ރާއްޖޭގެ ސިއްހީ ނިޒާމާމެދު ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ސިއްހީ ދާއިރާ މުވައްޒަފުން ތަމްސީލުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ ކަންބޮޑުވުންތަކެއް އުފެދިއްޖެ އެވެ.
ދުނިޔޭގެ 154 ގައުމެއްގެ 30 މިލިއަނަށްވުރެ ގިނަ ސިއްހީ ދާއިރާގެ މުވައްޒަފުން ތަމްސީލުކުރާ ޕަބްލިކް ސާވިސަސް އިންޓަނޭޝަނަލް (ޕީއެސްއައި) އިން ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ފޮނުވި ސިޓީއެއް އަވަސްއަށް ވަނީ ލިބިފަ އެވެ.
ޕީއެސްއައިގެ ސިޓީ ވަނީ ރާއްޖޭގައި ސިއްހީ ނިޒާމުގައި ސިއްހީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް މުސާރަ އިތުރު ކުރުމާއި މަސައްކަތުގެ ދާއިރާއިން ކުރިއަށް ދާނެ ފުރުސަތުތަކެއް ފަހިވާނެ އޮނިގަނޑެއް އެކުލަވާލެވިފައި ނެތުމުން ކަންބޮޑުވާ ކަމަށެވެ.
ޕީއެސްއައި އިން ވަނީ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލުތަކެއްގައި މަސައްކަތްކުރާ ސިއްހީ ތަޖުރިބާކާރުންނަށް ވަޒީފާގެ އޮނިގަނޑެއް އެކުލަވާލުމަށް އެއްބަސްވެވި 2008 އިން ފެށިގެން އެއަށް އަމަލު ނުކޮށް އޮތްކަން ފާހަގަ ކޮށްފަ އެވެ.
ބައެއް ސިއްހީ ތަޖުރިބާކާރުންނަށް (ނަރުހުން އަދި ޑޮކްޓަރުން) ވަޒީފާގެ އޮނިގަނޑެއް އެކުލަވާލާ 2018 އިން ފެށިގެން އަމަލު ކުރަމުން އަންނަ ކަމާއި 2023 ގެ ބަޖެޓުގައި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ހަމަހަމަ ކުރުމަށް ހިމަނާފައިވާކަންވެސް ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ. ނަމަވެސް އަމަލު ކުރަމުން އަންނަ އޮނިގަނޑުގައި ރާއްޖޭގެ ސިއްހީ ދާއިރާގެ 40 އިންސައްތަ ހިއްސާވާ ސިއްހީ އެހީތެރިން އެކަހެރި ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މިހާރު އަމަލު ކުރަމުން އަންނަ ސިއްހީ ދާއިރާގެ ވަޒީފާގެ އޮނިގަނޑު އެކުލަވާލާފައިވަނީ ސިއްހީ އެހީތެރިން އެކަހެރި ކޮށްފައި ކަމަށްވާތީ މިއީ ރާއްޖޭގެ ގާނޫނު އަސާސީއާއި ހިލާފު ކަމެއް ކަމަށް ޕީއެސްއައި އިން ބުންޏެވެ.
ރާއްޖޭގެ ގާނޫނު އަސާސީގައި ހަމަހަމަކަމާއެކު މުއާމަލާތުކުރެވޭ ރައްކާތެރި މާހައުލެއްގައި މަސައްކަތްކުރުމާއި ކުރާ މަސައްކަތާ އެކަށީގެންވާ އުޖޫރައެއް ލިބުމާއި ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމާއި އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ހައްގު ކޮންމެ މީހަކަށްވެސް ލިބިދޭ ކަން ފާހަގަކޮށްފައިވެ އެވެ.
ކޮވިޑުގެ ހާލަތުގައި ރާއްޖޭގެ ރައްޔިތުންނަށް ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުހިންމުކަންވެސް ފެނިގެން ދިޔަ ކަމަށާއި ބައެއް މުވައްޒަފުންގެ އަގު ވަޒަން ނުކުރާނަމަ ވަޒީފާއިން މީހުން ވަކިވާ މިންވަރު ގިނަވެ އެ މުވައްޒަފުން މާޔޫސްވެ އާ ހުނަރުތައް ދަސްކުރަން އޮންނަ ޝައުގުވެރިކަން ގެއްލޭ ކަމަށްވެސް ބުނެފައިވެ އެވެ.
ޕީއެސްއައި އިން ވަނީ ރާއްޖޭގެ ސަރުކާރުން ވަކި މުއްދަތެއް ކަނޑައަޅާ އެ މުއްދަތުގެ ތެރޭގައި ސިއްހީ މުވައްޒަފުންނަށް ހަމަހަމަ ކަމާއެކު އެއްވެސް މުވައްޒަފެއް ބާކީނުކޮށް އާ ވަޒީފާގެ އޮނިގަނޑެއް އެކުލަވާލުން އަވަސް ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި ޕީއެސްއައިގައި ރާއްޖެ ތަމްސީލުކުރާ މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އާއި ގުޅިގެން މި އޮނިގަނޑު ތައްޔާރު ކުރުމަށްވެސް ލަފާދީފައިވެ އެވެ.