ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ ޖުމްލަ އަގު 489 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފި އެވެ.
ކަސްޓަމްސް އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 2019 އިން 2022ގެ ނޮވެމްބަރު 16 ވަނަ ދުވަހުގެ ނިޔަލަށް 131 މައްސަލައެއްގައި 216.21 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރަން އުޅެފައިވަނީ ޕޯސްޓް މެއިލް އަދި ކުރިއާ މެދުވެރިކޮށެވެ. އެގޮތަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 70 މައްސަލައެއްގައި ވަނީ މަސްތުވާތަކެތި އަތުލައިގަނެފަ އެވެ. ވައިގެ މަގުން ފަސިންޖަރުންގެ ލަގެޖުގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު 57 މައްސަލައެއްގައި ވަނީ މަސްތުވާތަކެތި އަތުލައިގަނެފަ އެވެ.
މީގެއިތުރުން ވައިގެ މަގުން ކާގޯ އަދި ކަނޑުމަގުން ކާގޯގެ ގޮތުގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.
ކަސްޓަމްސް އިން ހިފަހައްޓާފައިވާ މަސްތުވާތަކެތީގެ ތަފާސްހިސާބު
- 2022 - 117.79 ކިލޯ - 200 މިލިއަން ރުފިޔާ
- 2021 - 50.26 ކިލޯ - 223.53 މިލިއަން ރުފިޔާ
- 2020 - 10.67 ކިލޯ - 17 މިލިއަން ރުފިޔާ
- 2019 - 37.49 ކިލޯ - 48.54 މިލިއަން ރުފިޔާ
މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން އެންމެ ގިނައިން ހިފަހައްޓާފައިވަނީ ދިވެހިންނެވެ.
ހަތަރު އަހަރުގެ ތެރޭގައި މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު 25 ދިވެހިން ހިފަހައްޓާފައިވާއިރު ދެވަނައަށް އެންމެ ގިނައިން ހިފެހެއްޓީ ޕާކިސްތާނު މީހުންނެވެ. ޕާކިސްތާނުގެ 13 މީހުން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ހިފެހެއްޓިއިރު މި މުއްދަތުގައި ބްރެޒިލްގެ 10 މީހަކާއި އިންޑިއާގެ ފަސް މީހަކު ހިފަހައްޓާފައިވެ އެވެ.