ހުޅުމާލެ

ބޮޑު ސްކޭޓިން އޭރިއާއެއް ހިމެނޭ ޔޫތު ޕާކް މިއަހަރު ހުޅުވައިލާނެ: އެޗްޑީސީ

ރާއްޖޭގައި ގާއިމްކުރާ އެންމެ ބޮޑު ސްކޭޓިން އޭރިއާއާއެކު ހުޅުމާލެ ޔޫތު ޕާކު މި އަހަރުގެ މެދުތެރޭގައި ހުޅުވާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިމަން ވިދާޅުވެއްޖެ އެވެ.

އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ސައިމަން ވިދާޅުވީ، ހުޅުމާލޭ ފޭސް އެކެއްގައި ޔޫތު ސިޓީއެއްގެ ކުލަޖެއްސުމަށްޓަކައި އެތަނުގައި ޒުވާނުންނާ ގުޅޭ ގޮތަށް ޕާކެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ ޕާކުގައި ބައެއް ކުޅިވަރު ކުޅެވޭނެ ކޯޓުތަކުގެ އިތުރަށް ރާއްޖޭގައި މިހާތަނަށް ގާއިމްކުރާ އެންމެ ބޮޑު ސްކޭޓިން އޭރިއާ ވެސް ހިމެނޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ޕާކުގެ މަސައްކަތް ނިންމައި އާންމުކޮށް ހުޅުވައިލާނެ ކަމަށެވެ.

"ހުޅުމާލޭގައި ޔޫތު ސިޓީއެއް ތަރައްގީކޮށް އެތަނުގައި ޔޫތު ސިޓީއެއްގެ ކުލަ ޖެއްސުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް. އެކަން އަޅުގަނޑުމެން ކުރާނަން. ޔޫތު ޕާކު ވެގެންދާނީ ޔޫތު ސިޓީގެ ވަރަށް މުހިއްމު ހިއްސާ އަކަށް،" ސައިމަން ވިދާޅުވި އެވެ.

ހުޅުމާލޭގައި ޔޫތު ސިޓީއެއް ގާއިމްކޮށް ޒުވާނުންނަށް ކުޅިވަރުގެ ހުނަރާއި އެހެންވެސް ހުނަރު ކުރިއެރުވޭނެ ވަސީލަތްތައް އެތަނުގައި ފަހޮކޮށްދިނުމަކީ ރައީސް އަބްދުﷲ ޔާމީންގެ ވައުދެކެވެ. އެގޮތުން ޒުވާނުންނަށް ކުޅިވަރު ކުޅެވަރު ކުޅެވޭނެ ތަންތަނާއި، ރެކްރިއޭޝަން ހަރަކާތްތައް ކުރިއަށްގެންދެވޭނެ ގޮތަށް ޔޫތު ޕާކެއް ހަދަން ނިންމައި އެޗްޑީސީ އިން އެމަސައްކަތް ބަޔަކާއި ހަވާލުކުރީ މިދިޔަ އަހަރު އެވެ.

ހުޅުމާލެ ތަރައްގީކުރުމުގެ މަސައްކަތް ކުރާއިރު ދެވަނަ ފިޔަވަހީގައި ހިއްކި ބިމުގެ ރިވެޓްމަންޓާއި ޝީޓް ޕައިލް ކުރުމުގެ މަސައްކަތާއި މަގު ހެދުމުގެ މަސައްކަތް ކުރުމަށް ކުރަންޖެހޭ ދިރާސާތައް މިހާރު ވަނީ ނިންމާފައެވެ. އިންޑިއާގެ އަޝޯކް ކުންފުންޏާއި ހަވާލުކޮށްފައިވާ އެ މަސައްކަތްތައް ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި ފަށާނެ އެވެ.