޖެހުމުން ލިބުނު އަނިޔާއިން ރަނގަޅުވެ މެޗު ކުޅެވޭތޯ އަލީރެޒާ މަސައްކަތްކުރި އެވެ. އެކަމަކު ކުޅުން ކުރިއަށް ނުގެންދެވުމުން 20 ވަނަ މިނެޓުގައި އޭނާގެ ބަދަލުގައި ބަދަލު ގޯލްކީޕަރު ހުސެއިނީ ވަނީ ކުޅެން އަރުވައިފަ އެވެ.
އިންގްލެންޑް ފުރަތަމަ ހާފު ނިންމާލީ ތިން ގޯލު ކުރީގައި އޮވެގެންނެވެ. އެޓީމުގެ ފުރަތަމަ ލަނޑު 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންހަމް އެވެ. މިއީ ލޫކް ޝޯ ނަގައިދިން ހުރަހަކުން ބޮލުން ބެލިންހަމް ޖެހި ލަނޑެކެވެ. ބެލިންހަމް ވެފައިވަނީ ކުރީގެ ފޯވާޑް މައިކަލް އޮވެން އަށް ފަހު ވޯލްޑް ކަޕްގައި އިންގްލެންޑަށް ގޯލު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.
އިންގްލެންޑުގެ ދެވަނަ ލަނޑު 44 ވަނަ މިނެޓުގައި ޖަހައިދިނީ ބުކާޔޯ ސަކާ އެވެ. އޭރިޔާ ތެރެއިން ސަކާ ފަޔަށް އެރި ބޯޅަ ގޯލަށް ވައްދާލީ އެއް ފަހަރުން ޖަހަ އެވެ. މިއީ ވޯލްޑް ކަޕްގައި ސަކާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޭންގެ އެހީތެރިކަމާ އެކު އިންގްލެންޑުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ.
ދެވަނަ ހާފު ފެށިގެން ވެސް އިންގްލެންޑުން ވަނީ މޮޅަށް ކުޅެ ހަމަލާ އުފައްދައިފަ އެވެ. އެޓީމުގެ ހަތަރު ވަނަ ގޯލު 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ސަކާ އެވެ. އޭރިޔާ ތެރެއިން ލިބުނު ބޯޅަ ސަކާ ވައްދާލީ އީރާންގެ ޑިފެންސް ކުޅުންތެރިން ފާރައަށް ތިއްބައި ތިރިތިރިން ޖަހަ އެވެ.
ސަކާ ގޯލު ޖެހިތާ ގާތްގަނޑަކަށް ތިން މިނެޓު ފަހުން އީރާންގެ މެހެދީ ތަރެމީ ވަނީ ގޯލެއް ޖަހައިފަ އެވެ. އޭރިޔާ ތެރެއިން އޭނާ އަށް ލިބުނު ބޯޅަ ގޯލަށް ވައްދާލީ އެއްފަހަރުން ޖަހަ އެވެ. ތަރެމީގެ ގޯލަށް ފަހު، ލިބުނު އަނިޔާއަކާ ގުޅިގެން އިންގްލެންޑުގެ ޑިފެންޑަރު ހެރީ މެގުއާ ވަނީ ބަދަލުކޮށްފަ އެވެ.
އިންގްލެންޑުގެ ފަސް ވަނަ ގޯލު 71 ވަނަ މިނެޓުގައި ޖެހީ މާކަސް ރަޝްފާޑް އެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ބެންޗުން ކުޅެން އަރައި ކުޅުންތެރިއަކު ޖެހި ތިންވަނަ އަށް އެންމެ އަވަސް ގޯލެވެ. އަނެއްކޮޅުން މިއީ ބޮޑު މުބާރާތެއްގައި ރަޝްފާޑް އިންގްލެންޑަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މެޗުގެ ފަހުކޮޅު އީރާންގެ ސަރްދާރް އަޒްމޫނަށް ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލުމުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އީރާންގެ ދެވަނަ ގޯލު އިތުރު ވަގުތުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލު ޖެހި ތަރެމީ އެވެ. މިއީ ވީއޭއާރުގެ އެހީ ހޯދުމަށް ފަހު ރެފްރީ އީރާނަށް ދިން ޕެނަލްޓީއެކެވެ.
ވޯލްޑް ކަޕްގައި މިރޭ ނުވައެއް ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނެދަލެންޑްސް އާއި ސެނެގޯލް އެވެ. މިރޭ ކުޅޭ ފަހު މެޗުގައި އެމެރިކާއާ ދެކޮޅަށް ނުކުންނާނީ ވޭލްސް އެވެ.