ޓައިވާނުގެ ރައީސް ސައި އިން ވެންގް ވެރިކަންކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ (ޑީޕީޕީ) ގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ސައި އިން ވެންގް އިސްތިއުފާ ދެއްވީ ހޮނިހިރު ދުވަހު އޮތް ލޯކަލް އިންތިހާބުގައި އެ ކަމަނާގެ ޑީޕީޕީއަށް އެކަށީގެންވާ ނަތީޖާއެއް ނުލިބުމުންނެވެ.
މި އިންތިހާބަކީ ސިޓީތަކުގެ މޭޔަރުންނާއި ސިޓީ ކައުންސިލް މެމްބަރުން އަދި އަވަށްތަކަށް ލޯކަލް ލީޑަރުން އައްޔަންކުރަން ބޭއްވި އިންތިހާބެކެވެ.
ވެރިކަންކުރާ ޕާޓީއަށް މިހާ ބޮޑު ނާކާމިޔާބެއް ލިބުނު ސަބަބެއް ކަމަށް ތާރީހުޖަހާ މީހުން ބުނަނީ ލޯކަލް އިންތިހާބަކީ ޓައިވާންގެ އެތެރޭގެ މައްސަލަތަކަށް ހައްލު ހޯދައި ވަކި އަމާޒަކަށް ޓައިވާން ގެންދަން ބާއްވާ އިންތިހާބަކަށް ވެފައި، ވެރިކަންކުރާ ޕާޓީން ވިއްކީ ތަންކޮޅެއް ބީރައްޓެހި ސިޔާސަތަކަށް ވުމުން ކަމަށެވެ.
މި އިންތިހާބުގައި ހުރިހާ މޮޅެއް ހޯދީ އިދިކޮޅު ކޭއެމްޓީ އެވެ. ކޭއެމްޓީ ވިއްކި ސިޔާސަތަކީ ދާހިލީ ހަމަޖެހުމަށް މަގު ތަނަވަސްކުރުމާއި މަޝްވަރާއަށް ފުރުސަތު ހުޅުވާލުމެވެ.
މި ގޮތުން ޗައިނާ އާއެކު އަރާރުމަކަށް ނުގޮސް ހެޔޮވަރު ވަރެއްގައި ގުޅުން ދެމެހެއްޓުމަށް އިދިކޮޅުން ވަނީ ވަކާލާތުކޮށްފަ އެވެ.
މަސްރަހު ދިރާސާކުރާ މީހުން ބުނަނީ އިދިކޮޅުން ވިއްކި ސިޔާސަތު އާންމު ވަރަށް ރަނގަޅަށް ބަލައިގެންފައިވާ ކަމަށެވެ. އަދި އެކަމުން ދައްކަނީ ސަރަހައްދުގައި ހަމަޖެހުން ގާއިމުވުމަށް އާންމު ރައްޔިތުން އެދޭކަން ކަމަށެވެ.
އިންތިހާބަށް ފަހު ޕާޓީގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސައި އިން ވެންގް ވިދާޅުވީ އާންމުގެ އިހުތިޔާރަށް އިހުތިރާމް ކުރައްވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އުންމީދުކުރެއްވީ ވަރުގެ ނަތީޖާއެއް ޕާޓީއަށް ލިބިފައި ނުވާ ކަމަށެވެ.
އިންތިހާބުގެ ނަތީޖާއާ ގުޅިގެން ޗައިނާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޓައިވާންގެ އާންމު ރައްޔިތުންނަކީ މަސްލަހަތަށް ލޯބިކުރާ ބައެއްގެ ގޮތުގައި ތިބިކަން ހާމަވެއްޖެ ކަމަށެވެ.
އަދި ބުނީ ބީޖިންއިން ޓައިވާނަށް އެއްބާރުލުން ދިނުމުގައި ދެމި އޮންނާނެ ކަމަށާއި ބޭރުގެ ނުފޫޒުން ސަރަހައްދު ހިމާޔަތްކުރުމުގައި އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށެވެ.
ސައި އިން ވެންގް ވެރިކަންކުރާ ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް 2024 ގައި އެކަމަނާގެ ދެވަނަ ޓާމް ނިމެންދެން ވެރިކަމުގައި ދެމިހުންނަވާނެ އެވެ.
ސައި ވެރިކަމަށް ފުރަތަމަ ވަޑައިގަތީ މެއި 20، 2016 ގަ އެވެ.
ޓައިވާންގައި އިލެކްޝަން ގަވާއިދު އޮންނަ ގޮތުން ރައީސްއަށް އޮންނަނީ ހަތަރު އަހަރުގެ ދެ ދައުރެވެ.