ރައީސް އޮފީސް

މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ވެރިންގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

Nov 27, 2022

ޖެންޑާ އިކުއަލިޓީގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން (ޖީއީއޭޕީ) ތަންފީޒު ކުރުމަށްޓަކައި އެކުލަވާލާފައިވާ "ހައިލެވެލް ސްޓިއަރިން ކޮމިޓީ"ގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވަވައި މި ކޮމިޓީގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކޮމިޓީގެ ބޭފުޅުންނާއި މަޝްވަރާ ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން މިއަހަރު ފެބުރުއަރީ މަހު ފާސްކުރުމަށް ފަހު، ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާކަން ޖެންޑާ މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭނަށް އަހުލުވެރިކުރުމަށް ގިނަ އިދާރާތަކަށް މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދެވިފައިވާ ކަން ފާހަގަކުރެއްވެވި އެވެ.

މި ބައްދަލުކުރެއްވުމުގައި ކޮމެޓީގެ މެންބަރުން ވަނީ ގައުމީ މިންތީގެ ހަމަހަމަކަމުގެ ލަނޑުދަނޑިތަކާއި، ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ހާސިލްކުރުމަށް ވަކި އިދާރާތަކުން ކުރެވޭ ކަންކަން ދެނެގަނެ، ޖެންޑާ މެއިންސްޓްރީމް ކުރުމަށް އިދާރާތަކުން ކުރާ ރަނގަޅު މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް އެމްޖީއީއެމް ސެޓިފިކޭޝަން ދިނުމަށް ނިންމާފަ އެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ގައުމީ މިންތީގެ ހަމަހަމަކަމުގެ ލަނޑުދަނޑިތަކާއި، ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ހާސިލްކުރުމަށް ކުރެވޭ ކަންކަން ދެނެގަނެ، އެކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ހަލުވިކުރުމަށް ބޭނުންކުރާ ނިޒާމެއް ކަމުގައި މޯލްޑިވިއަން ޖެންޑާ އިކުއަލިޓީ މޮޑެލް (އެމްޖެމް) ވަނީ ފާސްކޮށްފަ އެވެ.

މި ނިޒާމުގެ ދަށުން ކޮންމެ އިދާރާއެއްގައި ޖެންޑާ ޕެރިޓީ ގާއިމުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި މޯލްޑިވިއަން ޖެންޑާ އިކުއަލިޓީ އިންޑެކްސްއެއް ތައާރަފު ކުރެވިގެންދާނެ އެވެ. އަދި ބައިނަލްއަގްވާމީ މުއާހަދާތަކާއި، ގާނޫނުއަސާސީ އަދި މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރާ ގާނޫނުތަކާ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އިދާރާތަކުން ތަންފީޒުކޮށް، އެ އިދާރާއެއްގައި ޖެންޑާ މެއިންސްޓްރީމް ކުރުމުގެ މަސައްކަތް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެންމެ އިސްކޮށް ބެލެހެއްޓުމަށްޓަކައި އެމްޖެމް އެޑްވޮކޭޓުންގެ ގޮތުގައި ކޮންމެ އިދާރާއެއްގައި ބަޔަކު އައްޔަނުކުރާނެ އެވެ.

ހަމަ އެއާއެކު އަންނަ އަހަރަށް ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމަށްޓަކައި އެކުލަވާލެވިފައިވާ މަސައްކަތްތަކުގެ ޕްލޭން ވަނީ ފާސްކޮށްފަ އެވެ. މި އެކްޝަން ޕްލޭން ތަންފީޒު ކުރުމުގެ ގޮތުން 84 އަށް ވުރެ ގިނަ އިދާރާއަކާ އެކި މަސައްކަތްތައް ހަވާލުކުރެވިފައިވާކަމާއި، މި އެކްޝަންތައް ހުށަހަޅާފައިވަނީ އެ އިދާރާތަކުގެ ބައިވެރިވުމާއެކުގައި ކަމުގައި ކޮމިޓީގެ މެންބަރުން ވިދާޅުވެފައިވެ އެވެ.

"ހައިލެވެލް ސްޓިއަރިން ކޮމިޓީ"ގެ މަގުސަދަކީ ގައުމީ ފެންވަރުގައި އަމަލުކުރާނެ ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމާއި، ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރަމުންދާ މިންވަރު މޮނިޓާކޮށް، އިތުރަށް ހަރުދަނާކުރަންވީ ކަންކަމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމެވެ.