( 22 ނޮވެމްބަރ 2022 އާ ގުޅޭ )
"އެމީހާ މަލް ކައިރީ ހުރީމަ. އައި ނޯ ހިމް... ރިކް. އަހަރެން ހަނދާން އެބަހުރި. އެކްސިޑެންޓްވީ ރޭ އެމީހާއާ ދިމާވީ. އޭނާ އެރޭ ވަރަށް އެހެން ކަހަލަ ވާހަކައެއް ދެއްކި." މާޔަލްގެ މޫނުމަތިން ހާސްކަން ފާޅުވާންފެށިއެވެ.
އައިރިކްގެ ކާރު އިމާރާތުގެ ކައިރިއަށް މަޑުކޮށްލިއެވެ. އެއާއެކު ނިކަން އަވަސް އަރުވާލާފައި މާޔަލް ކާރުން ފޭބިއެވެ. މާޔަލް ފެނުމާއެކު މަލަކްއާއި ދައްޔާނަށް ވެސް ލިބުނީ ސިހުމެވެ.
"މަލްކޮ ދަންނަންތަ އޭނަ." ހައިރާންކަމާއެކު މާޔަލްއަށް އަހާލެވުނެވެ. އޭނާގެ ނަޒަރު ހުރީ ދައްޔާނަށް ހުއްޓިފައެވެ.
"ކުޑޫ... އައި ކޭން އެކްސްޕްލެއިން." މަލަކް ނިކަން އަވަހަށް ބުންޏެވެ.
"އެރޭ ކާރު ކައިރީ ހުރީ މީނަ." ކަމަކަށް ތުޙުމަތު ކުރާ ފަދައިން ދައްޔާނާ ދިމާއަށް މާޔަލް ބުންޏެވެ.
"ކާރަށް އެރޭ ކިހިނެއް ހެދީ." މާޔަލްގެ ގާތުގައި މަޑުކޮށްލި އައިރިކް ސުވާލުކުރީ ތަންކޮޅެއް ހަރުކަށިކަމާއެކުއެވެ.
"ކުޑޫ... މީ ޔާނު." މަލަކް ބުންޏެވެ.
"އެކަމަކު ކުރީން މަލްކޮ ބުނީމެންނު ނުދަންނަމޭ." މާޔަލް ބުންޏެވެ.
އައިރިކްގެ ކުރިމަތީ ވާހަކަދައްކަން މަލަކްއަށް އުނދަގޫވިއެވެ. އޭނާ މާޔަލްގެ އަތުގައި ހިފާލިއެވެ. ގެއަށް ވަންނަން މަލަކް ޚިޔާލު ފާޅުކުރިއެވެ. އޭރުން އޭނާ ހުރިހާ ވާހަކައެއް ކިޔާދޭނަންކަން ބުންޏެވެ.
"ޔާނުއާ ކުޑޫ ވާހަކަދައްކަން ބޭނުން." މަލަކް ކައިރީ މާޔަލް ބުންޏެވެ.
"މިހާރުތަ؟. ފަހުން ކުޑޫއާ މީޓުކޮށްދޭނަން." މަލަކް ބުންޏެވެ.
"ލިސެން މަލް. ކުޑޫ އެކްސިޑެންޓްވީ ރޭ ޔާނުއާ ދިމާވި... ކުޑޫ ކާރަށް އަރަން އުޅެނިކޮށް ކާރު ކައިރިއަށް އައީ ޔާނު... އެއޮއް ވިއްސާރައިގަ އޭނާ އެރޭ ކީއްކުރީ. އަހާބަލަ އޭނާ ކައިރީ. މީ ދޮގެއްނޫން. އެރޭ ކާރު ދުއްވުން ސޭފެއްނުވާނޭ އޭނާ ބުނީ... އަނެއްކާ މީހަކު ކާރު ކައިރީ އުޅުނޭ ބުނެފަ ދެން ބުނީ އެމީހާ ދިޔައީ ކާރަށް ކަމެއްކޮށްފަހެން ވަރަށް ހީވެޔޭ... އެމީހަކީ މީނަ ނޫންކަމެއް ވެސް ނޭނގެ. އެރޭ ހިނގި އެކްސިޑެންޓުން ކުޑޫއާއި ރިކްގެ ފުރާނަ ސަލާމަތްވެއްޖެ. އެކަމަކު އެހެނިހެން ގެއްލުންތަކުން އަދިވެސް އަރައިނުގަނެވޭ." މާޔަލް ބުންޏެވެ.
ދައްޔާނު ހާސްވީވަރުން ވާހަކަދައްކަން ދަތިވިއެވެ. އޭނާ އެނބުރިލީ ގޮތަށް ހަލުވިކޮށް ހިނގައިގަތީއެވެ. އައިރިކް އޭނާގެ ފަހަތުން ދާން އުޅުނެވެ. ނަމަވެސް އޭނާގެ އަތުގައި ހިފެހެއްޓީ މާޔަލްއެވެ. އެ ޒުވާނާއާ ބެހޭ ގޮތުން އެމީހުންނަށް މާބޮޑު އެއްޗެއް ނޭނގެއެވެ. ކައިވެނި ހަމަޖެހި ދެ ޒުވާނުން ދިރިއުޅުމަށް ތައްޔާރުވަމުން އަންނައިރު ނުރައްކާތެރި ހާލަތަކާ އައިރިކް ކުރިމަތިލާކަށް މާޔަލްގެ ޟަމީރަށް އެއްބަހެއް ނުވެވޭނެއެވެ. އެމީހުން ބަލަން ތިއްބާ ދައްޔާނު ގޮސް ސައިކަލަށް އަރައިގެން ނައްޓާލައިފިއެވެ. މަލަކް ވެސް މިފަހަރު ހުރީ ހައިރާންކަމެއްގައެވެ. ދައްޔާނު ދިއުމުން އިމާރާތުގެ ބޭރުގައި ނުތިބެ މަލަކް ގޮވައިގެން މާޔަލް އެތެރެއަށް ވަނީއެވެ. އެޕާޓްމެންޓާ ހަމައަށް މާޔަލްމެން ދެބެންނާއެކީ އައިރިކް އައެވެ. މަލަކް ގޭތެރެއަށް ވަނުމުން ދޮރުމަތިން އައިރިކްއާ ވަކިވުމުގެ ލޯބީގެ ސަލާމެއް ކޮށްލުމަށްފަހު މާޔަލް ވެސް ވަނެވެ. އެތެރެއަށް ވަން ގޮތަށް މާޔަލް އައީ މަލަކްގެ ކޮޓަރިއަށެވެ. އެ ކޮޓަރިއަށް އޭނާ ވަންތަން ފެނި ސޯފާގައި އިން މައިރާ ވެސް އައިސް ވަދެއްޖެއެވެ.
"ކިހިނެއްވީ؟. ކާޑުތައް ނުނިމެނީތަ؟." މާޔަލްގެ ހަރަކާތާމެދު ސުވާލު އުފެދި ހުރެ މައިރާ އަހާލިއެވެ. މާޔަލް އެ އައީ އައިރިކްއާއެކީ އެމީހުންގެ ކައިވެނީގެ ދަޢުވަތު ކާޑު ޗާޕުކުރާ ތަނަށް ގޮސްފައިކަން މައިރާ ދެނަހުއްޓެވެ. މިދުވަސްކޮޅު މާޔަލް ހާސްވިއްޔާ ހާސްވާނީ ކައިވެނީގެ ކަމެއްގައިކަން މައިރާ ޤަބޫލުކުރެއެވެ.
"ދޮންތިއަށް އެނގޭތަ..." މާޔަލް ވާހަކަ ފަށައިގަތެވެ.
އެކްސިޑެންޓްވީ ރޭ ދައްޔާނާއި ދިމާވި ގޮތް މާޔަލް ކިޔާދިނެވެ. އަދި އެ އިމާރާތް ކައިރިން ދައްޔާނު ފެންނަ ވާހަކައާއި މައިރާއާއެކު ހޮސްޕިޓަލަށް ދިޔަ ދުވަހު މަލަކް ދުވަމުން އައިސް ގެއަށް ވަންއިރު އޭނާގެ ފަހަތުން އައީ ދައްޔާނެވެ. މަލަކްއާ ސުވާލު ކުރުމުން ދޮގު ހެދީކަން މާޔަލް ބުންޏެވެ. އެވާހަކައިގެ ތެރެއަށް މަލަކް ވަނެވެ. ދައްތަގެ ވާހަކަ މެދު ކަނޑާލާފައެވެ. ދައްޔާނަކީ އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާކަމުގައި ބުންޏެވެ. އެމީހުންގެ ގުޅުމަށް ދުވަސްތަކެއް ވެއްޖެކަމާއި ދެމެދުގައި ކުޑަ ހަމަނުޖެހުމެއް ހިނގައިގެން މިދޭތެރެއިން ދައްޔާނާ ވާހަކަދެއްކުން މަލަކް ހުއްޓާލައިފަ ވާކަން ހާމަކުރިއެވެ. އެ ދުވަހު މާޔަލްއަށް ފެނުނީ ދައްޔާނާ ވާހަކަދައްކަން ބޭނުންނުވެގެން މަލަކް ދުވެފައި ގެއަށް ވަންނަން އައި މަންޒަރުކަން ދައްތަމެންނަށް އޮޅުންފިލުވާ ދިނެވެ. އަދި އޭނާއަށް މާޔަލްއާ ދައްޔާނު ކުރީން ދިމާވެފައިވާކަމެއް ނޭނގޭކަން ބުންޏެވެ.
"އޭނާގެ ހުރޭ ވަރަށް ސިއްރުވެރި ގޮތެއް. އެހެންނޫނީ ކީއްވެ އެކްސިޑެންޓްގެ ވާހަކަ ފަށާއިރަށް އަވަހަށް އެދިޔައީ. އޭނާ ނުކުރާނަމަ އެރޭ އޭނާއަށް އެ ފެނުނު މީހަކު ކިޔާދޭން އެނގޭނެ." މާޔަލް ބުންޏެވެ.
"ރިކް ހުރީމަ ކަމަށް ވެދާނެ. އަހަރެން ވެސް ސަޕްރައިޒްވީ ކުއްލިއަކަށް ތި ދެމީހުން ފެނުނީމަ. ޔާނުއާ ޖެހުނު މައްސަލައަކީ މިސްއަންޑަސްޓޭޑިންއެއްކަން އެނގި ދެމީހުންގެ ގުޅުން ރަނގަޅުވިތާ ޓުވެންޓީފޯ އަވާޒް ނުވޭ... އެހެންވީމަ އަދި ފެމެލީ ކައިރީ މަލްގެ ބޯއިފްރެންޑެއް ހުރިކަން ބުނަން އަވަސް ދޯ... ނޫންތަ ދޮންތި!... ޔާނުގެ ވާހަކަ ނުބުނާކަށްނޫން. އެނީވޭޒް... މަލް އަހާނަން ޔާނު ކައިރީ. ކުޑޫއާ މީޓުކޮށްދޭނަން. އޭރުން ކުޑޫ ބޭނުން ސުވާލެއް ކުރަންވީ. އެކަމަކު އިހަށް މަލްއަށް ޓައިމްކޮޅެއް ދީ." މަލަކް ބުންޏެވެ.
ތިން ބެއިންގެ މެދުގައި ދައްޔާނާ ގުޅިގެން އެކި ވާހަކަތައް ދެކެވުނެވެ. ބައެއްފަހަރު ދައްތަމެން ކުރާ ތުޙުމަތު ތަކުން މަލަކް ލޯބިވެރިޔާ ދިފާއުކޮށް ވާހަކަދައްކައެވެ. މާޔަލްއާއި މައިރާއަށް ވެސް މަލަކްއަށް އައިސްފައިވާ ބަދަލު ފާހަގަވިއެވެ. ދައްޔާނު ދެކެ މަލަކް ލޯބިވާކަން އެމީހުންނަށް ގައިމެވެ. މަލަކްގެ ފުށުން ފެންނަނީ އެފަދަ ސީރިއަސްކަމެވެ. އެހެންނޫނީ މަލަކްއަކީ ދެމެދުގައި ކިތަންމެ ކުޑަ މައްސަލައެއް ޖެހުނަސް ރައްޓެހިވެގެން އުޅޭ ކުއްޖާއާ އޮތް ގުޅުން ކަނޑާލާ ކުއްޖެކެވެ.
"ޕްލީޒް... މަންމައާ ހަމައަށް އިހަށް މިވާހަކަ ނުގެންދައްޗޭ." މަލަކް ބުންޏެވެ.
މާޔަލްއާއި މައިރާ އެއްބަސްވިއެވެ. އެހެންވިޔަސް އެމީހުން އެ ތިބީ ދައްޔާނާ ބައްދަލުކުރާން ބޭނުންވެފައެވެ. އެކްސިޑެންޓް ހިނގި ރޭ ކާރަށް ގޮތެއް ހެދީ ކާކުތޯ އެނގެން ބޭނުންވެފައެވެ. އެހެން ކަންތައް ކުރާން ޖެހުނީ ކޮންމަޤްޞަދެއްގައި ކަން އެނގެން ބޭނުންވެފައެވެ.
* * * * *
ކަންފަތުގައި ޖައްސާލައިގެން ހުރި ފޯނު ތިރިކޮށްލައި ދައްޔާނުގެ ޖިންސުގެ ޖީބަށް ކޮށްޕާލިއެވެ. އޭނާ އަދިވެސް މަސައްކަތް އެކުރަނީ މިއުވާނަށް ގުޅޭތޯއެވެ. މަލަކްއަށް ހަޤީޤަތް ކިޔާދޭން ބޭނުން ވިޔަސް އެ ހަޤީޤަތް އެނގުމުން ދެމެދުގައި އޮތް ގުޅުމަށް ވާނޭ ގޮތަކާމެދު ދައްޔާނު ބިރުގަންނަނީއެވެ. އެންމެފަހުން މަލަކްގެ ދައްތައަށް ވެސް އޭނާ ފާހަގަ ކުރެވުނީއެވެ. ހުރިހާކަމެއް މިވަނީ އޭނާއަށް ވިސްނާލާނޭ ފުރުޞަތެއް ވެސް ނުލިބޭހާ އަވަހަށެވެ. މާޔަލްގެ ހަނދާންތައް އެނބުރި އައިކަމެއް އޭނާ ނުދެނަހުއްޓެވެ. ޝައްކެއް ވެދާނޭތީ މަލަކްގެ ކައިރީ އެފަދަ ސުވާލެއް އަހާލާކަށް ދައްޔާނަށް ނުކެރެއެވެ. މިހުރިހާ ކަމެއްގައި އޭނާ ބެއްދި މީހަކީ މިއުވާނެވެ. އެކަމަކު އެވަރުން ދައްޔާނަށް އެ ކުށުން ސަލާމަތް ވެވޭކަށް ނެތްކަން ޚުދު އޭނާއަށް އެނގެއެވެ. ކޮންމެ ސިފައެއްގައި ވިޔަސް މިއުވާނުގެ ރޭވުންތަކުގައި އޭނާ ބައިވެރިވެފައިވާތީއެވެ.
ސައިކަލު މަތީ އިށީނދެ އިން ދައްޔާނު ކުރިމަތިލައިގެން އިނީ މޫދާ ދިމާއަށެވެ. އެގޮތުގައި ވިސްނަން އޭނާ އިނެވެ. ރަތްވިލާތަކުގެ މައްޗަށް އަނދިރިކަން މަޑުމަޑުން ވެރިވާން ފަށައިފިއެވެ. ހަށިފުރާ ދޫކޮށްލި ނޭވާއަކަށްފަހު ދައްޔާނު އަނެއްކާ ވެސް ފޯނު ނެގިއެވެ. ނަފްސު ހަމައަކަށް އެޅިއްޖެކަން ގައިމުވީމައެވެ. މަލަކް އިންނާނީ އޭނާ ކުއްލިއަކަށް ދިޔައީމަ އެކަމާ ސުވާލު އުފެދިފައިކަން އެނގެއެވެ. އޭގެ އިތުރުން މިހާރު މަލަކް ކައިރީ އޭނާގެ ދައްތަ އޮންނާނީ ދައްޔާނާ އެރޭ ދިމާވި ގޮތް ވެސް ކިޔާދިފައިކަން ދައްޔާނު ނިންމިއެވެ. އޭނާ ޑަޔަލްކޮށްލީ މަލަކްގެ ނަންބަރަށެވެ. ވަގުތުން ފޯނުކޯލު މަލަކް ނެގިއިރު ހީވީ ދައްޔާނުގެ އެ ކޯލުގެ އިންތިޒާރުގައި މަލަކް އިނީ ހެންނެވެ.
"ޔާނު. ވީ ނީޑް ޓު ޓޯކް." މަލަކް ބުނެލިއެވެ.
"އަހަރެން ވެސް މަލްއަށް ކިޔާދޭން ބޭނުންވާ ވާހަކަތަކެއް އެބަހުރި. އެކަމަކު ފޯނުންނެއްނޫން." ދައްޔާނު ބުންޏެވެ.
"މިރޭ އެއިޓްގެ ފަހުން އޯކޭ. ދެ ނަމާދު ދޭތެރޭ ނުކުމެއްޖެނަމަ މަންމަ ރުޅި އަންނާނެ." މަލަކް ނިކަން އަވަހަށް ބުންޏެވެ.
"އޯކޭ. އެއިޓްގަ ދާނަން. ގޮސްފަ ގުޅީމަ ފައިބާ އިނގޭ." ދައްޔާނު ބުންޏެވެ.
އެހިސާބުން ދައްޔާނު އެ ކޯލު ކުރުކޮށްލީއެވެ. އޭނާ ސައިކަލު އިސްޓާޓު ކޮށްލުމާއެކު ނައްޓާލީ ގެއާ ދިމާއަށެވެ. މިއުވާނުގެ ޚަބަރެއް ނުވާ ސަބަބު ބަލަން ޖެހިއްޖެކަމުގައި އޭނާއަށް ވިސްނުނެވެ. މިއުވާނު އޮފީހަކަށް ވެސް ނުދާކަން ދައްޔާނު ބެލިބެލުން ވަނީ އެނގިފައެވެ. އެހެންވީމަ އިއްޔެ ހަވީރު އެންމެ ފަހުން މިއުވާނު ވާހަކަދެއްކި މީހަކީ މަލަކްއެވެ. ފައިސާ ހިފައިގެން ގެއިން ނުކުތީކަމުގައި ބުނި މީހާގެ ޚަބަރެއްވީއެއް ނޫނެވެ. ކޮންމެވެސް ކަމެއް މިއުވާނަށް ދިމާވެއްޖެކަމުގައި މިހާރު ދައްޔާނަށް ޤަބޫލުކުރެވެއެވެ. ބްލެކްމެއިލް ކުރަނީ މިއުވާނުކަން ދައްޔާނަށް ޔަގީނެވެ. ވީއިރު މަލަކްގެ ފަރާތުން އެނގުނު ގޮތުން ބްލެކްމެއިލަރުގެ ޚަބަރެއް ވެސް އިއްޔެ ހަވީރުން ފެށިގެން ނުވެއެވެ. ދެ ނަންބަރަށް ގުޅާއިރު އެ ދެ ނަންބަރު ވެސް އޮންނަނީ ނިއްވާލާފައެވެ.
* * * * *
ޒޭވިއާ ވަދެގެން އައިސް މޭޒުގެ އެއްފަރާތަށް ޖައްސާލެވިފައި ހުރި ގޮނޑީގައި އިށީނެވެ. މިއުވާނު ފެންނާނޭ ގޮތަށެވެ. ހިސާބަކަށް ހަށިގަނޑުގެ ވަރު ގޮނޑިއަށް ދޫކޮށްލުމާއެކު އޭނާ ކަނާއަތު ފައި ނަގައި ވައަތުފައި މައްޗަށް ލައި ވައަތުން ފައިގަ ކަށިމަތީ ހިފަހައްޓާލައިގެން އިނެވެ. އޭނާ މިއުވާނުގެ ވާހަކަ އަޑު އަހަން ހަމަޖެހިލީކަން ޔަގީނެވެ. އެތަނުގައި އެޗްގެ ނަމުން ޒޭވިއާ މުޚާޠަބު ކުރާ މީހާ އޭނާ އައުމުގެ ކުރީން ވަނީ ތަން ތައްޔާރުކޮށްފައެވެ. މިއުވާނު އަރާނޭހެން ސްޓޭންޑް ކެމެރާއެއް ބަހައްޓާފައި ހުރިއިރު މޭޒުމަތީ އަޑު ރިކޯޑުކުރާ ޑިވައިސްއެއް އޮތެވެ.
"މަލަކް ދެއްކީ އަހަރެންގެ ކޮއްކޮ، ދައްޔާނު. އެ ދެމީހުން ބައްދަލުވީ ކޮލެޖުން. ހުރިހާކަމެއް... ހުރިހާކަމެއް ފެށުނީ އެ އަންހެންކުއްޖާއާ ހެދި. ބޭނުމަކީ ބަދަލު ހިފުން. ދައްޔާނު އޭނާދެކެ ލޯބިވޭ. އެކަމަކު މަލަކްއަކީ އޭނާއަށް އޭނާ ފެނިފަ ހުންނަ ބޮޑާ އަންހެންކުއްޖެއް. އޭނާއާ އެކަށީގެންވާ ފިރިހެނަކު ދުނިޔެމަތީ ނޫޅޭ ފަދަ. އޭނާ ގުޅޭން ބޭނުންވަނީ ހުރިހާ ގޮތަކުން ޕާފެކްޓް މީހަކާ. ޚާއްޞަ އެމީހަކު ވަރަށް ރީތިވާން ޖެހޭ. ޔާނު ލޯބިވާކަން ބުނީމަ އޭނާ އެ ލޯބި ބޮލާލާ ޖެހީ. ނުވިތާކަށް ޔާނު ހުންނަ ގޮތަށް މަލާމަތްކޮށް އޭނާގެ ރައްޓެހިން ކައިރީ ވާހަކަދައްކަނިކޮށް ޔާނުއަށް އިވުނީ. އަހަރެން ބޭނުންވީ ޔާނުއަށް ޓަކައި އޭނާގެ ކިބައިން ބަދަލުހިފަން. އެ އަންހެނާ ރަނގަޅަށް ސައިޒުކޮށްލަން ރޭވީ. އެހެންވެ އޭނާއަށް ފާރަލަމުން ދިޔައީ. އޭނާ ކާރުގައި ވަރަށް ގިނައިން ދަތުރުކުރޭ. އެރޭ އޭނާގެ ދައްތަ ކާރަށް އަރާނެކަމަކަށްނޫން ހީކުރީ. އެކަން ކުރީ މަލަކްގެ ދުވަސްދުއްވާލަން. އެކަމަކު އޭނާ މަރާލާކަށްނޫން. ނުކުޅެދޭމީހަކަށް ހަދަން. މިސްޓާ ޕާފެކްޓް ހޯދަން އޭނާ ބިޓުން ނަގަމުންދާއިރު އޭނާގެ ސިފަ ހުތުރުކޮށްލަން. އެކަމަކު ފަހު ވަގުތު ޔާނު ބިރުގަތީ. ކާރަށް އަރަން އައި މަލަކްގެ ދައްތައަށް ވޯން ކުރީ. ކާރަށް ކަމެއްވެފައި ހުރިކަން ބުނަން މަސައްކަތް ކުރި. އެކަމަކު އޭނާގެ އަޑު ނާހާ އެ ކާރަށް އަރައިގެން ނައްޓާލީ މަލަކްގެ ބަދަލުގައި އޭނާގެ ދައްތަ. ހަޤީޤަތަކީ އޭނާ އެއީ އަހަރެމެންގެ ރޭވުމާ އެއްވެސް ގުޅުމެއްނެތް މީހެއްކަން. އެ ޕްލޭން ފެއިލްވީމަ މަލަކްއަށް ފެންނަ ހިސާބަށް ޔާނު ނުކުތީ. އޭރު ފިޒިކަލީ ޔާނުގެ ސިފައަށް ބޮޑު ބަދަލެއް ގެނެސްފައިވާތީ ކުރީން މަލަކްއަށް ފާހަގަނުވިޔަސް މިހާރު އޭނާގެ ލޮލުގައި އަޅައިގަންނާނޭކަން އަހަރެމެންނަށް ޔަގީންކަން އޮތް. ފަސޭހަ އަންހެންކުއްޖެއް... އެކި ދުވަސްމަތިން ޔާނު އޭނާއާ މީޓުވެ ވާހަކަދައްކަން ފެށުމުން ނިކަން އަވަހަށް ސެޓުވެއްޖެ. ޔާނު ރައްޓެހިވާން އެހީމަ ޤަބޫލުވެސް ވި. އޭގެ ކުރީން އަހަރެން އޭނާގެ ގޮތް ބަލަންވެގެން ގުޅަމުންދިޔައީ. އަހަންނާ ވެސް ބަރާބަރަށް އޭނާ ވާހަކަދެއްކި. ހެސްކިޔާފަ ފްލާޓް ވެސް ކުރޭ. އެވަރުގެ އަންހެންގޮލައަކާއެކު ޔާނު ސީރިއަސްވާން އަހަންނަށް އެއްބަހެއް ނުވެވުނު. ޔާނުއާ ރައްޓެހިވީފަހުން އޭނާ އަހަންނާ ވާހަކަދެއްކުން ހުއްޓާވެސްލީ. އެހެންވިޔަސް ޔާނުއާ އެކަށީގެންނެއްނުވޭ. އެ ދެމީހުން ގޭގަ މީޓުކުރާން ފެށީމަ އަހަންނަށް އެނގިއްޖެ ޔާނު މާބޮޑަށް ސީރިއަސްވެއްޖެކަން މަލަކްއާ. އަހަރެން އެވާހަކަ ދެއްކީމަ ޔާނުގެ ވިސްނުން ހުރީ އެ އަންހެންކުއްޖާއާ އިންނަ ހިސާބުގަ. އަދިވެސް ލޯބިވެޔޭ ކިޔާފަ. ރުޅިއައީ އެހެންވެ. އެ ކޮޓަރީގައި ކެމެރާ ބެހެއްޓީ އެ ގުޅުން ހުއްޓުވާލަން. އެއީ ބްލެކްމެއިލް ކުރާން ފެށި ހިސާބަކީ. އެމީހުންގެ ސެކްސް ވީޑިއޯއެއް އެއީ. އަހަރެން އޭތި އެޑިޓްކޮށްފަ އެ އަންހެން ގޮލައަށް ފޮނުވީ. ބްލެކްމެއިލް ކުރީ އަހަރެން ވެސް އޭނާ ޔޫސްކޮށްލަން ބޭނުންވެގެން. އެ މަލަކްގެ ހުރި ފެންވަރު އޭރުން ޔާނުއަށް ވެސް ވިސްނޭނެއޭ ގަސްދުކޮށްގެން. އަހަރެން މަލަކްއާ މީޓުކުރަން ފެށީ މިކަން ހައްލުކޮށްދޭން މަސައްކަތްކުރާ ކްލޯޒް ފްރެންޑެއް ގޮތައް. އޭނާއަށް ބުނެދިނިން އޭނާގެ މައްޗަށް އަހަރެންގެ ފީލިންގްސް އެބަހުއްޓޭ. ރުފިޔާ ވެސް ދޭން ނިންމީ އެހެންވެ. އެ ރުފިޔާ އަނބުރާ ލިބޭނީ ހަމަ އަހަރެންގެ އަތައްކަމެއް އޭނާއަކަށް ނޭނގޭނެ. ރުފިޔާ ދީގެން އަހަންނަށް ގެއްލުމެއްނެތް. މިކަންތައްގަނޑު ނިންމާލާއިރު އަހަންނަށް ޔަގީންވެފަ ހުރީ މަލަކް އަހަރެން ބުނި ކޮންމެ ގޮތެއް ޤަބޫލުކުރާނެކަން. އަހަންނާ ރައްޓެހިވާން ބުންޏަސް އެއްބަސްވާނެކަން. ގަސްދުކޮށްގެން ހުރީ އަހަރެން ބޭނުންވާ ކަންތައްވީމަ އޭނާ ދޫކޮށްލަން." މިއުވާނު ބުންޏެވެ.
މިއުވާނުގެ ކިބައިން ހުރިހާކަމެއް އޮޅުން ފިލިއެވެ. ޒޭވިއާ ދިން އިންޒާރުގެ މަތިން އަލުން މިއުވާނަށް އޭނާ ހަނދާންކޮށްދިނެވެ. ބަޅެއްގެ ނަގޫ ސަންފާ އޮނަކަށް ލިޔަސް ތެދެއްނުވާނޭ ބުނެ ބަހުން ޖެހީ މިއުވާނަށެވެ. މައިމީހާ އަންހެނަކަށްވީއިރު އަންހެނުންނަށް ކުރާން ޖެހޭ ޤަދަރު މިއުވާނަށް ނުވިސްނުނު ކަމުގައި ޒޭވިއާ ބުންޏެވެ.
"ހުރިހާ ކަމެއް ކިޔާދިނީމަ އަހަރެން ދޫކޮށްލާނަމޭ ބުނީމެންނު. މަލަކްއަށް އެއްވެސް ކަމެއް ދެން ނުކުރާނަން." މިއުވާނު އާދޭސްކުރިއެވެ.
"އަހަރެން ކަލޭ ހިފަހައްޓާކަށް ނެތިން." ކޮޅަށް ތެދުވަމުން ޒޭވިއާ ބުންނެވެ. އަދި އޭނާ އެތަނުގައި ހުރި މިހާއަށް އިޝާރާތެއް ކޮށްލާފައި ނުކުތީއެވެ.
ޒޭވިއާ ދިއުމުން އެތަނުގައި ހުރި މީހާ ކާއެއްޗެހި ގެނައެވެ. މިއުވާނުގެ ދެއަތް މުހާލައި މިނިވަންކޮށްދިނުމަށްފަހު އެމީހާ ބުނީ ގެނައި އެއްޗެހި ކާށެވެ. އެތަނަށް ގެނައިސުރެ ފެންފޮދެއްނޫނީ ނުލިބި އިން މިއުވާނު އަވަސްއަވަހަށް ކާންފެށިއެވެ. އޭނާ ދޫކޮށްލުމުގެ ވިސްނުން ޒޭވިއާ ހާމަކުރީތީ މިއުވާނު އިނީ ހިތްހަމަޖެހިފައެވެ. އޭނާ ބޭނުންވަނީ އަވަހަށް އެމީހުންގެ އަތްދަށުން ސަލާމަތްވާށެވެ. އެތަނުން ނުކުންނާށެވެ. އަމިއްލަ ގެއަށް ދާށެވެ. ފުރާނަ ސަލާމަތްކުރާށެވެ.
މިއުވާނު ކައި ނިމުމުން އިތުރު މީހަކު އައިސް ކާތަށި ހުރި ތަބަށް ގެންގޮސްފިއެވެ. ދެން ހަދަންވީ ކިހިނެއްކަން ނޭނގި މިއުވާނު އިނީއެވެ. އެތަނުގައި ހުރި މީހާ ވެސް ހަރަކާތެއް ނުކުރެއެވެ. އޭނާ ދޭތެރެއަކުން މިއުވާނަށް ބަލާލައެވެ. މިއުވާނު ހީކުރީ ޒޭވިއާގެ އިޝާރާތަކަށް އޭނާ މަޑުކޮށްގެން ހުރީ ކަމަށެވެ. އޭގެ އިރުކޮޅެއްފަހުން މިއުވާނަށް އިޙްސާސްވާން ފެށީ ވަރުބަލިވާކަމެވެ. އެ ކޮޓަރީގެ ފިނި ގަދަކޮށްފައި ހުރީހެން ހީވެއެވެ. މަޑުމަޑުން މޭޒުމަތީ ބާއްވާލި އަތުގައި ބޯއަޅާލަން އޭނާ ގުދުވެލިއެވެ.
"މީ އަހަރެމެން ކުރަން ޖެހޭ ކަމެއް. ކަނުބަނދެގެން މިތަނުން ނެރެވޭނީ." މިއުވާނު ބޯޖަހަން އުޅެނިކޮށް އެމީހާ ދައްކާލީ ދިގު ފޮތިކޮޅެކެވެ. އެންމެ ރަނގަޅޭ މިއުވާނު ބުނެލިއެވެ. އެހެންވިޔަސް އެމީހާ ބުނީ އަދި ވަގުތުކޮޅެއް އެބައޮތް ކަމުގައެވެ. މިއުވާނަށް ކޮޅަކަށް ނީނދެވުނެވެ. އޭނާގެ ގައިން ވަރުދޫވާހެން ހީވަނީއެވެ. އެހެންވެ މޭޒުމަތީ ދެއަތް ފައްތަރުވާހެން ބާއްވާލުމާއެކު އަތް މަތީ ބޯއަޅާލިއެވެ. ލޯ މަރާލުމާއެކު ތަފާތު އަރާމުކަމެއް ހަށިގަނޑަށް ވެރިވެގެން ދިޔައެވެ. މިކަންތައްގަނޑު މި ނިމުނީއޭ މިއުވާނުގެ ހިތުގައިވިއެވެ. ގިނައިރެއްނުވެ އޭނާ ދެން އޮންނާނީ އޭނާގެ އަމިއްލަ ގޭގައި އަމިއްލަ އެނދުގައިކަން ސިފަކޮށްލިއެވެ.
* * * * *
ހުޅުމާލޭގައި ހުރި ފުލުހުންގެ އިދާރާއިން ދައްޔާނާއި އަނީސާ ނުކުތެވެ. މިއުވާނު ވީނުވީއެއް ނޭނގިގެން ރިޕޯޓުކުރީއެވެ. މަންމަ ގެނެސް ގެއަށް ލާފައި ދައްޔާނު ނުކުތީ މަލަކްގެ ކައިރިއަށް ދާށެވެ. އިތުރު ކަމެއް މީހެއްގެ ފަރާތުން ނޭނގެނީސް މަލަކްއަށް ހުރިހާކަމެއް ކިޔާދޭން ދައްޔާނު ގަސްދުކުރީއެވެ. މިހާރު ވެސް މާބޮޑަށް ލަސްވެއްޖެއޭ ދައްޔާނަށް ހީވެއެވެ. ސައިކަލުގައި ދުއްވަމުން އައިއިރު އޭނާގެ ހިތް ވަނީ އަވަސްވެފައެވެ. މަލަކްގެ ފައިބުޑަށް ތިރިވެ އާދޭސްކުރާން ޖެހުނަސް އެކަން ވެސް މަލަކް ގެއްލުމަށްވުރެ ދައްޔާނަށް ރަނގަޅެވެ.
(ނުނިމޭ)