ބޮލީވުޑް

ދުވަހަކުވެސް ސްކޫލަކަށް ކިޔަވާކަށް ނުދަން: ސަރީކާ

ކުރީގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ސަރީކާ ބުނި ގޮތުގައި އޭނާ އަކީ އެއްގޮތަކަށް ވެސް ކިޔަވައިގެން ހުރި މީހެއް ނޫނެވެ. ދުވަހަކުވެސް ސްކޫލަކަށް ނުދާކަމަށް ވެސް އޭނާ ބުންޏެވެ. ސަބަބެއް ކަމަށް އޭނާ ބުނީ އާއިލާގެ ފަގީރުކަމުން ވަރަށް ކުޑައިރު އެކްޓްކުރަން ފެށީމަ އެވެ.

ސަރީކާ ބޮލީވުޑަށް ނުކުތީ 1967ގައި ބީއާރް ޗޯޕްޅާ އުފެއްދި "ހަމްރާޒް" އިން ޗައިލްޑް އާޓިސްޓެއްގެ ގޮތުގަ އެވެ. އޭރު އޭނާގެ އުމުރުން އެންމެ ހަތް އަހަރެވެ.

އޭގެ ފަހުން 1968ގައި "އާޝިރްވާދް"، 1969 ގައި "ސަތުރާކަމް"، "ބާލަކް" އަދި "ބޭޓީ" މި ތިން ފިލްމު ކުޅެފައި ވެއެވެ.

ޒުވާން ބަތަލާއެއްގެ ގޮތުގައި އޭނާ ކުޅުނު ފުރަތަމަ ފިލްމަކީ 1975ގައި ރިލީޒްކުރި "ކާޣަޒް ކީ ނާއޮ" އެވެ. އެހެންކަމުން މިއަހަރަކީ ސަރީކާ ބޮލީވުޑަށް ތައާރަފްވީތާ 55 އަހަރު ފާހަގަ ކުރާ އަހަރެވެ.

މި މުނާސަބަތާ ގުޅުވައިގެން އިންޑިއާ ނޫހަކަށް ދިން އިންޓަވިއު އެއްގައި ސަރީކާ ބުނީ އޭނާގެ ހަޔާތުގެ ދަތުރު މި ނޫން ގޮތަކަށް ބިނާ ކުރަން އޭނާ އެއްވެސް އިރެއްގައި ޚިޔާލެއް ނުކުރެ އެވެ.

"ފިލްމު ކުޅޭ މީހަކަށް ވުމީ އަހަރެންގެ ތަގްދީރު. ހަޔާތުގެ ހުރިހާ ހިސާބެއްގައި ވެސް އަހަރެންނަށް ފިލްމީ މަސައްކަތް ނޫން އެހެން ރޮނގެއް ނުފެނުނު،" ސަރީކާ ބުންޏެވެ.

އުމުރުން އެންމެ ހަތް އަހަރުގައި މަސައްކަތްކުރަން ފަށަން މަޖްބޫރުވުމުން ސަރީކާ އަށް އާދައިގެ ކުޑަ ކުއްޖެއްގެ ދިރިއުޅުމެއް އުޅޭކަށް ނުލިބުނެވެ. އަދި ސްކޫލަށް ގޮސް ކިޔަވާނެ ފުރުސަތު ވެސް އޭނާއަކަށް ނުލިބުނުކަމަށް ސަރީކާ އެއްބަސްވި އެވެ.

"ކުޑައިރު ވަރަށް ދެރަވި ކިޔަވާނެ ފުރުސަތު ނުލިބޭތީ. އަދި އެ ދުވަސްވަރާ ދޭތެރޭ ވިސްނާލުމުން މިހާރުވެސް ދެރަވޭ. އަދި އަހަރެން ގޮތަށް ނުކިޔަވާ ފިލްމު ކުޅޭ ޗައިލްޑް އާޓިސްޓުން މިހާރު ވެސް އުޅޭތީ ދެރަވޭ،" ސަރީކާ ބުންޏެވެ.

ކިޔަވާނެ ފުރުސަތު ނުލިބުމުން ސަރީކާ އަށް ދަސްވި އެއްޗެއް ދަސްވީ އޭނާ ކުޅުނު ފިލްމުތަކުގެ ސެޓުންނެވެ.

"ފިލްމު އިންޑަސްޓްރީގެ ރަނގަޅު ކަންތައްތަކަށް ވިސްނާލާއިރު އެއީ އަހަރެން ކިޔެވި ސްކޫލަކީ އަދި ކޮލެޖަކީ ވެސް. އަހަރެންގެ ޓީޗަރުންނަކީ އަހަންނާ އެކުގައި މަސައްކަތްކުރި އެކްޓަރުންނާއި ޑައިރެކްޓަރުން. އެހެންވީމާ އަހަރެންގެ މާޒީއަށް ވިސްނާލުމުން ދެރައެއް ނުވޭ. ސަބަބަކީ އެކްޓްކުރުމުގެ އިތުރުން އެހެންކަންތައްތައް ވެސް ކުރުމުގެ ފުރުސަތު ފިލްމު އިންޑަސްޓްރީން ލިބިފައިވާތީ،" ސަރީކާ ބުންޏެވެ.

ސަރީކާ މި ބުނަނީ ޑްރެސް ޑިޒައިނަރެއްގެ ގޮތުގައި އޭނާއަށް ބައެއް ފިލްމުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ވާހަކަ އެވެ. އެގޮތުން އޭނާ ވަނީ 2000 ވަނަ އަހަރު ރިލީޒްކުރި "ރާމް" އާއި 1997ގައި ރިލީޒްކުރި "ޗާޗީ 420"ގެ ކޮސްޓިއުމް ޑިޒައިނަރެއްގެ ގޮތުގައި ހެދުންތައް ތައްޔާރުކޮށްފަ އެވެ. މިއީ އޭނާގެ ކުރީގެ ފިރިމީހާ އަދި އެކްޓަރު ކަމަލް ހަސަންގެ ފިލްމުތަކެވެ.

ނަމަވެސް މި ފަހަކަށް އައިސް ސަރީކާ ފިލްމުތަކުން ވަރަށް ނުފެނެ އެވެ. އެއީ ހިތްހަމަޖެހޭ ކަހަލަ ފިލްމުތައް ނޫނީ ނުކުޅޭތީ އެވެ. "ބާރް ބާރް ދޭކޯ" (2016) ކުޅުނު ފަހުން ހައެއްކަ އަހަރު ފިލްމު ނުކުޅެ ހުރެފައި އޭނާ ކުޅުނު "އޫންޗާއީ" މީގެ ދެ ތިން ހަފުތާ ކުރިން ވަނީ ރިލީޒްކޮށްފަ އެވެ. މި ފިލްމުގެ ބަތަލަކީ އަމީތާބު ބައްޗަން އެވެ.

"އަހަރެން ފިލްމެއް ޚިޔާރުކުރާއިރު އެންމެ ފުރަތަމަ ވެސް ސިކުނޑިއަށް އަންނަނީ އަހަރެންނަށް ކުޅެން ޖެހޭ ރޯލަކީ ކޮބައިތޯ އާއި ސްކްރިޕްޓް. ދެން ފިލްމުގެ ޑައިރެކްޓަރާއި ސްކްރީންޕްލޭ ބަލަނީ. އަދި އެ ފިލްމެއް ކުޅޭ ދުވަސްވަރު އަހަރެންނަށް ލިބޭނެ ހިތްހަމަޖެހުމާ މެދު ވެސް ވިސްނަން. ހަޔާތުގެ އެކި ދުވަސްވަރު އެކި ސަބަބުތަކާ ހެދި ފިލްމު ކުޅެފައި ހުންނާނީ. މިހާރު ފިލްމެއް ޚިޔާރު ކުރާނަމަ ޚިޔާރު ކުރަނީ ހިތްހަމަޖައްސާލަން،" ސަރީކާ ބުންޏެވެ.