ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު ކުޑަކޮށް މަސްވެރިންނަށް ދޭން ނިންމާފައިވާ ސަބްސިޑީގެ އަދަދު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕީޕީއެމް / ޕީއެންސީ ޕާލިމެންޓްރީ ގުރޫޕުން ބަޖެޓަށް އިސްލާހު ހުށަހަޅައިފި އެވެ.
ޕީޕީއެމް / ޕީއެންސީ ޕާލިމެންޓްރީ ގުރޫޕުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަކީ ދިވެހި އިގްތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރުވާނެ ބަޖެޓެއް ކަމަށެވެ.
"އެހެނީ ބަޖެޓުގެ އަސާސްތައް ބިނާކޮށްފައިވަނީ ދިވެހި ރައްޔިތުންގެ އަތުން ފައިސާ ހޯދައިގެން ސަރުކާރުގެ ސިޔާސީ ބޭނުންތަކަށް ހަރަދުކުރަން ކަމަށްވާތީ އެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންކަމުން އިދިކޮޅު ޕާލިމެންޓްރީ ގުރޫޕުން އިސްލާހު ހުށަހަޅާފައިވަނީ އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 36 ބިލިއަން ރުފިޔާއަށް ކުޑަކުރުމަށާއި ދިވެހި އިގްތިސާދުގައި މުހިއްމު ބައެއް ހިއްސާކުރާ މަސްވެރިންނަށް ސީދާ މަންފާކުރާނެ ގޮތަށް 297.5 މިލިއަން ރުފިޔާ މަސްވެރިންގެ ސަބްސިޑީއަށް އިތުރު ކުރުމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 214 ވަނަ މާއްދާގެ (ހ)ގެ ދަށުން މި ޕާލިމެންޓްރީ ގްރޫޕުން ވާނީ ބަޖެޓް ދިރާސާ ކުރައްވާ ކޮމިޓީގެ ރިޕޯޓަށް އިސްލާހު ހުށައަޅާފަ އެވެ." ބަޔާނުގައިވެ އެވެ.
މިބަޔާނުގައި އިތުރަށް ބުނެފައިވަނީ މަޖިލީހުގެ ހަގީގީ ޒިންމާތައް އިސްކޮށް، ސިޔާސީ ތައައްސުބުން އެއްކިބާވެ، ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުށަހަޅާފައިވާ އިސްލާހުތަކަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ތާއީދު ކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުއްވީ 42.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ މި އަހަރަށް ފާސްކޮށްފައިވާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅާބަލާއިރު 5.8 ބިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ. ނަމަވެސް މިމަހުގެ 18 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރި ކޮމިޓީން ވަނީ ބަޖެޓަށް އިތުރު 160 މިލިއަން ރުފިޔާ އިތުރުކޮށް ބަޖެޓް ފާސްކޮށްފަ އެވެ. އެހެންކަމުން ކޮމިޓީގެ ނިންމުމާ އެއްގޮތަށް މަޖިލީހުގެ ތަޅުމުން ބަޖެޓް ފާސްކޮށްފި ނަމަ އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 42.8 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ.