ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ފެށިއިރު ހާޒިރުވީ މެންބަރުންގެ އަދަދު މަދުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުންވެ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށިއިރު ހާޒިރުވެ ތިއްބެވީ ޖުމުލަ 22 މެންބަރުންނެވެ. ޖުމުލަ 87 މެންބަރުން ހިމެނޭ މަޖިލީހެއްގެ ހާޒިރީ މިހާ ދަށްވުމުން ނަޝީދު ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.
"މިވަގުތު ޖަލްސާއަށް ހާޒިރުވެ ތިއްބެވީ 22 އިއްޒަތްތެރި މެންބަރުން. އެއީ ވަގުތު ފަހަނައަޅާ ދިއުމަށްފަހު، ރަނގަބީލު ޖެހުމަށްފަހުވެސް ހާޒިރުވީ މެންބަރުންގެ އަދަދު،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ކޮންމެ މެންބަރެއްގެ މުސާރަ އިންތިހާއަށް ބޮޑު ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ކޮމިޓީތަކުގެ މެންބަރުންނަށް އަދި އެއަށް ވުރެ ގިނައިން ލިބޭ ކަމަށެވެ. އަދި ކޮންމެ މެންބަރެއް މުސާރައިގެ ގޮތުގައި 80،000 އަށް ވުރެ ގިނައިން ގެއަށް ގެންދާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މެންބަރުން އިންތިހާބުކޮށްފައިވަނީ ރައްޔިތުންގެ ވަކީލުންގެ ގޮތުގައި މަޖިލީހުގައި ތަމްސީލު ކުރުމަށް ކަމަށެވެ. އަދި މަޖިލީހަށް މެންބަރުން ވަޑައިނުގަތުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ އެޖެންޑާގައި ރިޔާސަތުން އަންގާ އެންގުމުގެ ފުރުސަތުގައިވެސް ނަޝީދު ވަނީ މެންބަރުން މަޖިލީހަށް ހާޒިރުވުމަށް އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑު ރިޔާސަތުންވެސް އަންގާން އޮތް ހަމަ އެކަނި ކަމަކީ، މި މަޖިލީހަށް މި މަޖިލީސް އޮންނަ ދުވަސް ދުވަހު މި މަޖިލީހުގެ މެންބަރުން ވަޑައިގަތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އަދި ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާ އެ މެންބަރަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވާހަކަފުޅު ދައްކަވާ ހިޔާލުފާޅުކޮށް ހެއްދެވުމަކީ މި މަޖިލީހުގެ އަސާސީ މަގުސަދު،" ނަޝީދު ވިދާޅުވި އެވެ.