ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމަންޓްތައް ބޭނުންކުރެވޭނެ އެންމެފަހު ތާރީހު ކަނޑައަޅައިފި އެވެ.
އެއާޕޯޓް އޮޕަރޭޓަރުންނާއި ލޯކަލް އެއާލައިންތަކުގެ އޮޕަރޭޓަރުންނާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ޑިފެންސް މިނިސްޓްރީން ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ފެބްރުއަރީ 22 އިން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ކާކުކަން ދެނެގަތުމަށް ބަލައިގަންނާނީ މުއްދަތު ހަމަނުވާ ލިޔެކިޔުން ތަކެވެ.
މުއްދަތު ހަމަވެފައިވާ އައިޑީ ކާޑާއި ޕާސްޕޯޓާއި ވޯކް ވިސާ ކާޑުގެ އިތުރުން ލައިސަންސް ކާޑާއި ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީކާޑު ނަންބަރު ޖެހި ރަސްމީ ލިޔުންތައް ބޭނުންކޮށްގެން އެތެރޭގެ ވައިގެ ދަތުރުފަތުރުތައް ކުރެވޭ ގޮތަށް ލުއި ދިނީ ކޮވިޑް-19ގެ ސަބަބުން ނެވެ.
އެގޮތުން ބައެއް ލިޔެކިޔުންތަކުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް އޭގައި ހިމެނޭ މައުލޫމާތު ސާފުކޮށް އެނގޭނަމަ ރާއްޖޭގެ ވައިގެ ބަނދަރުތަކުން ދަތުރުކުރާ ފަރާތްތަކުން އެއާލައިން ޓިކެޓް ގަތުމަށާއި އެއާލައިނަށް ޗެކް-އިން ޕޮއިންޓްތަކުން ކާކުކަން ދެނެގަތުމަށް އެލިޔެކިޔުންތައް ބޭނުންކުރެވޭ ގޮތަށް ހަމަޖެއްސީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
ކޮވިޑް19ގެ ހާލަތާ ގުޅިގެން އާންމުންނަށް ދިމާވި ދަތިތައް ލުއިކުރުމަށް ބައެއް ހިދުމަތްތަކުގައި މުއްދަތު ހަމަވެފައިވާ ލިޔެކިޔުން ބޭނުންކުރެވޭ ގޮތް ހަމަޖެއްސި އެވެ.