މިނިސްޓްރީ އޮފް އެޑިއުކޭޝަން

ރީތި ރަށުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓްދީފި

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ގްރެޖުއޭޓުވި ފަރާތްތަކަށް ސެޓްފިކެޓު ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ބައިވެރިވުމާއެކީ ކުރިޔަށް ގެންދާ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރީތި ރަށް ރިސޯޓުން 2010 ވަނަ އަހަރުން ފެށިގެން ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ، އޯ ލެވަލް ނުވަތަ އޭލެވަލް ނިންމާފައި ހުރި ދަރިވަރުން ތަމްރީން ކުރުމަށް ފެށި ޕްރޮގްރާމެކެވެ.

އެގޮތުން މިފަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ވަން އެންޑް އޮންލީ އިން ވަނީ މާލެ، ގއ. ވިލިނގިލި، ގެމަނަފުށި އަދި ގދ. ތިނަދޫގެ ސްކޫލުތަކުގެ ދަރިވަރުންނަށް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދީފަ އެވެ. މުޅިއަކު 12 ދަރިވަރުންނާއި އެކު ފެށި މި ޕްރޮގްރާމުން ގްރެޖުއޭޓް ނުވަނީ އެންމެ ކުއްޖެކެވެ.

އެޕްރެންޓިސްގައި ގްރެޖުއޭޓްވި ދަރިވަރުންނަކީ:

1- އަބްދުﷲ ޒިހާމް
2- އަހުމަދު އަޒްހަރު
3- އަހުމަދު އިހްސާން
4- އަހުމަދު ޝަނާން
5- ހަސަން އާޒިމް
6- ހުސެނިން ޝަރީފް
7- ހުސެން ޝާރިހް
8- ނާއިފް ރަޝީދު އަހުމަދު
9- މުހައްމަދު ނިޔާޝް ނިޒާރް
10- މޫސާ ޝަހީމް
11- މުބާރަކް އަހުމަދު

މިދަރުވަރުންނަށް ސެޓްފިކެޓް ހަވާލު ކުރުމުގެ ގޮތުން މިއަދު ޖެން ހޮޓަލުގައި ބޭއްވި ގްރެޖުއޭޝަން ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ ސްކޫލު ދައުރު ނިމުމާއި އެކު އެކަށީގެންވާ ތަމްރީން ލިބިގެން ވަޒީފާގެ މަހައުލަށް ޒުވާން ކުދިން ކޮޅެއް ނުކުތުމަކީ ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށާއި އަދި މިފަދަ ދަރިވަރުން ތަމްރީން ކުރުމަށް ރީތި ރަށް ފަދަ ރިސޯޓުތަކުން ކުރައްވާ މަސައްކަތް ފާހަގަ ކޮށްލަން ޖެހޭ ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމިން ޒުވާނުންނަށް ދެއްވާ އަހަންމީޔަތުކަން ވަރަށް ބޮޑު. އެގޮތުން މިފަދަ ހުނަރު ދަސްކޮށްދޭ ޓްރެއިނިން ޕްރޮގްރާމުތަކުގަިއ ޒުވާނުން ބައިވެރި ކުރުމަށް ސަރުކާރުން މަސައްކަތް ކުރޭ،" ޝިހާމް ވިދާޅުވި އެވެ.

ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިން ފުރަތަމަ ހަމަސް ހޭދަ ކުރަން ޖެހޭނީ ރިސޯޓްގެ ފުޑް އެންޑް ބެވަރޭޖް، ފްރަންޓު އޮފީސް އަދި ހައުސް ކީޕިންގެ ކްލާސްތަށް ނަގައި އަދި އަމަލީ ގޮތުން މަސައްކަތުގައި ބައިވެރިވެގެންނެވެ. ދެން ބާކީ އިން ހަމަސް ހޭދަ ކުރަން ޖެހޭނީ އެ ކުއްޖެއް ޝައުގުވެރިވާ އެއް ދާއިރާއެއް އިޙްތިޔާރުކޮށް އެދާއިރާ އަކުން މަސައްކަތުގެ ތަޖުރިބާ ހޯދުމަށެވެ.

މި އެއް އަހަރު ދުވަހުގެ މުއްދަތުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިންގެ ހުރިހާ ހަރަދެއް ބަލަނީ ރިސޯޓުގެ ހަރަދުންނެވެ. އަދި އޭގެ އިތުރުން ވެސް ބައިވެރިންނަށް ޕޮކެޓް މަނީގެ ގޮތުގައި ފައިސާދެއެވެ.