ސިވިލްސާވިސް ކޮމިޝަން

ފިނޭންސްއިން ވަރަށް އަވަހަށް މުވައްޒަފުން ބަދަލުކުރަން ފަށާނެ: ސީއެސްސީ

މިނިސްޓްރީ އޮފް ފިނޭންސްގެ އޮނިގަނޑަށް ގެންނަ ބަދަލުތަކުގެ ތެރެއިން އެ އޮފީހުގެ ބައެއް މުވައްޒަފުން އެހެން އޮފީސްތަކަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ. މުވައްޒަފުން ބަދަލުކުރަން ފަށާ ތާރީހެއް ނުބުނެ އެވެ.

ސީއެސްސީގެ ސެކެޓްރީ ޖެނަރަލް، މުހައްމަދު ފައިޒަލް މިއަދު ވިދާޅުވީ، މުވައްޒަފުން ބަދަލުކުރުމަށް ފިނޭންސް މިނިސްޓްރީގެ ދަފްތަރު މިހާރު ދިރާސާކުރަން ފަށާފައިވާ ކަމަށެވެ. ދަފްތަރު ދިރާސާކޮށް، ބަދަލުކުރަންޖެހޭ މީހުންގެ ލިސްޓު ފައިނަލްވުމުން މުވައްޒަފުން ބަދަލުކުރަން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ. ބަދަލުކުރާ މީހުންގެ އަދަދު އަދިވެސް ކަނޑަނޭޅޭތީ، މުވައްޒަފުން ބަދަލުކުރާނެ އޮފީސްތަކެއްވެސް އަދި ފައިނަލް ނުކުރެ އެވެ.

ފައިޒަލް ވިދާޅުވީ، މުވައްޒަފުން ވަޒީފާއިން އެހެން އޮފީސްތަކަށް ބަދަލުކުރާނީ ސިވިލް ސާވިސް ގަވާއިދުގައި އެކަމަށް ކަނޑައަޅާފައިވާ ގޮތަށް ކަމަށެވެ.

"ފިނޭންސް މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ މިކަމުގައި ހައްދަވަންޖެހޭ ދިރާސާތައް ހައްދަވައި ޕްރޮޕޯސަލް ތައްޔާރުކުރައްވަމުން އެބަ ގެންދަވާ. ދަފްތަރު ދިރާސާކުރަން ޖެހޭ އެއް ސަބަބަކީ އެކި ޑިޕާޓްމަންޓްތަކުން މުވައްޒަފުން މި ބަދަލުކުރަން ޖެހެނީ. އެހެން ނަމަވެސް މިހާރު ކުރިއަށް ދަނީ ދިރާސާގެ ފަހު މަރުހަލާ ކަމަށް ވާތީ މުވައްޒަފުން ބަދަލުކުރަން މާ ގިނަ ދުވަހެއް ދެން ނުނަގާނެ،" ފައިޒަލް ވިދާޅުވި އެވެ.