( 21 ނޮވެމްބަރ 2022 އާ ގުޅޭ )
އެ ކޮޓަރީގެ ދޮރު ހުޅުވުނެވެ. ވަދެގެން އައި އިސްކޮޅުން ދިގު ޒުވާނާ ފެނުމާއެކު މިއުވާނުގެ ނޭވާ ވެސް ހިނދުނު ފަދައެވެ. މުޅިހަށިގަނޑަށް ބިރުވެރިކަމުގެ ފިނިކަމެއް ފެތުރުނުކަމުގެ އިޙްސާސް ކުރެވުނެވެ. އޭނާއަށް އެމީހަކީ ކާކުކަން ވަކިކުރަން އެނގުނެވެ. އެހެން މީހުން ފަދައިން އޭނާ މޫނު ނިވައެއް ނުކުރެއެވެ. ނަމަވެސް ދެއަތްތިލައަށް ވަނީ ކަޅު އަންގިއެއް ލައްވާފައެވެ.
"ކަލޭ..." މިއުވާނު ބުނަން އުޅުނު އެއްޗެއް ފުރިހަމަ ކުރާނެ ފުރުޞަތެއް ނުދިނެވެ.
"އަނގަމަތި ފަޅާ ނުލަނީސް ހިމޭންވޭ." އެ ކޮޓަރިއަށް ވަދެ ހުރ ޒުވާނާ ބުންޏެވެ. އޭރު މޭޒުދޮށުގައި އިން މީހާ ހުރީ ކޮޅަށެވެ. އޭނާގެ ހަރަކާތްތަކުން އިސް މީހަކީ ކާކުކަން މިއުވާނަށް ދެނެގަންނަން އެނގުނެވެ. ދަތްކުނޑިވިކައިލައިގެން މިއުވާން ހިމޭންވީއެވެ. މިހާރު އޭނާގެ ކުރިމަތީ އެ ހުރި ޒުވާނާއަކީ، އޭނާ އޮޅުވާލައި ލަނޑުދިނުމުގެ އިތުރުން ކައިވެނިން ބޭރުން ބަލިވެ ބޭންދި އަންހެންކުއްޖާ ކަމަށްވާ ނިމްރާއާ ގުޅުން ހުރި މީހެކެވެ. ރާއްޖޭ މީހަކަށްވުރެ އޭނާގެ ފުށުން ފާޅުވަނީ ބޭރު މީހެއްގެ ސިފަތަކެވެ. އޭނާ އެންމެ ފުރަތަމަ މިއުވާނަށް ފެނުނީ މާލޭގެ މަޝްހޫރު ހޮޓެލެއް ކަމަށްވާ ސްކާލެޓް ގޮމަ ހޮޓެލްގެ ތެރެއިންނެވެ. އޭނާއާ މީހުން މުޚާތިބު ކޮށް އުޅެނީ ޒޭވިއާގެ ނަމުންނެވެ. މިއުވާނުގެ ނަޒަރުގައި އެއީ ނުރައްކާތެރި ޒުވާނެކެވެ. މިއުވާނު ޤަބޫލުކުރާ ގޮތުގައި ނިމްރާއަކީ އޭނާގެ ހަޔާތަށް އެޅުނު ބަދުނަސީބު ކަޅު ހިޔަންޏެކެވެ. އެ އަންހެންކުއްޖާއަށް ފަހު ދިރިއުޅުމުގައި އޭނާއަށް ހަމަޖެހިލާނޭ ފުރުޞަތެއް އަދި ނުލިބެއެވެ. ކަންކަން ދިމާވަނީ ނުވެސް ދެނަހުއްޓައެވެ.
"އަރްސަލް ފޮނުވައިގެންތަ؟. ނިމްރާ ނުދެކޭތާ ވެސް ވީ ދުވަހެއް ނޭނގޭ. އަހަރެން އޭނާއަށް ފާރައެއްނުލަން." އަމިއްލަ ދިފާއުގައި މިއުވާނު ވާހަކަދެއްކިއެވެ.
"އަހަރެން ދިން އިންޒާރުގެ މަތިން ކަލޭ ހަނދާންނެތުނީތަ؟. އަހަރެން ބުނިން ދޯ އަންހެންކުއްޖެއްގެ ކިބައިން ކަލޭ ފައިދާއެއް ނަގަން ނުވިސްނައްޗޭ. އެކަހަލަ ކަމެއް ކުރާން ވިސްނާއިރު ކަލޭގެ ހިޔަނިހެން އަހަރެން ބަލަން ހުންނާނެކަން." ޒޭވިއާ ބުންޏެވެ.
"އަހަރެން ކޮންމެ ކަމެއް ކުރިޔަސް ކަލެއާ ބެހޭކަމެއްނޫން." މިއުވާނު ބުންޏެވެ.
"ޖީނާ އެހާ އަވަހަށް ފުރައިގެން އެ ދިޔައީ ކަލޭގެ ކިބައިން ސަލާމަތްވާން. އޭނާއަށް ކަލޭގެ ގޮތް ކިޔާދިނީ އަހަރެން. ކަލެއަށް ޝައްކުނުވާނޭހެން ގުޅުން ކަނޑާލަން އޭނާ ބޭނުންވީ." ޒޭވިއާ ބުންޏެވެ.
މިއުވާނު ހައިރާންވިއެވެ. ޖީނާއަކީ މަލަކްއާ ދިމާވުމުގެ ކުރީން އޭނާ ރައްޓެހިވާން މަސައްކަތް ކުރި މާލޭގެ ބޮޑު ވިޔަފާރިވެރިއެއްގެ ހުރި ހަމައެކަނި އެންމެ ހަގު އަންހެން ދަރިއެވެ. މިއުވާނާ އޮތް ގުޅުން ޢާއިލާއަށް އެނގި އެމީހުން ޖީނާ ގޮވައިގެން ރާއްޖޭން ބޭރަށް ބަދަލުވަނީކަން ބުނީ ޚުދު ޖީނާއެވެ. މިއުވާނަށް ހިންދިރުވާލެވުނެވެ. ޒޭވިއާ ހަޤީޤަތުގައި ވެސް އޭނާއަށް ފާރަލަމުން ދާނަމަ މިއުވާނުގެ ކިތަންމެ ސިއްރެއް މިހާރު އޭނާއަށް އެނގޭނެތާއޭ ހިތަށް އެރިއެވެ.
"ކިހިނެއްވީ؟... އަހަންނަށް ހުރިހާކަމެއް އެނގޭނެތީ ހާސްވީތަ؟." ޒޭވިއާ އަހާލިއެވެ. މިއުވާނު އިތުރަށް ޖެހިލުންވިއެވެ. ހިތާއި ސިކުނޑީގައި އޮންނަ އެއްޗެއް ވެސް ދެނެގަންނަހާ ޒޭވިއާ ކުޅަދާނައީ ބާއޭ ސުވާލު އުފެދުނެވެ.
* * * * *
ހެނދުނު ހޭލެވުނު ގޮތައް ދައްޔާނު ކޮޓަރިން ނުކުތެވެ. އޭނާ އައިސް މިއުވާނުގެ ކޮޓަރީގެ ތަޅުގައި ހިފިއެވެ. ކޮޓަރި ހުރީ ތަޅުލާފައެވެ. ރޭގައި މިއުވާނު ގެއަށް އައިކަމެއް ނާންނަކަމެއް ވެސް އޭނާއަށް ނޭނގެއެވެ. ޔަގީނުން ވެސް އޭނާއަށް ނިދުނުއިރު މިއުވާނު ގެއަކު ނެތެވެ. އޭރު ދަންވަރު އެކެއް ވެސް ޖަހާ ހިނގައްޖެއެވެ. އެނބުރި ކޮޓަރިއަށް އައިސް ދައްޔާނު ވަނީ ފާޚާނާއަށެވެ. އޮފީހަށް ދާން ޖެހޭނެތީ އޭނާ ތައްޔާރުވިއެވެ.
ހުރިހާ ކުދީން ސައިބޯން އަންނަން ވާއިރަށް އަނީސާ ކާމޭޒު މައްޗަށް ސައި ނަގާފައި ހުއްޓެވެ. އޭނާގެ ފިރިމީހާ އިދުރީސް އިނީ ކާމޭޒުދޮށުގައެވެ. އެމީހުންގެ ދޮށީ ދަރިފުޅު ސައިބޮއެގެން ނުކުތްތާ ގިނައިރެއް ނުވަނީސް ދައްޔާނުއާއި ދާނިއު އެކިއެކީހެން އައިސް ވަނެވެ.
"ބައްޕަ ނިންމާލީތަ؟." އިދުރީސް މޭޒުދޮށުން ތެދުވިތަން ފެނި ދައްޔާނު އަހާލިއެވެ.
"އާން. ފިހާރައިގަ އާދަން ބައިންދާފަ އައިސް މިއުޅެނީ." އިދުރީސް ބުންޏެވެ. އޭނާ ހުޅުމާލެއަށް ދިރިއުޅުން ބަދަލުކުރި ގޮތައް އެތަނުގައި ކުޑަ ފިހާރައެއް ހުޅުވީއެވެ. ފިހާރަ ހުޅުވައި ބަންދުކުރާންދެން އޭނާ އުޅެނީ ފިހާރައިގެ މަސައްކަތުގައެވެ.
ބައްޕަ ނުކުމެގެން ދަންދެން މިއުވާނުގެ ނަން ނުގަނެ ދައްޔާނު އިނެވެ. އޭނާއަށް ވެސް މިހާރު ބައްޕައާއި މަންމަ މިއުވާނާ މެދު ތަފާތު ކުރަނީކީ ނޫންކަން ވިސްނިއްޖެއެވެ. އެމީހުން ފޫހިވާން މެދުވެރިވީ މިއުވާނުގެ ވިޔާނުދާ އުޅުމެވެ. ބައްޕަ މިއުވާނާ ވާހަކަދެއްކުން ހުއްޓާލީ ވެސް އެހެންވެކަން ޔަގީނެވެ. ބައްޕައަކީ އެހާ ގޯސް މީހެއްނަމަ ބޭބެ އެގޭގައި ހުންނާކަށް ވެސް އެއްބަހެއް ނުވީހެވެ. ޖަލުން ދޫކޮށްލުމާއެކު ބޭބެއަށް އަލުން ވަޒީފާއެއް ހަމަޖެހެންދެން މަންމައާއި ބައްޕަ އޭނާގެ ޚަރަދުތައް ބެލަހައްޓާދިނެވެ. އެއީ ދައްޔާނަށް ވެސް ފެނިފާ ހުރި ކަންކަމެވެ.
"މަންމާ. މާނުބެ ދުށީންތަ؟." ދައްޔާނު އަހާލިއެވެ.
"އަދި ނާދޭ ހޭލައިގެން." އަނީސާ ބުންޏެވެ.
"ގޭގައި އެބައުޅޭތަ؟. ރޭގަ މާނުބެ އާދޭތޯ ހުއްޓާ ނިދުނީ." ދައްޔާނު ބުންޏެވެ.
"އޭނާ ދާހާ ތަންތަނެއް މަންމައަކަށް ނޭނގޭ. އުޅޭނެތާކު އުޅެއުޅެފަ އައިސް ނިދަން އޮވެދާނެ. މިއަދު އޮފީހަށް ނުދާން ކަންނޭނގެ. ދަންޏާ މިހާރު ސައިބޯން އަތުވެދާނެ." އަނީސާގެ ވާހަކައިގަ ވަނީ ފަރުވާކުޑަކަމެވެ.
"ނާދޭ ކަންނޭނގެ ރޭގަ ގެއަކަށް." ދާނިއު އިނދެފައި އޭނާއަށް ހީވާ އެއްޗެއް ބުނެލިއެވެ.
"އެ ކޮޓަރީގެ ތަޅުދަނޑި އޮންނާނެތަ މަންމާ." ދައްޔާނު އަހާލިއެވެ.
"އޮންނާނެ." އަނީސާ ބުންޏެވެ. އެއާއެކު ދައްޔާނު އެދުނީ މިއުވާނުގެ ކޮޓަރީ ތަޅުދަނޑި ގެނެސްދިނުމަށެވެ.
މިއުވާނުގެ ކޮޓަރި ހުޅުވަން ތަޅުދަނޑި ހިފައިގެން އައި ދައްޔާނުގެ ފަހަތުން ދާނިއު ވެސް އައެވެ. ދައްޔާނު ކުރަން އުޅޭކަމެއް ބެލުމަށް ދާނިއު ހުރީ ޝައުގުވެރިވެފައެވެ. ދައްޔާނު ކޮޓަރީގެ ތަޅު ހުޅުވައި އެތެރެއަށް ދޮރު ހުޅުވާލިއެވެ. އެ ކޮޓަރީގައި ރަސްކަންކުރަނީ އަނދިރިކަމެވެ.
"މާނުބެ ރޭގަ ނާންނަނީ ދޯ." ކޮޓަރީގައި މީހަކުނެތްކަން އެނގި ދާނިއު ބުނެލިއެވެ.
ވަކި އެއްޗެއް ނުބުނެ ދައްޔާނު ކޮޓަރި ލައްޕާ ތަޅުލީއެވެ. އަދި އޭނާގެ ކޮޓަރިއަށް އައިސް ސެންޓު ޖަހާލައިގެން އޮފީހަށްދާން ނުކުތެވެ.
* * * * *
ރެއިން ފެށިގެން މިއުވާނަށް ގުޅޭތޯ މަލަކް މަސައްކަތް ކުރިއެވެ. ނުވީތާކަށް ބްލެކްމެއިލަރުގެ މެސެޖެއް ނާންނާތީ ވެސް މަލަކް އިނީ ހައިރާންކަމެއްގައެވެ. އެކި ކަހަލަ އިންޒާރުތަކުން މަލަކް ހާސްކުރުވާން ކޮންމެ ދުވަހަކު އެ މީހާ މެސެޖުކުރާއިރު ކުއްލިއަކަށް އޭނާގެ ޚަބަރެއް ނުވުމަކީ ސުވާލު އުފެދޭނެ ކަމެކެވެ. ދައްޔާނު އެކަން ކުރާ މީހަކު ހޯދީބާއޭ ވެސް މަލަކް ހިތަށް އަރައެވެ. އެހެންވިޔަސް އިސްވެ ދައްޔާނަށް ގުޅަން ނުކެރިފައި މަލަކް އިނެވެ.
ހެނދުނުގެ ނާސްތާގައި ކާމޭޒުދޮށުގައި ދެކެވުނީ މާޔަލްގެ ކައިވެނީގެ ވާހަކައެވެ. ވަލީމާ ބާއްވާނޭ މާލަމެއް ދެ ފަރާތުގެ ޢާއިލާއިން ނިންމާފައިވާއިރު ކައިވެނީ ޙަފުލާއަށް ވަނީ ކުލައެއް ކަނޑައަޅާފައެވެ. ކައިވެނި ހެދުން ގެންނަނީ ރާއްޖެއިން ބޭރުންނެވެ. އެހެންވެ މިއަދު ހެދުމުގެ ފަރުމާ ކަނޑައެޅުމާއި މިންނަގަން އެކަމަށް ޚާއްޞަ މީހަކު އެގެއަށް މެންދުރު އަންނަން އޮތީ ހަމަޖެހިފައެވެ. ހުރިހާކަމެއް ރޭވުމުގައި ދެ ޢާއިލާ ފުރިހަމައަށް ބައިވެރިވެއެވެ. އައިތަން މީހަކާ އިންނަން އުޅުނުއިރު ނުކުރާހާ ޚަރަދު އޭނާގެ ވާން އުޅޭ ދެވަނަ ޅީދަރިފުޅަށް ކުރާން ޝަބްނަމް ހުރީ ތައްޔާރަށެވެ. އެހެންވެ މާޔަލްމެން ގޭގައި ޝަބްނަމް ހޭދަކުރާ ވަގުތު ގިނައެވެ. ފުރުޞަތުގެ ބޭނުން ހިފައި އެގެއަށް މަންމައާއެކު އައިރިކް އަންނަނީ އެހެން ބޭނުމެއްގައެވެ. އެ ފުރުޞަތުގައި ވެސް އޭނާގެ ލޯބިވާ މާޔާ ފެންނާނެތީއެވެ.
ގޭތެރޭގެ ހަމަޖެހުމާއި ވެރިވެފައި އޮތް އުފާވެރި މާޙައުލުން އެންމެ ރަނގަޅު އަސަރެއް ކުރީ މައިރާއަށެވެ. އަނބިމީހާ ހިނިތުންވާތަނާއި ނިކަމެތިވެފައިވި ހަށިގަނޑަށް ދުޅަހެޔޮކަން އެނބުރި އަންނަތަން ދެކެފައި ރަޒާގެ ހިތް ވަނީ އުފަލުންނެވެ. ޚުދު އޭނާއަށް ވެސް އެ ގޭގެ މާޙައުލު ދުޅަހެޔޮ މާޙައުލެއްގެ ގޮތުގައި އިޙްސާސް ކުރެވެއެވެ. މަންމައާއި ބައްޕައެއްގެ ލޯތްބާއި އަޅާލުން ލިބޭއިރު މައިރާގެ ކޮއްކޮމެންނާ އޮތް ގުޅުން އަމިއްލަ އެއްބަނޑުއެއްބަފާ ކުދީންނާ އޮންނަ ގުޅުމަށްވުރެ ގާތްވެއްޖެއެވެ.
* * * * *
މެންދުރު އޮފީހުގައި ހުރެފައި ދައްޔާނު ގެއަށް އައެވެ. އޭނާ އައިސް މިއުވާނުގެ ކޮޓަރި ހުޅުވިއެވެ. މިއުވާނެއް އެތާކުނެތެވެ. ސިއްރުން އުޅޭ މީހަކުހެން ކޮޓަރިއަށް ދައްޔާނު ވަދެ ދޮރު ލައްޕާލިއެވެ. އަދި ބޮކިދިއްލާލާފައި ދައްޔާނު އެ ކޮޓަރިތެރެ ބަލާ ފާސްކުރަން ފެށިއެވެ. އަލަމާރި ތެރޭ ހުރި ފޮށްޓެއް ދައްޔާނަށް ފެނުނެވެ. އެނދުގައި އިށީނދެ އެ ފޮށި ހާވަންފެށިއެވެ. އޭގެ ތެރޭގައި ބައްތި ފޯނަކާއި މެމޮރީ ކާޑުތަކެއްގެ އިތުރުން ދެ ޕެންޑްރައިވް އޮތެވެ. ފޯނު ހުޅުވޭތޯ ބެލިއެވެ. ނަމަވެސް އޭގައި ޗާޖުނެތުމުގެ ސަބަބުން ނުހުޅުވުނެވެ. ސިމްކާޑެއް ވެސް ނެތެވެ. އެ ކޮޓަރި ތަޅުލާފައި ފޮށިހިފައިގެން ދައްޔާނު އައީ އޭނާގެ ކޮޓަރިއަށެވެ. ފޮށި ތެރޭގައި ހުރި މެމޮރީ ކާޑުތަކާއި ޕެންޑްރައިވްގަ އެއްޗެއް ހުރިތޯ ބަލަން އޭނާގެ ލެޕްޓޮޕަށް ގުޅައިގެން ބަލަންފެށިއެވެ. އެތަނުން މެމޮރީ ކާޑަކުން ފެނުނީ މަލަކް ދިން ޕެންޑްރައިވްގަ އިން ވީޑިއޯއެވެ. ވަގުތުން މެމޮރީ ކާޑު ނަގައި ދައްޔާނު އެ ހަލާކުކޮށްލައިފިއެވެ. އޭގައި އެވަނީ މިއުވާނު އަތުގައި ބޭއްވި ކޮޕީކަން ދައްޔާނަށް ވިސްނުނެވެ. ހަލާކުކޮށްލީ އެހެންވެއެވެ. ދެން ހުރި އެއްޗެހީގައި އެއްވެސް ފައިލެއް ރައްކާކޮށްފައި ނެތެވެ. އިރުކޮޅަކު ވިސްނަން އިނދެފައި ދައްޔާނު ފޯނު ނެގިއެވެ. މިއުވާނުގެ ނަންބަރަށް ގުޅަން ފެށިއެވެ. އަދިވެސް ފޯނު އޮތީ ނިއްވާލައިފައެވެ.
"ކޮންތާކަށްބާ އެ ދިޔައީ. މަލް ވެސް ބުނި މާނުބެގެ ޚަބަރެއް ނުވެޔޭ. ކަމެއްވީތަ؟." ދައްޔާނުގެ ހިތުގައި ސުވާލު އުފެދުނެވެ. މިއުވާނު ގެއަށް ނައިސް ހުރެދާނޭ ހީނުވަނީއެވެ. ފޯނު ނިއްވާލައިގެން މިއުވާނު ނޫޅޭނެކަން ވެސް އެނގެއެވެ. އެއަށްވުރެ ބޮޑަށް ދައްޔާނަށް ޔަގީންވަނީ މަލަކް ބްލެކްމެއިލް ކުރަމުންދާއިރު މަލަކްއަށް ޚަބަރެއްނުވެ މިއުވާނު ނުހުންނާނޭ ކަމެވެ. ދައްޔާނު ވެސް ބޭނުންވަނީ މަލަކްއަށް މިއުވާނު ގުޅާށެވެ. އަދި އޭނާއަށް އެކަން އެނގިއްޖެކަން ފަޅާއަރުވާލާށެވެ. މިއުވާނުގެ މައްޗަށް ދެން ދުވަހަކުވެސް އިތުބާރެއް ނުކުރެވޭނެކަން ބުނާށެވެ.
"ގެއަށް އާދޭތޯ ބަލަން މަޑުކުރާނީ. ސައުވީސްގަޑިއިރު ވާއިރު ނައިސްފިނަމަ މަންމަމެން ކައިރީ ބުނާނީ. ކަމެއްނުވާނަމަ ގެއަށް އަންނާނެ. ޕާސްޕޯޓުގެ އިތުރުން ފޮށްޓާއި ދަތުރުތަކުގައި ގެންދާ ދަބަސް ވެސް ހުރި. އެއްވެސް އެއްޗެއް އެ ކޮޓަރިން މަދެއްނޫން. މާނުބެ ފުރައިގެން ނުދާކަން ޔަގީން." ދައްޔާނު އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. އަދި އަތުކުރީ ގަޑިއަށް ބަލާލިއެވެ. އޭނާ އެނބުރި އޮފީހަށްދާން ޖެހޭ ވަގުތު ކައިރިވީއެވެ. ގެންގުޅުނު ފޮށި އެނދުއަރިމަތީ ހުރި ކަބަޑުގެ ތެރެއަށްލައި ތަޅުލާފައި ދައްޔާނު ކޮޓަރިން ނުކުތީއެވެ.
* * * * *
ފޯނު ދައްކާލުމާއެކު ޒޭވިއާ ސުވާލުކުރަން ފެށިއެވެ. އެއީ މަލަކް ބްލެކް މެއިލް ކުރާން މިއުވާނު ގެންގުޅުނު ފޯނެވެ. ގެއިން ނުކުތް އިރު މިއުވާނު ނުކުތީ އެ ފޯނު ވެސް ހިފައިގެންނެވެ. އޭގައި ހުރި މެސެޖުތައް އަޑުހަރުކޮށް ޒޭވިއާ ކިޔަމުންދިޔައެވެ. އިންތަނުން ތެދުވެ ފާރުގައި ހަރުކޮށްފައި ހުރި ފޯމްބޯޑު ކައިރީ ޒޭވިއާ ހުއްޓިލިއެވެ.
"މި އަންހެންކުއްޖާއާ ކަލޭ ބައްދަލު ކުރާއިރު ހަމަ މީނަ ކަލޭގެ ކޮއްކޮއާ ރައްޓެހިވެގެން އުޅެނީ. ބުނޭ... އެ ވީޑިއޯ ކޮބާ. ކަލޭގެ ކޮއްކޮއާ ދެ މީހުން ރާވައިގެން ކުރާކަމެއްތަ މީ. ކަލޭގެ މި މެސެޖުތަކުން އެނގޭ އެއީ ކޮންކަހަލަ ވީޑިއޯއެއްކަން. ކީއްވެގެން އެ ޢާއިލާއާ ދިމާކުރަނީ. އަހަރެން ހޯދި ހޯދުމުން މަލަކްއާ ކަލޭ ދިމާކުރުމުގެ ކުރީންވަނީ އޭނާގެ ދައްތަ މާޔަލްއާ ދިމާކޮށްފައި. އެނގޭތަ ކިހިނެއްކަން އެނގުނީ. އޭނާގެ އެކްސިޑެންޓް ރިޕޯޓުން. ބުރެކި ފެއިލް ކޮށްލުމަކީ ކަލޭގެ ޕެޓާންއަކީތަ؟. ތިކުޑަ ސިކުނޑިއަށް ކުރަން އެނގޭކަމަކީ އެއީ ދޯ. ކަލޭ ނިމްރާއަށް ވެސް ދިނީ އެކަހަލަ ލަނޑެއް. ފުރާނައެއް ގެއްލުނީ ކަލޭގެ ސަބަބުން. އެ ޕެޓާން އަލުން ތަކުރާރު މިވީ. މާޔަލްގެ ފުރާނަ ސަލާމަތްވީ ކިރިޔާ. އޭނާގެ ކުށެއްނެތި އެހެންމީހަކަށް އަނިޔާ ލިބުނީ. މިދައްކަނީ ކުޑަ އަނިޔާއެއްގެ ވާހަކައެއްނޫން. ކޮބާ އެކަން ކުރުމުގެ ބޭނުމަކީ." ޒޭވިއާ ސުވާލު ކުރިއެވެ.
މިއުވާނު އިވޭ ކަމަށް ހަދާނުލާ އިނީއެވެ. އެހިނދު ދެވަނަ ފަހަރަށް ޒޭވިއާ ވާހަކައެއް ނުދެއްކިއެވެ. އޭނާ ކޮށްލި އިޝާރާތާއެކު ކުރީން މިއުވާނާ ވާހަކަދެއްކި މީހާ އައެވެ. އޭނާ އައިގޮތަށް މިއުވާނުގެ މޫނުމަތީގައި ޖެހީއެވެ. ލޯމަތިން ތަރިބުރައިގެން ދިޔަކަމުގެ އިޙްސާސް މިއުވާނަށް ކުރެވުނެވެ.
"އެ އެކްސިޑެންޓުގައި އަންހެންކުއްޖާގެ ކާރުގައި ޖެހި ޒަޚަމްވި ޒުވާނާގެ ލޯ އަނދިރިވީކަން އެނގޭތަ. ކަލޭގެ ލޯ އަނދިރިވެއްޖެއްޔާ އުޅެވިދާނެތަ." ޒޭވިއާ ބުންޏެވެ. ދަތްކުނޑިވިކާލައިގެން އިން މިއުވާނު ބަލާލީ އަލިފާނުގެ ބެލުމަކުންނެވެ. އެއާއެކު އޭނާގެ މޫނަށް ދެވަނަ ހަމަލާއެއް އަރައިފިއެވެ. ޒޭވިއާގެ ފޯނު ރިންގުވީ އެވަގުތެވެ. އޭނާ ފޯނު ނަގައި ބަލާލުމަށްފަހު އެތަނުގައި ހުރި މީހާ ނަޒަރު ސީދާކޮށްލިއެވެ.
"އެޗް... ޔޫ ނޯ ވަޓް ޓު ޑޫ. އައި ވިލް ބެކް." ޒޭވިއާ މިހެން ބުނެ އޭނާ އެ ކޮޓަރިން ނުކުތީއެވެ.
މިއުވާނުގެ ގައިގާ ތަޅަމުން ދިޔައެވެ. ތަދުވާތީ އޭނާ ހަޅޭލަވަމުން ދިޔައެވެ. އޭނާގެ ލޯކައިރިއަށް ލޭ އަރައި ބުމަމަތިން ފަޅައިގެން ގޮސްފިއެވެ. އަނގަމަތި ފަޅައިގެން ގޮސްގެން ލޭ ފައިބަނީއެވެ. އެމީހާގެ ހަރު ބޫޓުން މިއުވާނުގެ ގައިގެ އެތަން މިތަނުގައި އަޅުވާލިއެވެ. އަރިކަށިން ހީވަނީ ކަށިގަނޑެއް ބިއްދައިގެން ދިޔައީހެންނެވެ. މިއުވާނު ރޯންފެށިއެވެ.
"ސްޓޮޕް... ޕްލީޒް... ޕްލީޒް ސްޓޮޕް... ޕްލީޒް." ރޮމުން މިއުވާނު އާދޭސްކުރާން ފެށިއެވެ. އޭރު ގޮނޑިއާއެކު އޭނާ އޮތީ ތަޅުންމައްޗަށް ވެއްޓިފައެވެ.
"މިތަނުން ނުކުންނަން ބޭނުމިއްޔާ ހުރިހާ އެއްޗެއް ކިޔާދީ." އެ މީހާ މިއުވާނާ ދުރަށް ޖެހިލައި ބުންޏެވެ.
ވޭނުން ފުރިގެންވީ އަޑަކުން މިއުވާނު ހޫން ލައްވާލުމާއެކު ބޯޖަހާލިއެވެ. އެއާއެކު އެމީހާ ގޮނޑިއާއެކު މިއުވާނު ކޮޅަށް ނަގައިފިއެވެ. ދެން އޭނާ ނުކުމެގެން ގޮސްފައި އެނބުރި އައީ ކުޑަ ފެންފުޅިއެއް ހިފައިގެންނެވެ. މިއުވާނުގެ ތުނބުގައި ފެންފުޅި ކަނޑާލުމަށްފަހު ޖެއްސިއެވެ. ކަރުހިއްކައިގަނެފައި ހުރިވަރު މިއުވާނަށް އިޙްސާސް ކުރެވުނީ އަރުތެރެ ތެމިގެން ދިއުމާއެކުއެވެ. އަވަސްއަވަހަށް ފެންކޯވަރުތައް ދިރުވަން ހަދައިގެން އޭނާ ކޮށިއެރިއެވެ. އެމީހާ ފެންފުޅި ބަހައްޓަން އުޅުމުން މިއުވާނު އަދިއޭ ބުނެލިއެވެ. އޭނާގެ ކަރުހިއްކަން ފިލަންދެން އެމީހާ ފެންދިނެވެ.
"ވާހަކަދައްކަން ތައްޔާރުތަ؟." ފެންފުޅި މޭޒުމަތީ ބަހައްޓާ މިއުވާނަށް ބަލާލަމުން އެމީހާ އަހާލިއެވެ. ނިކަން އަވަހަށް މިއުވާނު ބޯޖަހާލިއެވެ.
"އިރުކޮޅަކުން ބޮސް އަންނާނެ. ކަލޭ ވާހަކަދައްކަން އެއްބަސްވެއްޖެކަން އަންގައިފިން. އެހެންވީމަ ބޮސް އައީމަ ދޮގު ނުހަދާ ހުރިހާ ކަމެއް ފެށިގެން ކިޔާދޭތި. އެހެންނޫނީ މީ ކަލޭގެ އެންމެ ފަހު ވަގުތު ހޭދަކުރާ ތަންކަމުގައިވެދާނެ. ކަލޭ މުޅި ދުނިޔެއަށް ގެއްލުވާލުމަކީ ބޮސްއަށް އެއްވެސް ކަމެއްނޫން." އެމީހާގެ ނުރައްކާތެރި ބެލުމުން މިއުވާނަށް އެ އިންޒާރުގެ ތެދުކަން ހާމަވެއެވެ.
* * * * *
އައިރިކްއާއެކު މާޔަލް ގެއަށް އައެވެ. ކާރުތެރޭ އިނދެވެސް އޭނާއަށް އިމާރާތުގެ ދޮރާ ދިމާވާނޭހެން ދުވާރުމަތީ ތިބި ދެ ޒުވާނުން ފެނުނެވެ.
"މަލް..." މާޔަލްއަށް ކިޔާލެވުނެވެ.
"ކިހިނެއްވީ؟. މާޔާ ކޮއްކޮ ވެސް ބިޓެއް ނަގައިގެންތަ އުޅެނީ." އައިރިކްގެ ނަޒަރު ވެސް ދަތުރުކޮށްލީ މާޔަލް ބަލަން އިން ދިމާއަށެވެ.
"އެމީހާ މަލް ކައިރީ ހުރީމަ. އައި ނޯ ހިމް... ރިކް. އަހަރެން ހަނދާން އެބަހުރި. އެކްސިޑެންޓްވީ ރޭ އެމީހާއާ ދިމާވީ. އޭނާ އެރޭ ވަރަށް އެހެން ކަހަލަ ވާހަކައެއް ދެއްކި." މާޔަލްގެ މޫނުމަތިން ހާސްކަން ފާޅުވާންފެށިއެވެ.
އައިރިކްގެ ކާރު އިމާރާތުގެ ކައިރިއަށް މަޑުކޮށްލިއެވެ. އެއާއެކު ނިކަން އަވަސް އަރުވާލާފައި މާޔަލް ކާރުން ފޭބިއެވެ. މާޔަލް ފެނުމާއެކު މަލަކްއާއި ދައްޔާނަށް ވެސް ލިބުނީ ސިހުމެވެ.
(ނުނިމޭ)