އެމްއެންޑީއެފް

ސިފައިންގެ ވެލްފެއާއަށް ހެޔޮ ބަދަލެއް ގެނެވިއްޖެ: މާރިޔާ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސިފައިންގެ ވެލްފެއާގެ ކަންކަމަށް މުހިއްމު އަދި ހެޔޮ ބަދަލުތަކެއް ގެނެސް ދީފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެމްއެންޑީއެފް މެޑިކަލް ކޯގެ ހިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައި ފަހުން ސިފައިންނާ ގުޅުންހުރި ކަންކަންމަށް ހާއްސަ އިސްކަމެއްދީގެން ސިފައިންނަށް ބޭނުންވާ ހިދުމަތްތައް ރަނގަޅަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރެވިފައިވާ ކަމަށެވެ.

މިގޮތުން ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޭސްފަރުވާ ފޯރުކޮށްދިނުމުގެ ކަންކަން ފަސޭހަކުރުމުގެ ގޮތުން ގިނަ ހޮސްޕިޓަލް އަދި ކްލިނިކުތަކަކުން އެމީހުންނަށް ބޭސްފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ކޮވިޑު-19 ގެ ދުވަސްވަރު ސެނަހިޔާ ހޮސްޕިޓަލްގެ ފްލޫ ކްލިނިކުން ހުއްޓުމެއްނެތި އާންމުންނަށް ފޯރުކޮށްދިން ހިދުމަތްތަކަށް މިނިސްޓަރު ވަނީ ތައުރީފް ކުރައްވާފަ އެވެ.

"ސެނެހިޔާ ހޮސްޕިޓަލްގައި ފަރުވާދޭ ސްޕެޝަލައިޒްޑް ޑޮކްޓަރުންގެ އަދަދު 11 އިން 54 އަށް އިތުރުކުރުމަކީ އެމްއެންޑީއެފް މެޑިކަލް ކޯ އިން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރެވިފައިވާ މުހިއްމު ކަމެއް" މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން މެޑިކަލް ކޯގެ މުއައްޒަފުން ތަމްރީން ކުރުމުގެ ގޮތުން 42 މުވައްޒަފަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދެވިފައިވާއިރު، ސިފައިންގެ އެކި ޔުނިޓްތަކަށް އަމާޒުކޮށްގެން މެޑިކަލް ކޯއިން ތަފާތު 29 ކޯހެއް ހިންގައި 801 ސިފައިން ތަމްރީނުކުރެވިފައިވާ ކަމުގައިވެސް އެކަމަނާ ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ މެޑިކަލް ކޯއިން ވަނީ "މެޑިކަލް ސްޓޭންޑާޑްސް ފޯ އެންލިސްޓްމަންޓް އެންޑް ރިޓެންޝަން"ގެ ނަމުގައި އެކުލަވާލާފައިވާ އުސޫލު ވެސް މިހަފްލާގައި އިފްތިތާހުކޮށްފަ އެވެ. މި އުސޫލަކީ ސިފައިންގެ ވަޒީފާއަށް މީހުން ވަންނައިރު އަދި ސިފައިންގެ ވަޒީފާގައި އުޅޭއިރު އެ މީހަކީ ސިއްހީގޮތުން ވަޒީފާއަށް އެކަށޭނަ އަދި ސިއްހީގޮތުން ގާބިލު މީހެއްތޯ ދެނެގަނެ މޮނިޓާކުރުމަށްކައި އެކުލަވާލާފައިވާ އުސޫލެކެވެ. މި އުސޫލު އިފުތިތާހުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިއާ އެވެ.

މި ހަފްލާގައި ވަނީ ވޭތުވެދިޔަ އަހަރު އެކި ގޮތްގޮތުން އެމްއެންޑީއެފް މެޑިކަލް ކޯ އަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ހަނދާނީފިލާ ވެސް ހަވާލުކޮށްފަ އެވެ.

މި ހަފުލާގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، އެމްއެންޑީއެފް މެޑިކަލް ކޯގެ ސާޖަން ޖެނެރަލް ކާނަލް ޑރ. އަލީ ޝާހިދު މުހައްމަދާއި، ސީނިއާ އޮފިސަރުންގެ އިތުރުން މެޑިކަލް ކޯގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެވަޑައިގަތެވެ.