އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ރިޒާވުގައި ފައިސާ ހުރި މިންވަރު އެނގޭ ކަމަށާއި އެ އަދަދު ކިޔައިދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގެ ރިޒާވުގައި ހުރި މިންވަރު ހާމަކުރަން މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ސިޓީއަކުން އެދިވަޑައިގެންފައިވާތީ އެވެ.
އާދަމް ޝަރީފްގެ ސިޓީގައި ވަނީ ސަރުކާރުން އަންނަ އަހަރުގެ ބަޖެޓާއެކު މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅުމުން ފާއިތުވި ހަތަރު އަހަރު ސަރުކާރުގެ އިސްރާފާއި ކޮރަޕްޝަން ބޮޑުވުމާއި ދައުލަތުގެ މާލިއްޔާގެ ކަންކަން ރަނގަޅަށް ނުބަލަހައްޓާކަމުގެ ތުހުމަތު ސަރުކާރަށް އަމާޒުވާ ކަމަށެވެ. އަދި ރާއްޖޭގެ މާލީ ހާލަތާ ބެހޭ އެންމެ ފަހުގެ ސައްހަ މައުލޫމާތު ސަރުކާރުން ހާމަ ނުކުރާތީ ރައްޔިތުން ކަންބޮޑުވާ ކަމަށެވެ.
"އަދި ސަރުކާރުގެ ދަރަނި އެއް އަހަރުން އަނެއް އަހަރަށް ބޮޑުވަމުންދާތީއާއިއެކު އަސާސީ ކަންކަމަށް ބޭނުންވާ ތަކެއްޗާއި ކާޑާއި ތެޔޮ އެތެރެކުރަން ބޭނުންވާ މިންވަރަށް މާލީ ތަނަވަސްކަން ރާއްޖޭގައި ނެތް ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ތެރޭގައި އެބައޮތް،" އާދަމްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
އާދަމް ޝަރީފުގެ ސިޓީގައި އެދިވަޑައިގެންފައިވަނީ 2022ވަނަ އަހަރުގެ ފޮރިން ރިޒާވް ހުރި މިންވަރު އަންނަ އަހަރުގެ ބަޖެޓު ފާސް ކުރުމުގެ ކުރިން ހޯއްދަވައިދެއްވުމަށެވެ.
މިއަދުގެ ޖަލްސާގައި އާދަމްގެ ސިޓީއަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ ފޮރިން ރިޒާވުގައި ފައިސާ ހުރި މިންވަރު އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ އަދަދު ހާމަ ކުރެވިދާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
"ނޫންނަމަ އަޅުގަނޑަށް އިއްޒަތްތެރި މެންބަރު ވިދާޅުވެފައިވާތީވެ އަނެއްކާވެސް ސިޓީއެއް އެމްއެމްއޭގެ ގަވަރުނަރަށް ލިޔުމަށް ފަހުގައި އެ އަދަދު އިއްޒަތްތެރި މެންބަރަށް ދެއްވިދާނެ. ނޫންނަމަ އިއްޒަތްތެރި މެންބަރަށް އަޅުގަނޑަށް ކިޔާދެވިދާނެ ގްރޮސް ރިޒާވުން ޔޫސަބަލް ރިޒާވް ހިސާބު ޖަހާ ގޮތް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ކާޑާއި ތެލާއި ބޭހަށް ބޭނުންވާ ވަރަށް ރާއްޖޭގެ ފޮރިން ރިޒާވުގައި ފައިސާ ހުރިތޯ އޮޅުންފިލުވަން އާދަމް ޝަރީފް އެދިވަޑައިގެންފައިވާތީ އެ މައުލޫމާތު އޮޅުންފިލުވައި ދޭނެ ކަމަށެވެ.