ބޮލީވުޑް

ބިލިއަނަރު ރާހުލްއާ އަސީން ކައިވެނިކޮށްފި

Jan 19, 2016

"ގަޖްނީ"ގެ ބަތަލާ އަސީން ތޮއްތުމްކަލް އާއި އިންޑިއާގެ އެންމެބޮޑު މޯބައިލް ކުންފުނި މައިކްރޮމެކްސް މޯބައިލްގެ ފައުންޑާ އަދި ބިލިއަނަރު ރާހުލް ޝަރްމާ ކައިވެނިކޮށްފި އެވެ.

ދިއްލީގައި ހުންނަ ޗާޗެއްގައި އޮތް ރަސްމިއްޔާތެއްގައި އަސީން އާއި ރާހުލް ކައިވެނިކޮށްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ދެފަރާތުގެ އާއިލާއާ ގާތްއެކުވެރިންގެ ހާޒިރުގަ އެވެ.

އަސީން އާއި ރާހުލް އަކީ ދެދީނަކަށް ނިސްބަތްވާ މީހުންނަށްވުމުން، ހެނދުނު ކްރިސްތިއަން ވެޑިންއެއް ބާއްވާފައިވާއިރު މިރޭ ހިންދޫ ދީނާއި އެއްގޮތަށް ބާއްވާ ކައިވެނީގެ ހަފްލާގެ ރަސްމިއްޔާތު މިހާރު ފެށިގެން ކުރިއަށް އެބަދެ އެވެ.

އަސީން އާއި ރާހުލްއާ ގާތްފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން ކްރިސްތިއަން ވެޑިންގައި ބައިވެރިވެފައިވަނީ 50 މެހެމާނުން ކަމަށާއި އަދި މިރޭ އޮންނަ ހިންދީ ދީނާއި އެއްގޮތަށް ބާއްވާ ކައިވެނީގެ ރަސްމިއްޔާތުގައި 200 މީހުން ބައިވެރިވާނެ ކަމަށް ވަނީ ބުނެފަ އެވެ.

މިރޭ އޮންނަ ކައިވެނީގެ ރަސްމިއްޔާތު ބާއްވަނީ ދިއްލީގައި ހުންނަ ދުސިތް ދެވަރަނަ ހޮޓަލުގަ އެވެ.

ބުނެވޭ ގޮތުގައި ދެފަރާތުގެ އާއިލާއާ ގާތް އެކުވެރިންނަށް މިދެމީހުން ކައިވެނީގެ އުފަލުގައި ބާއްވާ ހާއްސަ ޕާޓީއެއް މާދަމާރޭ ރާހުލްގެ ފާމް ހައުސްގައި އޮންނާނެ އެވެ. އަދި އަސީންގެ ބޮލީވުޑްގެ އެކުވެރިންނަށް ބާއްވާ ހާއްސަ ހަފްލާއެއް މިމަހުގެ 23ވަނަ ދުވަހުގެރޭ މުމްބައިގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އަސީން އާއި ރާހުލް ލޯބީގެގޮތުން ގުޅިގެން އުޅޭތާ މިހާރު ހަތަރު އަހަރުވެފައިވާއިރު، މިދެމީހުން އެކަކު އަނެކަކަށް އިންޓޮރޮޑިއުސްކޮށްދީފައިވަނީ އަކްޝޭ ކުމާރު އެވެ.

މިއަހަރު ކައިވެނިކުރުމުގެ ގޮތުން އަސީން ވަނީ މީގެ ދެއަހަރު ކުރިން ފެށިގެން ފިލްމުތަކަށް ސޮއިކުރުން ހުއްޓާލާފަ އެވެ. އަސީން އެންމެފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނިކުތް "އޯލް އިޒް ވެލް" އިންނެވެ.