އެމްޓީސީސީއަށް އެތައް ރަށެއްގެ ބަނދަރު ހަދަން ހަވާލުކޮށްފައި އެއީ ސަރުކާރު ހިންގަނީއޭ ބުނެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 2023 ވަނަ އަހަރުގެ ބަޖެޓަށް ބަހުސް ކުރަން ހުޅުވާލި ފުރުސަތުގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ އެމްޑީޕީއަށް ދިވެހި ރައްޔިތުން ކުރި އުއްމީދަކީ ބަނދަރެއް ހަދާފައި ނިންމާލުން ނޫން ކަމަށެވެ.
"ދިވެހި ރައްޔިތުންގެ އުއްމީދު ނިމޭ ހިސާބަކީ ބަނދަރު ކަމަކަށް ނުހެދޭނެ،" އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ އެމްޓީސީ ބަނދަރު ކޮންނަން ދޫކޮށްލާފައި އެއީ ސަރުކާރު ހިންގަނީއޭ ބުނާހެން ހީވާ ކަމަށާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ޗުއްޓީ ނަންގަވައިފިނަމަ ސަރުކާރު ބަންދު ބޯޑު އަޅުވަން ޖެހޭ ހެން ހީވާ ކަމުގައިވެސް ވިދާޅުވި އެވެ.
"ހީވާ ކަހަލަ މަހާ ޖައްރާފަށާއި ބޮޑު ޖައްރާފަށާއި އެމްޓީސީސީއަށާއި އާދަމް އާޒިމަށާއި ރަނުން ރަނަށް ވެރިކަން ކުރަން ދީފައި، ރަނުން ރަނަށް ވައުދު ފުއްދަން ދީފައި، [ސަރުކާރުގެ] ދެން ތިބި އެންމެން ކޮންމެސް ހަފްލާއެއްގައި ރިބަން ކަނޑަން ތިބެންވީއޭ،" އީވާ ވިދާޅުވި އެވެ.
އީވާ ވަނީ ތަކުރާރުކޮށް އުއްމީދު ނިމޭ ހިސާބަކީ ބަނދަރެއް އެކަންޏެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ބަޖެޓާ ދެކޮޅަށް އެއްޗެއް ބުނާ މީހަކީ ހަސަދަވެރިވާ މީހެއް ކަމަށް ދޭހަވާ އިބާރާތުން ބައެއް މީހުންގެ ވާހަކަ ހުންނަކަން އީވާ ވަނީ ފާހަގަ ކުރައްވާފަ އެވެ.
އީވާ ވިދާޅުވީ ޒިންމާދާރުކޮށް ފާޑުކިޔާ ކޮންމެ މީހަކާ ދިމާލަށް ވެސް ހަސަދަވެރިއެކޭ ބުނާ އުސޫލުން އެއްޗެތި ބުނާ ކަމަށެވެ. އެމްއެމްއޭގެ ގަވަރުނަރު ހަރަދު މާބޮޑޭ ވިދާޅުވުމުން ގަވަރުނަރުވެސް ހަސަދަވެރިވީ ކަމަށް ބައެއް ބޭފުޅުން ވިދާޅުވި ކަމަށްވެސް އީވާ ވިދާޅުވި އެވެ. އަދި ސަރުކާރުން ހިންގާ ކުންފުނިތަކުގައި ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމަށް އޭސީސީން ބުނުމުން އޭސީސީވެސް ހަސަދަވެރިވީތޯ އީވާ ސުވާލު ކުރެއްވި އެވެ.
"މަނިކުފާނު [ރައީސް ނަޝީދު] ވިދާޅުވީ ޔޫސަބަލް ރިޒާވާއި ދޭތެރޭގައި ކަންބޮޑުވެއޭ. ރައީސް ނަޝީދު އެއޮށް ހަސަދަވެރިވީ. ރައްޔިތުން ބުނަނީ ޖީއެސްޓީ ބޮޑު ކުރީމާ ތިމަންނާމެންގެ ޖީބަށް ބުރަވާނޭ. ރައްޔިތުން ސަރުކާރާ އެ ހަސަދަ ވީޔޯ،" އީވާ ވިދާޅުވި އެވެ.
މިސަރުކާރުގެ ހަތަރު އަހަރުގައި މާލެ ވަރަށް ބޮޑަށް ބާކީ ކޮށްލާފައިވާ ކަމަށްވެސް އީވާ ވިދާޅުވި އެވެ. އަދި މި ވަރަށް މާލެއަށް ނޫނެކޭ ބުނެފައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ހޮވައިދޭން ބުނީމާ އެއީ ވާނެ ކަމެއް ނޫން ކަމަށްވެސް އީވާ ވިދާޅުވި އެވެ.