ޑިފެންސް މިނިސްޓްރީ

މިނިސްޓަރު މާރިޔާ އައްޑޫ ޕޮލިސް އެކަޑަމީއަށް

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އައްޑޫ ސިޓީގައި ހުންނަ ޕޮލިސް އެކެޑަމީއަށް ފުރަތަމަ ފަހަރަށް ޒިޔާރަތް ކުރައްވައިފި އެވެ.

މިނިސްޓަރު މާރިޔާ ޕޮލިސް އެކެޑަމީއަށް ޒިޔާރަތްކުރެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރެއްވުމަށް އައްޑޫއަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން ނެވެ.

ޕޮލިސް އެކެޑަމީއަށް މާރިޔާ ކުރެއްވި ޒިޔާރަތުގައި އެ އެކެޑެމީގެ އިސްވެރިންނާ ބައްދަލުކުރައްވާ އެކެޑަމީގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު އޮޅުންފިލުއްވެވި އެވެ.

ޕޮލިސް އެކެޑަމީ އަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިން އެންޑް ލޯ އެންފޯސްމަންޓްގެ ނަމުގައި 2009 ގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާއިމު ކޮށްފައިވާ އެކެޑަމީއެކެވެ. މި އެކެޑަމީ ރަސްމީކޮށް ހުޅުވައި ދެއްވީ މިއަހަރުގެ މާޗު މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރެވެ.

އެތަން ހުޅުވި ފަހުން އެންމެ ފުރަތަމަ ބޭއްވީ ފުލުހުންގެ 34 ވަނަ ތަމްރީނު ކޯހެވެ.

މި އެކެޑަމީ ހިންގާނީ ދިވެހި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ކަމުގައި ސަރުކާރުން ވަނީ ބުނެފަ އެވެ.

މިއެކަޑަމީގައި 340 މީހުންނަށް އެއްފަހަރާ ތަމްރީނު ފުރިހަމަކުރެވޭނެ އިންތިޒާމުހަމަޖެހިފައިވެ އެވެ. އަދި ސިއްހީ ފަރުވާ ދޭނެ ތަންތަނާއި ކުޅިވަރާއި ތަމްރީނުތަކަށް، 800 މީހުންގެ ޖާގައިގެ ޖިމްނޭޒިއަމްއަކާއި، ބާސްކެޓު، ޓެނިސް އަދި ފުޓްބޯޅަ ގްރައުންޑަކާއިިއެކު، 400 މީޓަރުގެ ދުވާ ޓްރެކެއް ހިމެނެއެވެ. އަދި ހެލިކޮޕްޓަރު ޖެއްސުމަށް ހެލިޕޭޑެއްވެސް އޮވެއެވެ. މީގެ އިތުރުން ކިޔަވައި ދިނުމަށް 340 މީހުންގެ އޮޑިޓޯރިއަމް އެއް ހިމެނެ އެވެ.