ތާރު އަޅައިގެން ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރަމުންދާ އަމީނީމަގުގެ މަސައްކަތްތައް މަޑުޖައްސާލައިފައިވަނީ އެމްޑަބްލިއުއެސްސީގެ އިހުމާލުން ނޫން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޑަބްލިއުއެސްސީން މިހެން ބުނެފައި މިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ނެރުނު ބަޔާނެއްގައި އަމީނީމަގުގެ މަސައްކަތްތައް މަޑުޖައްސާލައިފައިވަނީ އެމްޑަބްލިއުއެސްސީން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފައިނުވާތީ ކަމަށް ބުނެފައި ވަނިކޮށެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދެވަނަ ފިޔަވައްސަށް ބޭނުންވާ މައިގަނޑު ހުރިހާ އެއްޗެއް އެބަހުރި ކަމަށާއި މަސައްކަތްތަށް މިހާރުވެސް ފެށޭނެ ކަމަށެވެ.
މީގެ އިތުރުން އާރްޑީސީގެ ސައިޓުގައި ޖާގަ ނެތުމުން ބައެއް ސާމާނު ގެނައުން މަޑުޖައްސާލުމަށް އެމްޑަބްލިއުއެސްސީއަށް އަންގާފައިވާ ކަމަށްވެސް ޝާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަމީނީ މަގެ މަސައްކަތްތަކަށް ބޭނުންވާ ސާމާނުގެ ތެރެއިން މަދުވަނީ މިހާރު މަދުވަނީ ދެ އައިޓަމެކެވެ. މީގެތެރޭގައި ޖަންކްޝަންގެ މަތިގަނޑު ހިމެނޭ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މި ތަކެތި ނެތް ނަމަވެސް މަގު ރޫޅާލައިގެން މަސައްކަތް ފެށޭނެ ކަމަށާއި މަސައްކަތް ނިމެންވާ އިރަށް މަދުވާ ތަކެތި ގެނެސް އާރްޑީސީއަށް ފޯރު ކޮށްދެވޭނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެންގެ މެޓީރިއަލް ނެތީމަ ކަމަށް މަސައްކަތް ލަސް ވަނީކީ. އަޅުގަނޑުމެންނަށް މަދުވާ ތަކެތި ލިބޭނެ ދުވަހެއް އާރްޑީސީއާ ހިއްސާކޮށްފައި އޮންނާނީ. އެހެންވީމާ އެއަށް ބަލައިގެން އާރްޑީސީއަށް ދެން ހުރި މަސައްކަތް ކުރެވޭނެ. ބާކީ ހުރި ތަކެތި ލިބެންވާ އިރަށް،" ޝާހު ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުތައް ކުރުމުގެ ބަދަލުގައި އެއްކޮށް މަސައްކަތް ކުރުމުން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް ކަމަށެވެ. މިހާރުވެސް އަމީނީމަގު ހެދުމުގައި ބައިވެރިވާ ހުރިހާ ކުންފުނިތަކާއި މުއާމަލާތު ކުރެވޭ ކަމަށް ޝާހު ވިދާޅުވި އެވެ.
އާރްޑީސީ އިން މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރު މަސައްކަތްތައް މަޑު ޖައްސާލަން ޖެހިފައިވަނީ އެމްޑަބްލިއުއެސްސީ އިން ދެމުން ގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފައި ނުވާތީ ކަމަށެވެ. މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދެވޭ ވަރަށް ވަސީލަތްތައް ފޯރުކޮށް ދެވެންދެން އަމީނީމަގުގެ މަސައްކަތް މަޑުޖައްސާލުމަށް ހައުސިން މިނިސްޓްރީން އެދިފައިވާ ކަމަށްވެސް އާރްޑީސީން އިން ވަނީ ބުނެފަ އެވެ.