އެމްއެމްއޭ

އަންނަ މަހު 50 ރުފިޔާގެ އާ ނޫޓެއް

އަންނަ މަހުން ފެށިގެން ދައުރުވާ ފައިސާގެ ތެރެއަށް 50 ރުފިޔާގެ އާ ނޫޓެއް ނެރެން ނިންމައިފި އެވެ.

އެމްއެމްއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އަލަށް ޗާޕުކޮށްގެން ނެރުނު 50 ރުފިޔާގެ ނޫޓުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާ ކަމަށެވެ. ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައާތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނު މަތީ އަގާއެކު ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

ނޫޓުގައި ސޮއި ކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމެވެ. ނޫޓުގައިވާ ތާރީހަކީ 8 ސެޕްޓެމްބަރު 2022، 12 ސަފަރު 1444 އެވެ.

އަލަށް ޗާޕުކޮށްގެން 50 ރުފިޔާގެ އާ ނޫޓެއް ނެރުނަސް މިހާރު ދައުރުވަމުންދާ 50 ރުފިޔާގެ ނޫޓު ދައުރުވަމުން ދާނެ އެވެ.

ރާއްޖޭގައި ކުރިން ބޭނުން ކުރަމުން ދިޔަ ފައިސާގެ ނޫޓުތަކުގެ ބަދަލުގައި އާ ނޫޓުތަކެއް ތައާރަފުކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ. އާ ނޫޓުތައް ނެރެދެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެވެ.

ޒަމާނީ ކަރުދާހުގައި ސެކިއުރިޓީއާ ފީޗާތައް ހިމަނައިގެން ތައާރަފު ކުރި ނޫޓުތަައް ނެރެފައިވަނީ ރާއްޖޭގެ މިނިވަންކަމަށް ބައި ގަރުނު ވުމުގެ މުނާސަބަތާ ވެސް ގުޅުވައިގެންނެވެ.

މި ނޫޓު ސީރީޒްގައި ހިމެނެނީ 10، 20، 50، 100 500 އަދި އޭރު އަލަށް ތައާރަފްކުރި 1000 ރުފިޔާގެ ނޫޓެވެ.