- މިދިޔަ އަހަރު 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރި
- އެންމެ ގިނަ ޓޫރިސްޓުން ދިޔައީ އިންޑިޔާއިން
- ޗައިނާ ޓޫރިސްޓުންގެ އަދަދު 67 ޕަސެންޓް އިތުރުވި
އަވަށްޓެރި ސްރީލަންކާ އަށް މިދިޔަ އަހަރު 90،617 ދިވެހިން ޒިޔާރަތް ކުރި ކަމަށް ޓޫރިޒަމް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ސްރީލަންކާގެ ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ގައުމަށް 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މިއީ އޭގެ ކުރީ އަހަރު ޒިޔާރަތްކުރި 1.5 މިލިއަން ޓޫރިސްޓުންނާ އަޅާ ބަލާއިރު ގާތްގަނޑަކަށް 17.8 ޕަސެންޓުގެ ކުރިއެރުމެވެ. މެދުފަންތީގެ ޓޫރިޒަމަށް ހާއްސަ ސްރީލަންކާ ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެންމެ ގިނައިން އެ ގައުމަށް ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ އަވަށްޓެރި އިންޑިޔާއިންނެވެ. އެ ގައުމުން 316،247 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. ނަމަވެސް އޭގެ ކުރީ އަހަރު ޒިޔާރަތް ކޮށްފައިވަނީ 242،734 ޓޫރިސްޓުންނެވެ. މިއީ 30.2 ޕަސެންޓް އިތުރު އަދަދެކެވެ.
މި ހިސާބުތައް ދައްކާ ގޮތުން ސްރީލަންކާއަށް މިދިޔަ އަހަރު ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރީ ޗައިނާއިންނެވެ. އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 67 ޕަސެންޓް އިތުރުވެފަ އެވެ. މީގެ އިތުރުން ސްރީލަންކާއަށް ފަސް ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ ރާއްޖެއިންނެވެ. ރާއްޖެއިން ސްރީލަންކާއަށް މިދިޔަ އަހަރު 90،617 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރު ޒިޔާރަތްކުރި 86،359 ޓޫރިސްޓުންނާ އަޅާ ބަލާއިރު 18.6 ޕަސެންޓުގެ އިތުރުވުމެކެވެ.