ރައްޔިތުންގެ މަޖިލިސް

ބަނގުރޫޓު ވާއިރު ރިޔާސަތުގައި އިނުން ލަދުވެތިވޭ: ނަޝީދު

ދިވެހިރާއްޖެ ބަނގުރޫވާ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވަން ޖެހިވަޑައިގަތުމަކީ ލަދުވެތި ކަމެއް ކަމުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އަންނަ ލަފާކޮށް ހުށަހެޅި ބަޖެޓު ކޮމިޓީން ދިރާސާކޮށް ނިންމައި ކޮމިޓީ ރިޕޯޓުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާއިރު ރައީސް ނަޝީދު ވިދާޅުވީ ބޭރުގެ ރިޒާވް ހުރި މިންވަރަކީ ކޮބައިތޯ ދެނެގަންނަން ޖެހޭ ކަމަށެވެ.

ކުރިއަށް އޮތް ހަފުތާތަކުގައި ދައުލަތުން ދައްކަން ހުރި ފައިސާ ބަލަންޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ތެލަށް ދައްކަން ހުރި ފައިސާ އެބަހުރިތޯ ރިޒާވްގައި. ކާޑަށް ދައްކަން ހުރި ފައިސާ އެބަހުރިތޯ ރިޒާވްގައި. އަޅުގަނޑުގެ ކަންބޮޑުވުމަކީ މިކަންކަމާއި ގުޅޭ ގޮތުން އަޅުގަނޑަށް ޝައްކު އުފެދޭތީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ސްރީލަންކާ ސަރުކާރާއެކު މަސައްކަތް ކުރެއްވުމަށްފަހު ގާނާ ސަރުކާރާއެކު މަސައްކަތް ކުރެއްވި ކަމަށާއި އެ ދެ ގައުމުވެސް ދިޔައީ "ބަނގުރޫޓުގެ މަގަށް" ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ މަގަށްދާއިރު މި ރިޔާސަތުގައި އަޅުގަނޑު އިނދެއްޖެނަމަ އަޅުގަނޑު ދަންނަވާނީ އެއީ އަޅުގަނޑަށްވެސް ވަރަށް ބޮޑު ލަދުވެތި ކަމަކަށޭ ވެގެން ދާނީ" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން އެމަގަށް ދިޔަދީގެން ނުވާނެ ކަމަށާއި މިވަގުތު ދައުލަތުގެ މާލިއްޔަތު ހުރި ގޮތް ސާފުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެ މައުލޫމާތު އާންމުކޮށް އެނގެންޖެހޭ ކަމަށް ވިދާޅުވި އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 540.3 މިލިއަން އެމެރިކާ ޑޮލަރެވެ.

އިގްތިސޯދަށް އަންނަ ބަދަލާއެކު ރިޒާވް އިތުރުވެ މަދުވެ އެވެ. އަދި ރިޒާވުގައި ހިމެނޭ ބޭނުން ކުރެވޭ ރިޒާވް ކުރިން އާއްމުކުރެ އެވެ. ނަމަވެސް މިއަހަރު އެ އަދަދު އާންމުކުރުން ހުއްޓާލާފައިވާތީ ރިޒާވްގެ އަސްލު ބޮޑު މަންޒަރެއް އާންމުންނަކަށް ނޭނގޭ އެވެ.