ރައްޔިތުންގެ މަޖިލިސް

ބަޖެޓަށް ވޯޓަށް އެހުން ހޯމަ ދުވަހު

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ފާސްކުރުމަށް އަންނަ ހޯމަ ދުވަހު ވޯޓަށް އަހާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ބަޖެޓުގެ ކޮމިޓީ ރިޕޯޓުގެ ބަހުސްގައި ވާހަކަ ދައްކަވަން ބޭނުންވާ 37 މެންބަރުން އެބަ ތިއްބެވި ކަމަށާއި ކޮންމެ މެންބަރަކަށް ވާހަކަދެއްކެވުމަށް ހަތް މިނެޓުގެ ފުރުސަތެއް އަރުވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާއަކީ އަންނަ އަހަރުގެ ބަޖެޓަށް ވޯޓަށް އަހާ ދުވަސް ކަމަށާއި ބަޖެޓުގެ ވޯޓު ނެގުމަށްފަހު މަޖިލިސް ޗުއްޓީއަށް ދިއުމަށް ގަސްތު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު މި އުންމީދު ކުރަނީ މިއަދާއި އަދި ހޯމަ ދުވަހު [ބަޖެޓުގެ ބަހުސްއަށްފަހު] އިރާދަކުރެއްވިއްޔާ ބަޖެޓު ރިޕޯޓަށް ވޯޓަށް އެހުން. އެއަށްފަހު އަޅުގަނޑު އެދުވަހު ގަސްތު ކުރަނީ މަޖިލިސް ރިސެސްއަށް ދާން،" ނަޝީދު ވިދާޅުވި އެވެ.

މިހާރު ހިނގަމުންދާ މަޖިލީހުގެ މިއަހަރުގެ ތިންވަނަ އަދި ފަހު ދައުރު ފެއްޓީ އޮގަސްޓް މަހުގެ 18ވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގައި ފާސްކުރި ބިލުތަކުގެ ތެރޭގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރާ ބިލު ހިމެނެ އެވެ.