ފިނިޕޭޖް

އާ ފިލްމެއް، އާ ލޯބިވެރިއެއް، އާ ޖުމައްޔިލްއެއް!

  • އާ އަހަރާ އެކު އާ ލޯބިވެރިއެއް
  • ފަވާދު ޚާނާ ވައްތަރޭ ކިޔާތީ ވަރަށް މަޖާ
  • ބޮޑު ސްކްރީން ދޫކޮށް މިއަހަރު ފަސްޓް ޑިވިޝަން ފުޓްބޯޅަ އަށް

ދިވެހި ފިލްމެއްގެ ލީޑް ރޯލަކަށް މި ޒުވާން އެކްޓަރު ހަމަޖައްސައިފި ނަމަ އެ ފިލްމަކަށް އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ފައިދާކުރާނެކަން ފިލްމީ ދާއިރާގެ ޕްރޮޑިއުސަރުންނަށް އަދި ޑައިރެކްޓަރުންނަށް ވެސް އެނގެ އެވެ. ފަހަރެއްގައި އޭނާގެ ޑިމާންޑް މި ކުޑަކުޑަ ފިލްމީ ދާއިރާގައި އެހާ ގަދަވެގެން ގޮސްފައި އޮތީ ވެސް މި ސަބަބާ ހެދި އެވެ.

ފިލްމެއްގެ ޓިކެޓް ސާޓަނުގޭ ގުޅަ އާއި ހުސްނޫގޭ ބަޖިޔާއާ އެއްވަރަކަށް ވިކޭ މަންޒަރު ބަލަން ބޭނުންވަނީ ކަމުގައިވާ ނަމަ މުހައްމަދު ޖުމައްޔިލް ވެފައި މި ވަނީ ދިވެހި ފިލްމެއް އުފެއްދުމަށް މިއަދު ބޭނުންވާ ރެސިޕީގެ އެންމެ މުހިންމު އިންގްރިޑިއަންޓަށެވެ. ސްޓާރެއްގެ ލުކް އެބަހުއްޓެވެ. އަންހެންވެރިންގެ މެދުގައި މަގްބޫލެވެ. އަދި ހުނަރުގެ ގޮތުން ބަލާއިރު ފިލްމީ ދާއިރާގެ ސީލިންގުގައި ބޮލާއި ހަތަރެސްފައި ވެސް އެހިރީ ޖެހިފަ އެވެ.

އަނެއްކޮޅުން އޭނާގެ ބައްޕަ ކުޅަދާނަ އެކްޓަރަކަށް އަދި ޑައިރެކްޓަރަކަށް ވުމަކީ ވެސް އުމުރުން 26 އަހަރުގެ މި އެކްޓަރަށް އޮތް ނިކަން ބޮޑު ބޯނަހެކެވެ.

ފިލްމީ ދާއިރާގައި އޭނާ އަށް ވުރެ ބިޒީ ދެ ވަނަ އެކްޓަރަކު މި ވަގުތު ނެތޭ ބުނަން ޖެހެނީ މި ހުރިހާ ސަބަބަކާއި ގުޅުވައިގެންނެވެ. ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ރޮމޭންޓިކް ފިލްމު "އެންމެ ފަހު ވިންދާ ޖެހެންދެން" ގެ ބޮޑު ކާމިޔާބީ އަށް ފަހު އޭނާ މިހާރު އަންނަނީ އެމީހުންނާ އެކު އާ ފިލްމެއްގެ މަސައްކަތް ނިންމަމުންނެވެ.

ޝޫޓްކޮށް ޑަބިންގެ މަސައްކަތްކުރިއަށްދާ އެ ފިލްމު "ވާށޭ މަށާއެކީ" ޔަގީނަށް ވެސް ޖުމައްޔިލްގެ އެކްޓިން ކެރިއަރު އާ އުސްމިނަކަށް ގެންގޮސްދޭނެ ފިލްމެކެވެ. އެހެންވީމަ މި ފިލްމާއި ދެން ވެސް އޭނާ މަސައްކަތްކުރަމުން އަންނަ ބައެއް ފިލްމުތަކާއި އަދި ޕާސަނަލް ލައިފްގެ ވާހަކަތަކަކަށް މިހައި ހިސާބުން ޖެހިލަމާ ހިނގާށެވެ.

މިއީ ޖުމައްޔިލް އަށް ހިތްކިޔައިގެން އުޅުނު އަންހެންކުދިން ކޮންމެހެން ވެސް ކިޔަން ޖެހޭ އިންޓަވިއުއެކެވެ. އަންހެން ކުދިންނާއި އާ ލޯބިވެރިއެއްގެ ވާހަކަ ވެސް މި އިންޓަވިއުގައި އޭނާ ކިޔައިދޭތީ އެވެ.

ސެމީ ފައިނަލުން އަރައިނުގަނެވިގެން އުޅޭ ގައުމީ ފުޓްބޯޅަ ޓީމަށް ވެސް އޭނާގެ ނަސޭހަތެއް އެބައޮތެވެ.

ތިރީގައި މި އަންނަނީ އިންޓަވިއުގެ ސުވާލާއި ޖަވާބުތަކެވެ.

ސ. އެންމެ ފުރަތަމަ ވެސް، އާ ފިލްމު "ވާށޭ މަށާ އެކީ" ގައި ކުޅެފައިވާ ރޯލާ ބެހޭ ގޮތުން ކޮންމެ ވެސް ވަރަކަށް ކިޔާލަދީބަލަ؟ މިއީ އެންމެ ފަހުން ފެނުނު "އެންމެ ފަހު ވިންދާ ޖެހެންދެން" ގެ ރޯލާ ކިހާ ތަފާތު ރޯލެއްތަ؟

ޖ. "މި ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެއް. ކުރީގެ ފިލްމަކީ ރޮމޭންޓިކް ފިލްމެއް. އެއީ ތަފާތަކީ. މި ފިލްމުގައި އަޅުގަނޑު ކުޅެފައިވާ ކެރެކްޓާ އަކީ ދިމާވާ އަންހެން ކުއްޖާއާ މިޒާޖުގެ ގޮތުން ނުގުޅޭ ފިރިހެނެއްގެ ރޯލު. މިސާލަކަށް އަންހެން ކުއްޖާގެ ކެރެކްޓާ އަކީ ކުޑަކުދިން ދެކެ ނިކަން ލޯބިވާ މީހެއް. އެއާ ހިލާފަށް އަޅުގަނޑު މި ކުޅޭ ކެރެކްޓާ އަކީ ކުދިން ބޭނުންވާ މީހެއް ނޫން"

"ދެން ފިލްމުގައި ދައްކުވައި ދޭނީ މި ދެ މީހުން މެރީކޮށްގެން އަންހެން ކުއްޖާ ބަލިވެ އިންނަ ހިސާބުން ދިމާވާ މައްސަލަތަކެއް."

"މި ފިލްމުގެ އެކްސްޕެކްޓޭޝަން ހަގީގަތުގައި ވަރަށް ބޮޑު. ކުރީގެ ފިލްމު އެންމެ ފަހު ވިންދާ ޖެހެންދެން އަށް ވުރެ ވެސް ބޮޑު އުއްމީދެއް ކުރެވޭ. އެ ފިލްމަކީ އަޅުގަނޑު ވަރަށް ހާސްކޮށްލި ފިލްމެއް. ޕްރިމިއާ ނައިޓްގައި ވަރަށް ބިރުގަތް. އެއީ ބެލުންތެރިން އެ ފިލްމު ގަބޫލުކުރާނެ ކަމުގެ ޔަގީންކަމެއް ނެތީމަ."

"އެކަމަކު މި ފިލްމު ބެލުންތެރިންނަށް ކަމުދާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް."

ސ. އެ އަށް ފަހު މިހާރު މަސައްކަތްކުރަމުން އަންނަ ފިލްމުތަކަކީ ކޮބާ؟

ޖ: "މި ދުވަސްކޮޅު އެއްވެސް ފިލްމެއްގެ މަސައްކަތެއް ނުކުރަން. ވާށޭ މަށާ އެކީ ޑަބްކުރުމުގެ މަސައްކަތް މި ދަނީ. އެކަމަކު މާޗް މަހު ފަށާނެ ޕްރޮޖެކްޓެއްގެ މަސައްކަތެއް. އިތުރު ތިން މަސައްކަތެއް ވަރު އެބަ އުޅޭ."

ސ. ޖުމައްޔިލް ދުވަހަކު ވެސް ސިނގިރޭޓް ނުބޯ ކަމަށް ވަނީ. އެއީ ކިހާވަރެއްގެ ހަގީގަތެއް އަދި އެހެންކަމުގައިވާ ނަމަ އޭގެ ސަބަބުން ސިއްހަތަށް އެއްވެސް ފައިދާތަކެއް ކުރާކަން އިހްސާސްކުރެވޭތަ؟

ޖ: "ދުވަހަކު ވެސް ސިނގިރޭޓެއް ނުބޮން. ސިނގިރޭޓަކީ ވަރަށް ނުބައި އެއްޗެކޭ ބުނެވޭނީ. އޭގެ ވަސް ޖެހުނީމަ ވެސް އުނދަގޫވާ އެއްޗެއް. އެކަމަކު ރައްޓެހިންގެ ތެރޭގައި ސިނގިރޭޓް ބޯ ކުދިން ވެސް އުޅޭތީ އޭގެ ވަހަށް މިހާރު މި ހުންނަނީ ހޭނިފައި."

"އެއް އިރެއްގައި ވެސް ސިނގިރޭޓެއް ނުބޮން އަޅުގަނޑެއް."

"ދެން ސިނގިރޭޓް ނުބޯތީ އޭގެ ފައިދާ ކުރޭ އަސްލު ވަރަށް ބޮޑަށް. އެ ފީލް ކުރެވޭ ހަމަ. މިސާލަކަށް ފުޓްބޯޅަކުޅެން ދާއިރު ވެސް ފެންނާނެ ސިގިރޭޓްބޯ މީހަކު އެވާ ވަރުބަލިކަން. އެގޮތަށް ވަރުބަލިނުވާ ކަމާއި ނޭވާ ކުރުވުން ފަދަ މައްސަލަތައް ދިމާނުވާކަން ފާހަގަކޮށްލެވޭ."

ސ. މި އަހަރު ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން ފިލްމު "ޕްލޭން ބީ" އަކީ ޖުމައްޔިލްގެ އަސްލު ކެރެކްޓާއާ ވަރަށް ތަފާތު ކެރެކްޓާއެއް ކުޅެފައިވާ ފިލްމެއް. އަސްލަށް ސިނގިރޭޓް ނުބުޔަސް އެކްޓަރެއްގެ ގޮތުގައި ސިނގިރޭޓް ވެސް ބޯން ޖެހުނު ފިލްމެއް. އެ ރޯލަށް ތައްޔާރުވީ ކިހިނެތް؟ އެއީތަ ސިނގިރެޓާއެކު ކުރެވުނު ފުރަތަމަ ތަޖުރިބާ އަކީ؟ އެކަންތައް ދިޔަ ގޮތް ކިޔައިދީބަލަ؟

ޖ: "އެ ފިލްމުގެ މަސައްކަތުގައި ފުދޭވަރަކަށް ސިނގިރޭޓް ބޯން ޖެހުނު. އެކަމަކު ޝޫޓިންތަކުގައި އެއްވެސް ވަރަކަށް ސިނގިރޭޓް އިންހޭލްއެއް ނުކުރަން. ހަމައެކަނި ކޯ ތެރޭގައި ދުންގަނޑު ގެންގުޅުނީ. އެގޮތަށް ހަދައިގެން ނިކަން ބޮޑު ސަކަރާތްގަނޑެއް ޖަހަން ޖެހުނު އެ ފިލްމުގެ މަސައްކަތުގައި."

"ހަނދާންވޭ އެއް ދުވަހު ކޮންމެވެސް މަންޒަރެއްގައި ބޭނުންވާ ގޮތަށް ނުނެގިގެން ދެ ފޮށި ހުސްވި ދުވަހެއް ވެސް."

ސ. ފިލްމު "އެންމެ ފަހު ވިންދާ ޖެހެންދެން" ގައި ޖުމައްޔިލްގެ ވަރަށް "ސްޓީމީ މަންޒަރެއް" ހިމަނާފައިވޭ. އެއީ ލޯންޖަރީއެއްގައި ފެންނަ މަންޒަރު. އެ މަންޒަރު ކުޅެން ތައްޔާރުވި ގޮތާއި އެކަމަށް ހޭދަވި ވަގުތު އަދި އެންމެފަހުން އެ ޝޫޓިން ދިޔަ ގޮތް ކިޔައިދީ ބަލަ؟

ޖ: "ރަނގަޅު ވާހަކައެއް. ދިވެހި ފިލްމެއްގައި އަދި މިހާތަނަކަށް އެކަހަލަ ސީންއެއް ފެނިފަކައެއް. ދެން މި މަންޒަރެއް ނެގި ދުވަހަކީ ވެސް ވަރަށް މަޖާ ދުވަހެއް. ފުރަތަމަ ސްކްރިޕްޓް ކިޔާލާފައި އެ ސީން އަޅައިގަތުމުން ނޯއެއް ނުބުނަން. އެއީ ވިސްނާލާއިރު، ވަރަށް ގިނަ ކަޕްލްސް، މެރިޑް ކަޕްލްސް ލޯބިން ޖެއްސުމަށް ކޮށްލާ ކަހަލަ ކަމެއްވީމަ އެއީ."

"ދެން ހިތަށް އެރީ އެއީ އެއްވެސް މައްސަލައެއް ނޫނޭ. އެކަމަކު ވަރަށް މަޖާ އެ ދުވަހު. އެ އެއްޗެއް ލައިގެން ހުންނަ މަންޒަރު އަމިއްލަ އަށް ފެނުނީމަ ލަދުވެސް ގަނޭ އެކަމަކު ހިތަށް އެރީ އެއީ ފިލްމެކޭ."

"އެ މަންޒަރު ނަގަން ތިން ވަރަކަށް ޓޭކް ނަގަން ޖެހުނީ."

ސ. ހަމަ އެ ފިލްމުގައި ނިކަން ގަދަ އަށް ރޯ މަންޒަރުތަކުން ވެސް ޖުމައްޔިލް ފެނުނު. ކެމެރާގެ ކުރިމަތީގައި އަދި އެތައް ބައެއްގެ ކުރިމަތީގައި އެގޮތަށް ރުއިމަކީ ކިހާ ވަރެއްގެ ކަމެއްތަ؟ ވަރަށް އުނދަގޫކަމެއްތަ؟

ޖ: "ރުއިން އެއީ ވަރަށް އުނދަގޫ ކަމެއް. މިހާތަނަށް އެކްޓަރެއްގެ ގޮތުގައި ތަޖުރިބާކުރެވުނު އެންމެ އުނދަގޫ ކަންތައް ރުއިމަކީ."

ސ. ސޯޝަލް މީޑިއާަގެ އަޕްޑޭޓަށް ބަލާލާއިރު ޖުމައްޔިލް މިހާރު އުޅެނީ ނިކަން ގަދަ އަށް ލޯބީގައި ޖެހިގެން. އާ ލޯބިވެރިޔާއާ ބައްދަލުވި ގޮތާއި އޭނާ އަށް ލޯބި ހުށަހެޅި ގޮތް ކިޔައިދީ ބަލަ؟ އަނެއްކާ ލޯބިހުށަހެޅީ ކާކުތަ؟

ޖ: "މިހާރު ރައްޓެހިވެގެން އުޅޭ ކުއްޖާއާ ދިމާވީ ފޭސްބުކުންނޭ ބުނެވޭނީ. ވާހަކަ ދައްކަން ފެށުނީ. ދެން އެހެން ވާހަކަ ދެކެވި މަދުމަދުން ދެ މީހުން އެކުގައި ކޮފީތަކަށް ގޮސް ދަންނަ ވަރު ވެއްޖެ ވަރަށް ރަނގަޅަށް. އަސްލު ތެދަށް ބުނަނީ ނަމަ ދެ މީހުންނަށް ވެސް އެކަކު އެނަކު ކަމު ގޮސް އެކަމަކު ނުބުނެ ތިބީ."

"އެއަށް ފަހު ދުވަސްގަނޑެއް ކޮށްފައި ރިލޭޝަންޝިޕަކަށް މި ދިޔައީ. ވަކި މީހަކު ޕްރޮޕޯޒްއެއް ނުކުރޭ. ވަކި ހިސާބަކުން އެނގިއްޖެ ދެ މީހުންނަށް ވެސް ޑޭޓް ކުރެވެނީކަން."

ސ. އާ ލޯބިވެރިޔާ ސިފަކުރާނީ ކިހިނެތް؟ އަނެއްކާ ޖުމައްޔިލް ކައިވެންޏަށް ތައްޔާރުވަނީތަ؟

ޖ: "އޭނަ އަކީ ވަރަށް އަންޑަސްޓޭންޑިން ކުއްޖެ. މިހާތަނަށް ދިމާވި އެންމެ އަންޑަސްޓޭންޑިން އެންމެ ކޫލް އަންހެން ކުއްޖާއޭ ބުނާނީ. އެކަމަކު އަދި ނުބުނާނަން ކައިވެންޏާ ހިސާބަކަށް ދެވުނީއޭ. އެކަހަލަ ކަމެއް ނެތް އަދި. ކައިވެނިކުރުމުގެ ވިސްނުމެއް އަދި ނެތް."

ސ. ޒުވާން އުމުރުގައި ޒަވާޖީ ހަޔާތެއް ފެށުމާ ބެހޭ ގޮތުން ޖުމައްޔިލްގެ ހިޔާލަކީ ކޮބާ؟

ޖ: "އަޅުގަނޑުގެ ހިޔާލުގައި ޔަންގް އޭޖުގައި މެރީކުރުމަކީ އެއްވެސް މައްސަލައެއް ނޫން. ދެ މީހުން ދެ މީހުންނަށް އަންޑަސްޓޭންޑްވެ ދެ މީހުންނަކީ ކޮން ކަހަލަ ދެ މީހުންކަން އެނގޭ ނަމަ ހަމަ މެރީކުރަންވީ. އެއީ އަޅުގަނޑަށް ފެންނަ ގޮތަކީ."

"އަޅުގަނޑުމެން އަދި ރެޑީއެއް ނުވޭ."

ސ. އެންމެ ގިނަ ދުވަސްވަންދެން ޖުމައްޔިލްއަށް ރިލޭޝަންޝިޕެއްގައި އުޅެވުނީ ކިހާ ދުވަހަކަށް؟

ޖ. "ނުވޭ މާ ގިނަ ދުވަހެއް. އެންމެ ގިނަ ދުވަހު ވެސް ރިލޭޝަންޝިޕެއްގައި އުޅެވުނީ ދެ އަހަރު ވަންދެން."

ސ. މިސާލަކަށް މިހާރު ރައްޓެހިވެގެން ތިޔައުޅޭ ކުއްޖާ ޖުމައްޔިލް އަށް ބޭވަފާތެރިވެއްޖެ ނަމަ އޭނާ އަށް ދެ ވަނަ ފުރުސަތެއް ދޭނަންތަ؟

ޖ. "އެއެއް އެނގޭނީ އެ ސިޗުއޭޝަނެއް އަންނަ ގޮތަކުން. ނޭނގޭނެ ބުނާކަށް މިވެނި ކަމެއް ކޮށްގެން މިވެނި ޗާންސެއް ދޭނަމެކޭ އެއްވެސް މީހަކަށް. މިސާލަކަށް ދިމާވެދާނެ ކޮންމެ ފަދަ ކަމެއް ވެސް. އެކަހަލަ ކަމެއް ދިމާވެއްޖެ ނަމަ އެނގެން ޖެހޭނެ ކިހިނެތްވެގެން ވީ ކަމެއްތޯ، ކިހިނެތް ވެގެންތޯ ކުރި ކަމެއް ކުރީ."

ސ. ރުޅިވެއްޖެ ނަމަ ފަސޭހައިން ހަނދާން ނައްތާލެވިދާނެތަ؟

ޖ. "ގެ-ޓް-އޯ-ވާ ވާން މައްސަލަ ހުންނަ މީހެއް ފުދޭވަރަަކަށް. އިޓް ޓޭކްސް ޓައިމް."

ސ. ފިލްމީ ދާއިރާގައި ޖުމައްޔިލް މަސައްކަތްކުރުމަކީ ލޯބިވެރިޔާ ހިތްހަމަޖެހޭ ކަމެއްތަ؟ އޭނާގެ ފަރާތުން ޖުމައްޔިލްގެ އެކްޓިން މަސައްކަތަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކޮމްޕްލިމެންޓަކީ ކޮބާ؟

ޖ: "ކުރިންވެސް ބުނިހެން ވަރަށް އަންޑަސްޓޭންޑިން. އަޅުގަނޑަކީ މިއީ ކީއްކުރާ މީހެއްކަން އެނގޭ. ފިލްމު ކުޅުމަކީ ކޮން ކަހަލަ ކަމެއްކަން. އެގޮތަށް މި ހުރިހާ ކަމެއް ރަނގަޅު ގޮތުގައި ކުރާ ނަމަ ޝީ އިޒް ވެރީ ކޫލް."

"ދެން މާ ބޮޑު ކޮމްޕްލިމެންޓެއް ނުދޭ. އެކަމަކު ފުދޭވަރަކަށް އެކްޓިން ރަނގަޅޭ ބުނަނީ. މިވެނި ކަމެއް އިތުރަށް ރަނގަޅުކޮށްލާށެކޭ ބުނާ ކަހަލަ ކޮމެންޓެއް އަދި ނުލިބޭ."

ސ. ލޯބިވެރިޔާގެ ސުވާލުތައް މާ ގިނަވެއްޖެދޯ. އެކަމަކު ވެސް އަދި އެއް ސުވާލު. ޖުމައްޔިލްގެ ލޯބިވެރިޔާ އަކީ ފިޓްނަސް އިންސްޓްރަކްޓަރެއް. ފިޓްކޮށް ހުރުމަށް އޭނާގެ ފަރާތުން އެއްވެސް ކަހަލަ ޓިޕްސްތަކެއް ނަގަންތަ ނުވަތަ ލިބޭތަ؟

ޖ: "އަބަދުވެސް ފިޓްނަސް އަށް ބަލަން، ފިޓްނަސް ރަނގަޅުކުރަން އަމިއްލަ އަށް މަސައްކަތް ވެސް ކުރަން. އެކަމަކު މިހާރު ކުރިއަށް ވުރެ ބޮޑަށް ފަސޭހައޭ ބުނެވޭނީ. އެއީ އޭނަގެ ފަރާތުން ޓިޕްސް ވެސް ލިބޭ. ހެލްޕް ވެސް ހޯދަން."

ސ. ޖުމައްޔިލްގެ އާ ފިލްމުގައި ވެސް ފެނިގެންދާނީ ބަތަލާ (މަރިޔަމް މަޖުދާ) މަޖޫއާ އެކު. ދެ މީހުންގެ ކެމިސްޓްރީ ވަރަށް ރަނގަޅުކަމަށް ފާހަގަކުރެވޭ. ކޯ އެކްޓަރެއްގެ ގޮތުގައި މަޖޫ ސިފަކުރާނީ ކިހިނެތް؟ މަޖޫއާ އެކު މަސައްކަތްކުރަން މާ ފަސޭހައީތަ؟

ޖ. "މަޖޫ އަކީ ފިލްމީ ދާއިރާއިން ބައްދަލުވުމުގެ ކުރިން ވެސް ރައްޓެއްސެއް. އެހެންވީމަ އޭނާއާ އެކު މަސައްކަތްކުރަން އިތުރު ފަސޭހައަކަށްވީ. ދެން މަޖޫއާ މެދު އެއްޗެއް ބުނާ ނަމަ ބުނެވޭނީ ވަރަށް މޮޅު އެކްޓްރެސްއެކޭ އޭނާ އަކީ. މިހާތަނަށް އޭނާއާ އެކު މި ވަނީ ތިން ފިލްމެއް ކުޅެވިފައި. ކުރިއަށް އޮތް ފިލްމު ޕްލޭން ބީގައި ވެސް އޭނާ އުޅޭނެ."

ސ. މީހުން ބުނޭ ޖުމައްޔިލް ވަރަށް ވައްތަރޭ ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ފަވާދު ޚާންއާ. ޖުމައްޔިލް އަށް ހީވޭތަ އެއީ ތެދެއްހެން؟ މީހުން އެހެން ބުނާއަޑު އިވުނީމަ ހިތަށް އަރަނީ ކީކޭ؟

ޖ. (ނިކަން ބޮޑު ހިނިގަނޑެއް ޖަހާލާފައި) "ހީވޭ ތެދެއްހެން. ބައެއް ފަހަރު ހަމަ ބަލާލާފަ ހީވޭ ވައްތަރު ގޮތެއް ހުންނަހެން. ބައެއް ފަހަރަށް ހުރޭ ވައްތަރު ގޮތެއް. ދެން އެހެން ވެދާނެތާ. މީހަކާ މީހަކު ވައްތަރުވެދާނެތާ."

"ފަވާދު ޚާންއާ ވައްތަރޭ ކިޔާތީ ވަކި އެއްޗެއް ހިތަކަށް ނާރާ. މަޖާވަނީ. ޖޯކަކަށް ވަނީ. މިސާލަކަށް ހޭލާއިރު ކޮންމެވެސް ވައިބާ ގްރޫޕަކަށް ލާފައި އަޅުގަނޑަށް ފޮނުވާފައި ހުރެދާނެ ފަވާދުގެ ފޮޓޯ ނުވަތަ ދެ މީހުންގެ ފޮޓޯ އެއްކޮށްފައި ވެސް. ދެން އެ ފޮޓޯތައް ބަލާލީމަ ވައްތަރުގޮތެއް ހުންނަހެން އަޅުގަނޑަށް ވެސް ހީވޭ."

ސ. ޖުމައްޔިލްގެ އިސްކޮޅުގައި ހުންނަނީ ކިތައް ފޫޓް؟ އަދި ހާސިލުކުރަން ބޭނުންވި އެއްވެސް ކަމަކަށް ތިޔަ އިސްކޮޅުގެ މައްސަލަ ދުވަހަކު ވެސް ދިމާވިތަ؟

ޖ. "އިސްކޮޅުން ވަރަށް ކުރުވާނެ. ހީވަނީ ފައިވް ފޯ (ފަސް ފޫޓް ހަތަރު އިންޗި) ނުވަތަ ފައިފް ފައިވް (ފަސް ފޫޓް ފަސް އިންޗި) ހެން. އެކަމަކު އިސްކޮޅުގެ މައްސަލައެއް ދުވަހަކު ވެސް އެއްވެސް ކަމެއްގައި ދިމައެއް ނުވޭ. ނެވާ."

ސ. ޖުމައްޔިލް ވަރަށް ގިނައިން ފެނޭ ތޮއްޕެއް އަޅައިގެން އެކަނި މާ އެކަނި މާލޭގެ މަގުމަތީގައި ހިނގާލާފައި އުޅޭ މަންޒަރު؟ މަޝްހޫރު މޫނަކަށްވީމަ ވަކި ސްޓައިލެއްގައި ހިފަހައްޓައިގެން ވަކި ގޮތަކަށް އުޅެން މަސައްކަތެއް ނުކުރަންތަ؟

ޖ. "ޑިސިޕްލިން އަށް ވަރަށް ވިސްނަން. ފިލްމީ ދާއިރާ އަށް ނުކުންނަން ހިތުލީއްސުރެން ޑިސިޕްލިން ހިފަހައްޓަން. އަދި މިހާރު އެއަށް ވުރެ ބޮޑަށް އެކަމަށް ބަލައިގެން އުޅެނީ."

"އާންމުކޮށް ހިނގާލާފައި މަގުމަތިން ދާ މަންޒަރު އެ ފެންނަނީ އަތުގައި ސައިކަލެއް ނުހުންނާތީ. އެހެންވީމަ އާންމުކޮށް ހިނގާފައި އުޅެނީ. ދެން ތޮފި އެޅުމަކީ އަބަދުވެސް ކުރާ ކަމެއް. ފިލްމު ކުޅެން ފެށުމުގެ ކުރިން ވެސް ތޮފި އަޅައިގެން އުޅެން."

ސ. އިންސްޓަގްރާމްގައި ޖުމައްޔިލްގެ ބައިވަރު ސެލްފީ ޕޯސްޓްކޮށްފައި ހުންނަ މަންޒަރު ފެނޭ. ދުވާލަކަށް ކިތައް ސެލްފީ ނެގޭތަ އެގޮތަށް؟

ޖ. "މިހާރު ވަރަށް މަދުވެއްޖެ. ކުރިން ވަރަށް ގިނައިން ސެލްފީ ނެގޭ. ފުދޭވަރަަކަށް ފަހުން އަޅުގަނޑު ސްމާޓްފޯނެއް ގެންގުޅެން ފެށީ. އެހެންވީމަ ފޯނުގެ އާ ދުވަސްކޮޅު ފުދޭވަރަކަށް ސެލްފީ ނެގޭ. އޭރު ހަމަ ކޮންމެ ދުވަހަކު ސެލްފީއެއް. ތަނަކަށް ގޮސްސަ ވެސް ސެލްފީއެއް. ހެދުން ޗޭންޖުކޮށްލާއިރަށް ވެސް ސެލްފީއެއް ނެގޭނެ."

"އެކަމަކު މިހާރު އެވަރަކަށް ސެލްފީއެއް ނުނެގެއޭ ބުނެވޭނީ."

ސ. މަގުމަތިން ހިނގާފައި ދަނިކޮށް ދިމާވި ޖުމައްޔިލްގެ އެންމެ ބޮޑު ފޭން އަކީ ކާކު؟ އެ ދުވަހު ވީ ކިހިނެތް؟

ޖ. "އެންމެ ބޮޑު ފޭނެއް އެހެން ހަނދާނެއް ނެތް. އެކަމަކު މަގުމަތިން ހިނގާފައި ދަނިކޮށް ދިމާވޭ އެގޮތަށް މީހުންނާ. އެކުގައި ސެލްފީއެއް ނަގާލަން ބުނޭ ބައެއް މީހުން އައިސް. ދެން ހަމަ ވަގުތުން އެމީހަކާ އެކު ސެލްފީއެއް ނަގާލަނީ. ހެޕީވޭ ދެން އެގޮތަށް މީހުން އައިސް ބައްދަލުކޮށްލާތީ. އަންހެން ކުދިން ވެސް ފިރިހެން ކުދިން ވެސް އުޅޭ އެހެން."

ސ. ފިލްމަކަށް ފަހު ފިލްމަކާ އެކު ޖުމައްޔިލްގެ މަގްބޫލުކަން ބޮޑުވަމުން އަންނައިރު ބައެއް މީހުން ބުނޭ ޖުމައްޔިލް މިހާރު ތިޔަ ހުރީ "ދެ ވަނަ ޔޫއްޕެ" އަށް ވުމުގެ މަގުމަތީގައޭ. އެވަރުގެ ބޮޑު މަގްބޫލުކަމެއް ލިބި އެ ފެންވަރުގައި ހިފަހައްޓާލެވިދާނެ ކަމަށް ގަބޫލުކުރެވޭތަ؟

ޖ. "ވަކި މީހަކަށް ވުރެ މޮޅުވާކަށް ނުވަތަ މަޝްހޫރުކަން ހޯދާކަށް ވިސްނުމެއް ނެތް. އެކަމަކު ކޮންމެ މީހަކަށް ވިޔަސް އެމީހެއްގެ ޑިސިޕްލިން ހިފަހައްޓައިގެން އެ ކުރާ ކަމެއް ރަނގަޅަށް ކުރާ ނަމަ ހީނުކުރާ ވަރުގެ ސަޕޯޓެއް ލިބޭ މީހަކަށް ވެދާނެ. އެއީ ވިސްނުމަކީ."

"ގައިމު ވެސް ފިލްމީ ދާއިރާއިން ދުރަށް ދިއުމަކީ އަޅުގަނޑުގެ އެއްވެސް ވިސްނުމެއް ނޫން."

ސ. ދެން ހިނގާ އެހެން ދިމާލަކަށް ޖެހިލަމާ. ޖުމައްޔިލް އަކީ ކުރިން ނިކަން ގަދަ އަށް ފުޓްބޯޅަ ވެސް ކުޅުނު މީހެއް. ދިވެހި ގައުމީ ފުޓްބޯޅަ ޓީމު އެ އުޅެނީ ބަލިވުމުގެ ސިލްސިލާއެއް ފަށައިގެން. ނިމޭކަށެއް ވެސް ނޫޅޭ މި ޑްރާމާއެއް. ކިހިނެތް ހަދައިގެން ހެން ޖުމައްޔިލް އަށް ހީވަނީ ގައުމީ ޓީމު ސެމީފައިނަލަކުން ފާސްވާނީ؟

ޖ: "އަސްލު، ޓީމު ކިތަންމެ މޮޅަސް ބަލިވެދާނެއޭ ބުނެވޭނީ. މިހާރު އޮތް ޓީމަކީ ރަނގަޅު ޓީމެއް. ސާފް ޗެމްޕިއަންޝިޕް ކުޅުނު ޓީމަކީ ރަނގަޅު ޓީމެއް. އެކަމަކު ކޮންމެ ޓީމެއް ވެސް ބަލިވެދާނެ. ދެން ނަސީބު އެއީ ވަރަށް ބޮޑު އެއްޗެއް ފުޓްބޯޅައިގައި ވެސް އަދި ކޮންމެ ކަމެއްގައި ވެސް."

"ނަސީބުން ގޭމެއް ބަދަލުވެދާނެ. ކުރިން އާންމުކޮށް ބަލިވަނީ މޮޅަށް ނުކުޅެވި. އެކަމަކު މިފަހަރު އެ ބަލިވީ މޮޅަށް ކުޅެފައި."

ސ. ޖުމައްޔިލް ކުރިން ފަސްޓް ޑިވިޝަން ފުޓްބޯޅަ ވެސް ކުޅުނު. އެއީ ޓީސީއާ އެކު. އަލުން ފަސްޓް ޑިވިޝަން ފުޓްބޯޅަ އަށް ނުކުންނަން އުޅޭ ޚަބަރު އަޑުއެހިން. އެއީ ކިހާ ވަރެއްގެ ހަގީގަތެއް؟

ޖ. "ފަސްޓް ޑިވިޝަނަށް އަލުން ފުޓްބޯޅަ ކުޅެން ފަށަން މި އުޅެނީ އަނެއްކާވެސް މިއަހަރު. އަދި ކޮން ޓީމެއް ކަމަކަށް ފައިނަލެއް ނުކުރަން އެކަމަކު. އިރާދަކުރެއްވިއްޔާ މިފަހަރު ފެންނާނެ."

"ގައުމީ ޓީމަކީ ވެސް ޑްރީމެއް. އެކަމަކު އެއީ ވެސް ފަސޭހަ ކަމެއް ނޫން. ވަރަށް މަސައްކަތްކޮށްގެން އެހިސާބަށް ދެވޭނީ. ފަސްޓް ޑިވިޝަނުގައި އަދި ފުޓްބޯޅަ ކުޅެލިޔަކަސް ގައުމީ ޓީމަކަށް ނާރާނެ."