ބޮލީވުޑް

ރޫޕާލީގެ ދަރިފުޅު "އަނޫޕަމާ" ބަލަން ބޭނުމެއް ނުވޭ

ސްޓާ ޕްލަސްގެ "އަނޫޕަމާ"އަކީ މިހާރު އިންޑިޔާގެ ޗެނަލްތަކުން ދައްކާ އެންމެ މަގުބޫލު ޝޯއެވެ. ޝޯތަކުގެ މަގުބޫލުކަން ބަލާ ޓީއާރުޕީ ޗާޓުގެ އެންމެ ކުރީގައި ފާއިތުވީ ދެ އަހަރު ދުވަހު ވެސް ރަސްކަން ކުރަމުން ދަނީ މި ޑްރާމާ އެވެ.

"އަނޫޕަމާ"އަށް ލިބުނު ބޮޑު ކާމިޔާބާއެކު އެ ޝޯގައި އަނޫޕަމާގެ ރޯލު ކުޅޭ ރޫޕާލީ ގަންގޫލީގެ މަގްބޫލުކަން ވެސް އެތައް ގުނައަކަށް އިތުރުވެގެން ދިޔަ އެވެ. މިހާރު އިންޑިޔާގެ އެއްވެސް ގެއެއްގައި ރުޕާލީ އަކީ ކާކުކަން ނޭނގޭ މީހަކު އުޅޭނެކަމަށް ނުބެލެވެ އެވެ.

"އަނޫޕަމާ"ގައި އޭނާ ކުޅޭ ކެރެކްޓާ އެކޭ އެއްގޮތަށް ރުޕާލީ އަކީ ޒާތީ ދިރިއުޅުމުގައި ވެސް އާއިލާއަށް ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދޭ މީހެކެވެ. އަދި އަމިއްލަ ދިރިއުޅުމާއި އެކްޓިން ކެރިއަރު ބެލެންސް ކުރަން ރުޕާލީ ވަރަށް މަސައްކަތް ކުރެ އެވެ. އޭނާއަށް މި ކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ފިރިމީހާގެ ފަރާތުން ކަމަށް ރުޕާލީ ބުނެފައި ވެއެވެ.

ރުޕާލީ ބުނި ގޮތުގައި އޭނާ ޑްރާމާގެ ޝޫޓިންގަށް ފޮނުވާފައި ފިރިމީހާ މިހާރު ހުންނަނީ ވަޒީފާއިން ރިޓަޔާވެގެން ގޭގަ އެވެ. ރުޕާލީ ޝޫޓިންގްގައި އުޅޭ ހުރިހާ ވަގުތެއްގައި އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު ބެލުމުގެ ހުރިހާ ޒިންމާއެއް އުފުލަނީ ފިރިމީހާ އެވެ.

"އަހަރެންގެ ފިރިމީހާގެ ސަޕޯޓް އިންތިހާއަށް ލިބުމަކީ އަހަންނަށް ލިބުނު ރަހުމަތެއް. އޭނާ ކުރިން މަސައްކަތްކުރަމުން ދިޔައީ އެމެރިކާގައި. އެ ވަޒީފާއިން ރިޓަޔަކޮށް އިންޑިޔާއަށް އައީ ދަރިފުޅު ބެލުމާ ހަވާލުވާން. ދެމަފިރިން ތެރެއިން ކާކުތޯ މަސައްކަތް ކުރަނީ ކާކުތޯ ފައިސާ ހޯދަނީ އަހަރެމެން ނުބަލަން. ސަބަބަކީ ފައިސާގެ ދަހިވެތިކަން އަހަރެމެން ދެމަފިރިންގެ ވެސް ނެތީމަ،" ރުޕާލީ ބުންޏެވެ.

"ފިރިމީހާ ބުނި އަހަރެމެންގެ ދަރިފުޅުގެ ކައިރީގައި އަބަދުވެސް މަންމަ ނޫނީ ބައްޕަ ހުންނަން ޖެހޭނީ. ގޭގައި ގެންގުޅޭ މީހުންނާ ދަރިފުޅު ހަވާލުކުރާކަށް ބޭނުމެއް ނޫނޭ. އެއީ ކޮންމެހެން އެމީހުން ގޯސްވެގެނެއް ނޫން. އަހަރެންގެ ގެ ބަލަހައްޓަން ހުންނާނެ ވަރަށް ރަނގަޅު އަންހެންކުއްޖެއް. އެއީ މިހާރު އަހަރެންގެ އާއިލާއާ ގާތް ކުއްޖެއް. ނަމަވެސް ފިރިމީހާ ގޭގައި ނެތް ވަގުތެއްގައި ދަރިފުޅު ބަހައްޓާފަ އަހަރެން ޝޫޓިންގްއަކަށް ނުދަން. މަންމަ އާއި ބައްޕަގެ ލޯބި ވެސް ދަރިފުޅަށް މިހާރު ދެނީ ފިރިމީހާ،" ރުޕާލީ ބުންޏެވެ.

ރުޕާލީގެ މި ވާހަކަތަކަށް އޭނާއަށް ފާޑުކިޔައި މަލާމާތްކުރާ މީހުން ތިބޭނެކަން ރުޕާލީ އަށް ވެސް އެނގެ އެވެ.
"މީހުން އަބަދުވެސް ކޮންމެވެސް އެއްޗެކޭ ކިޔައިގެން ފާޑު ފާޑު ވާހަކަ ދައްކާނެ. އެއީ މައްސަލައެއް ނޫން. އެމީހުންގެ އެހެން މަސައްކަތެއް ނޯންނާތީ މީހުންނަށް ފާޑުކިއުން އެމީހުންގެ ކަމަކަށް އޮންނަނީ،" ރުޕާލީ ބުންޏެވެ.

އޭނާގެ މަންމައަކީ މިހާރު އެންމެ މަޝްހޫރު ޓީވީ ތަރިކަން ދަރިފުޅަށް އެނގޭތޯ ނޫސްވެރިޔަކު ރުޕާލީ އާ ސުވާލުކުރި އެވެ. ޖަވާބުގައި 45 އަހަރުގެ ބަތަލާ ބުނީ އޭނާގެ ދަރިފުޅު ރުދްރަންޝް އެއްގޮތަކަށް ވެސް އޭނާގެ ޝޯ ނުބަލާ ކަމަށެވެ. ސަބަބަކީ އޭނާގެ މަންމަ މާ ގިނަ ވަގުތު އެ ޝޯ ކުޅުމުގައި ހޭދަކުރާތީ ހިތްހަމަނުޖެހޭތީ ކަމަށް ރުޕާލީ ބުންޏެވެ.

"ދުވަހަކުވެސް ދަރިފުޅު "އަނޫޕަމާ" އެއް ނުބަލާ. އޭނަ ސިޓިން ރޫމަށް ވަންނައިރު "އަނޫޕަމާ" އަޅުވާފައި ހުއްޓަސް ލޯމަތީ އަތް އަޅައިގެން އެތަނުން ނުކުމެގެން ދާނެ. އަހަރެން މި ޝޯ ކުޅެން ފެށިއިރު ދަރިފުޅަށް ހަ އަހަރާއި ބައި. އެންމެ ކުރިން ދަރިފުޅު ހީކުރަނީ "އަނޫޕަމާ"އަކީ އޭނާގެ މަންމަގެ ދެ ވަނަ އާއިލާ ކަމަށް. އޭނާއާއެކު މާ މަދު ވަގުތު ހޭދަކޮށްފައި މަންމަ ގިނަ ވަގުތު "އަނޫޕަމާ"ގެ ސެޓުގައި ހޭދަކުރަނީ އެހެންވެގެން ކަމަށް. އަހަރެމެން ދެމައިންނަށް އެކުގައި ހޭދަކުރެވޭ ވަގުތު މަދުކަމުން ދަރިފުޅު ވަރަށް ޝަކުވާކޮށް ދެރަވޭ،" ރުޕާލީ ބުންޏެވެ.

ރުޕާލީ ބުނި ގޮތުގައި ދަރިފުޅު ކައިރީގައި ހުއްޓާ ބައެއް މީހުން އައިސް އޭނާއާ ދިމާލަށް އަނޫޕަމާ، އަނޫޕަމާ އޭ ކިޔާ ގޮވާ ހަދަ އެވެ. އެ ފަދަ ވަގުތުތަކުގައި ދަރިފުޅު ލަދުން ދުރަށް ދާކަމަށެވެ.

"އަހަންނަށް ހީވާ ގޮތުގައި ދަރިފުޅު ބޭނުންވަނީ ނޯމަލް ދިރިއުޅުމެއް މަންމަ އާއި ބައްޕަ އާއެކު އުޅެން. ނަމަވެސް އަހަރެންނަކީ އެހެން މަޝްހޫރު އަދި ގިނަ ބަޔަކަށް މަގްބޫލު މީހެއްކަން އެނގުމުން ދަރިފުޅު ވެސް އެކަމާ ގަޔާވާހެން ހީވޭ. ދަރިފުޅު އަހަންނާމެދު ފަހުރުވެރިވޭ،" އަނޫޕަމާ ބުންޏެވެ.