ދުނިޔެ

އަންވަރު އިބްރާހީމް: މެލޭޝިއާގެ 10 ވަނަ ބޮޑުވަޒީރު

މެލޭޝިއާގައި އިދިކޮޅު ލީޑަރެއް ގޮތުގައި ސަރުކާރާ ހަވާލުވެ ވަޑައިގަތުމަށް ތިރީހަކަށް އަހަރު މަސައްކަތް ކުރެއްވި އަންވަރު އިބްރާހީމް ބޮޑުވަޒީރު ކަމުގެ ގާނޫނީ ހުވައި ކުރައްވައިފި އެވެ.

އަންވަރަށް ސަރުކާރެއް އެކުލަވާލެއްވުމަށް ފުރުސަތު ލިބިވަޑައިގަތީ މެލޭޝިއާގައި އޮތް އާންމު އިންތިހާބުގައި އެންމެ ގިނަ ގޮނޑި ލިބިވަޑައިގަތީ އޭނާގެ ޕާޓީއަށް ކަމަށް ވާތީ އެވެ.

މެލޭޝިއާގެ ރަސްގެފާން އަބްދުﷲ ރިއާޔަތުދީންގެ ޝާހީ އަމުރުފުޅަށް -- އަންވަރަށް ބޮޑުވަޒީރުކަން ދެއްވަން ނިންމެވި ނަމަވެސް، އޭނާއަށް އެ މަގާމު ދެއްވީ ސަރުކާރެއް އެކުލަވާލަން ބޭނުންވާ ވަރަށް މަޖިލީހުން ގޮނޑި ލިބިވަޑައިގެންފައި ވާތީއެއް ނޫނެވެ.

ރަސްގެފާންގެ މި ނިންމެވުމާ އެކުވެސް އަންވަރަށް ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ އަޣުލަބިއްޔަތު ހޯއްދެވުމަށްޓަކައި އެހެން ކޮންމެވެސް ޕާޓީއަކާ އެކު ކޯލިޝަން ހައްދަވާށެވެ.

މެލޭޝިއާ ޕާލަމެންޓްގައި ހިމެނެނީ 222 ގޮނޑި އެވެ. އަޣުލަބިއްޔަތަކީ 112 ގޮނޑި އެވެ. އެހެންކަމުން ކޯލިޝަނެއް ނުހައްދަވައި އަންވަރު، 75، އަށް ކެބިނެޓެއް އެކުލަވައި ނުލެއްވޭނެ އެވެ.

ހޮނިހިރު ދުވަހު އޮތް އާންމު އިންތިހާބުގައި އަންވަރު އިބްރާހީމް ވަނީ 82 ގޮނޑި ހޯއްދަވާފަ އެވެ. ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސިންއަށް ލިބިވަޑައިގަތީ 73 ގޮނޑި އެވެ. މިހާރުގެ ބޮޑުވަޒީރު އިސްމާއީލް ސަބްރީ ޔައުގުބްއަށް ލިބިވަޑައިގަތީ 30 ގޮނޑި އެވެ. ބާކީ ހުރި ގޮނޑިތައް ވަނީ އެހެން ޕާޓިތަކަށް ބެހިގެން ގޮސްފަ އެވެ.

ރަސްގެފާން މިހާލަތުގައި އަންވަރަށް ބޮޑުވަޒީރުގެ މަގާމު ހަވާލުކުރެއްވީ އެއީ މި ވަގުތަށް މަސްލަހަތު އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިގަންނަވާތީ އެވެ. އަދި ސަރުކާރެއް ނެތި ގައުމު ހިންގުމަށް ހުރަސްތަކެއް ދިމާވެ މެލޭޝިއާގައި މިހާރު އޮތް ހަމަނުޖެހުންތައް އިތުރުވެދާނެ ކަމަށް ފެނިވަޑައިގަންނަވާތީ އެވެ.

ސަރުކާރެއް އެކުލަވާލެއްވުމަށް ޕާޓީތަކުގެ ވެރިންނަށް ރަސްގެފާން ދެއްވި މުއްދަތުގައި އެކަށީގެންވާ ނަތީޖާއެއް ވަނީ ނުލިބިފަ އެވެ.

އަންވަރާ އެކު އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލެއްވުމަށް ކުރީގެ ބޮޑުވަޒީރު މުހްޔިއްދީންއަށް ރަސްގެފާން ދެއްވި ދައުވަތު އޭނާ ގަބޫލެއް ނުކުރެއްވި އެވެ.

އެހެންކަމުން ސަރުކާރެއް އެކުލަވާލެއްވުމަށް އަންވަރު ދެން ކޯލިޝަން ހައްދަވާނީ ކޮން ޕާޓި އަކާއެކު ކަމެއް އަދި ނޭނގެ އެވެ.

ޚަބަރުތައް ބުނާ ގޮތުން އިންތިހާބުގައި 30 ގޮޑި ކާމިޔާބުކޮށް މަޖިލީހުން ފުރުސަތު ހޯދާފައިވާ ބަރިސަން ނެޝަނަލް -- ނެޝަނަލް ފްރޮންޓް އޮތީ އަންވަރާ އެކު ކޯލިޝަން ހަދާ ގޮތަށެވެެ. އެހެން ނަމަވެސް މިއީ އަދި ކަށަވަރު ކަމެއް ނޫނެވެ.

ތޭވީސް ގޮނޑިއާ އެކު މަޖިލީހަށް މިސްރާބު ޖަހާފައި އޮތް ސަރަވަކު ކޯލިޝަނުން ވެސް ބުނަނީ ކޯލިޝަންގައި ބައިވެރިވާނީ ޔާސީން ސަރުކާރެއް އެކުލަވާލައްވާ ނަމަ ކަމަށެވެ.

އެހެންކަމުން ސަރުކާރެއް އުފެއްދެވުމުގައި އަންވަރަށް އަދި އޮތީ ނުތަނަވަސް ދުވަސްތަކެކެވެ. އަނެއްކޮޅުން ކޮރަޕްޝަނަށް ސުމެއް ދެއްވާނެ ކަމަށް ވިދާޅުވާ އަންވަރު -- އެ ތުހުމަތު އެޅިފައި ތިބި ބަޔާކާ އެކު ކޯލިޝަން ހައްދަވަފާނެތޯ އެއީ ވެސް އޮތް ބޮޑު ސުވާލެކެވެ.