ލަވަކިއުންތެރިޔާ އަދި އެކްޓްރެސް ޖެނިފާ ލޮޕޭޒް އާ އަލްބަމެއް ނެރެން އުޅޭކަން ސޯޝަލް މީޑިއާގައި ހާމަކޮށްފި އެވެ.
ޖެނިފާ ގެ އާ އަލްބަމް "ދިސް އިޒް މީ...ނައު" ނެރެނީ 2023 ގައެވެ. އަދި މި އަލްބަމް ނެރޭނެ ކަމަށް އިއުލާންކޮށްފައިވަނީ ޖެނިފާގެ "ދިސް އިޒް މީ...ދެން" އަލްބަމް ރިލީޒްކުރިތާ 20 އަހަރު ފުރޭ ދުވަހުއެވެ. ޖެނިފާ އެންމެ ފަހުން އަލްބަމެއް ނެރެފައި ވަނީ 2014 ގައެވެ.
ޖެނިފާ ވަނީ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވުން ހުއްޓާލާ އޭނާގެ އިންސްޓަގްރާމްގެ ހުރިހާ ޕޯސްޓްތަކެއް ޑިލީޓްކޮށްފަ އެވެ. ނަމަވެސް ނޮވެމްބަރު 26، 2022 ގައި އޭނާ ވަނީ އާ އަލްބަމް އިއުލާން ކުރުމުގެ ގޮތުން ފޮޓޯއަކާއި ވީޑިއޯ އެއް ޕޯސްޓްކޮށްފަ އެވެ.
މި ވީޑިއޯގައި އޭނާގެ "ދިސް އިޒް މީ...ދެން" އަލްބަމުން "ދިސް އިޒް މީ...ނައު" އަށް ބަދަލުވާތަން ފެނެ އެވެ.
"ދިސް އިޒް މީ...ނައު" ގައި އަލިއަޅުވާނީ ހަޔާތުގެ ވާހަކަތަކަށް ކަމަށް ބުނެފައިވެ އެވެ. މި ގޮތުން "ދިސް އިޒް މީ...ދެން" ގައި ނެރުނު "ޑިއާ ބެން" އިޝާރާތްކޮށްފައި "ދިސް އިޒް މީ...ނައު" ގައި "ޑިއާ ބެން ޕާޓް 2" ގެ ނަމުގައި ލަވައެއް ހިމަނާފައި އެވެ.
ޖެނިފާ އާއި އެކްޓާ ބެން އެފްލެކް 2002 ގައި "ޖިގްލީ" ފިލްމް އިން ދިމާވެ ލޯބީގެ ގޮތުން ގުޅުނެވެ. އަދި ސެޕްޓެމްބަރު 2003 ގައި ކައިވެނި ކުރުމަށް ނިންމި އެވެ. ނަމަވެސް މީޑިއާގެ ސަމާލުކަން ބޮޑުކަމުންނާއި އެކި ސަބަބުތަކާހުރެ ކައިވެނި ކެންސަލްކޮށް، ދެމީހުން ޖެނުވަރީ 2004 ގައި ވަކިވި އެވެ.
އޭގެ ފަހުން ޖެނިފާ ވަނީ ޖޫން 2004 ގައި ލަވަކިއުންތެރިޔާ މާކް އެންޓަނީ އާ ކައިވެނިކޮށް، ޓްވިންސް އެއް ލިބިފައެވެ. ބެން އެފްލެކް ވަނީ ޖެނިފާ ގާނާއާ 2005 ގައި ކައިވެނިކޮށް، ތިން ކުދިން ހޯދާފަ އެވެ. ޖެނިފާ ލޮޕޭޒް އާއި ބެން އެފްލެކް ވަނީ 2021 ގައި އަލުން ލޯބީގެ ގޮތުން ގުޅި، ޖުލައި 2022 ގައި ކައިވެނިކޮށްފަ އެވެ. މިއީ ޖެނިފާގެ ހަތަރުވަނަ ކައިވެންޏެވެ.