ލައިފްސްޓައިލް

ދަރިން ލިބުނަސް މި ކަންކަން ދޫކޮށްނުލާތި!

ދަރިންނަކީ ކައިވެންޏަށްފަހު ކޮންމެ ދެމަފިރިއަކު ވެސް އެންމެ އެދޭ ކަންތަކެވެ. ނަމަވެސް ދަރިން ލިބުމަކީ ގިނަ މީހުންނަށް އެމީހުންގެ މުޅި ދިރިއުޅުން ބަދަލުކޮށްލާ ކަމެކެވެ. އަމިއްލަ އުސޫލުތައް ދޫކޮށްލާ އަމިއްލަ ކަންތައްތަކަށް އެއްވެސް ވަރަކަށް ވަގުތު ނުދެވޭ މަންޒަރު ވަރަށް ގިނައިން ފެނެއެވެ.

އެހެން ނަމަވެސް ދަރިން ލިބުނު ކަމުގައި ވިޔަސް ކުރަންޖެހޭ ބައެއް ކަންކަން ހުރެއެވެ.

1- ކަސްރަތު ކުރުން
ތިމާ އަކީ ގަވާއިދުން ކަސްރަތުކޮށް ހަށިގަނޑަށް ސަމާލުކަން ދީގެން އުޅެމުން އައި މީހެއް ނަމަވެސް ދަރިން ލިބުމުން އެކަން ނުކުރެވޭކަން އަމިއްލަ އަށް ގަބޫލުކުރެވޭނެ އެވެ. ކަސްރަތު ކުރުމަކީ މީހާ ޖިސްމާނީ ގޮތުން ދުޅަ ހެޔޮވުމުގެ އިތުރުން ނަފްސާނީ ގޮތުންވެސް ދުޅަހެޔޮ ކޮށްދޭ ކަމެކެވެ. ކަސްރަތު ކުރުމުން ސިކުނޑީގައިވާ ހާސްކަން ފިލާ މީހާ ތަޒާކޮށްދޭނެއެވެ. އެހެން ކަމުން މިއީ ދަރިޔަކު ލިބުނަސް ހަމަ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ.

2- ދެމަފިރިން އެކަނި ދަތުރުތައް ކޮށްލުން

ދަރިން ލިބުމަށްފަހު ކޮންމެ ދެމަފިރިއަކުވެސް އެންމެ އިސްކަމެއް ދޭނީ ދަރިންނަށެވެ. ހުރިހާ ވގުތެއް އެކުދިންނަށް ހުސްކުރެ އެވެ. ގިނަ ފަހަރަށް ބައިވެރިޔާގެ މަތިން ހުންނަނީ ހަނދާން ނެތިފަ އެވެ. ކުދިން ގޮވައިން ދަތުރުކޮށްލާ ހެދުމަކީ މަޖާ ކަމެކެވެ. އެހެން ނަމަވެސް ބައެއް ފަހަރު ކުދިން ނުލާ ދެމަފިރިން އެކަނި ދަތުރުތައް ކޮށްލާށެވެ. އިތުބާރު ކުރެވޭ މީހަކާ ކުދިން ހަވާލުކޮށްލުމަށްފަހު ދެމަފިރިންގެ އަމިއްލަ ވަގުތުތަކެއް ހޭދަކުރާށެވެ.

3- އަމިއްލަ ހުވަފެންތަކުގައި ކުލަ ޖައްސަން މަސައްކަތް ކުރުން

ދަރިން ލިބުމަކީ ތިމާގެ ކުރިއެރުމަށް އެޅޭ ހުރަހެއް ނޫނެވެ. ވަގުތު ވީ ވަރަކުން އަމިއްލަ ހުވަފެންތަކުގައި ކުލަ ޖައްސަން މަސައްކަތް ކުރާށެވެ. ހުސް ވަގުތުތަކުގައި ކުރަން ބޭނުން ކަންތައްތައް ކޮށްލާ ހިތް ހަމަޖައްސާލާށެވެ. ތިމާ އަކީ ކާމިޔާބު މީހަކަށް ވާނީ އޭރުންނެވެ.

4- ކިޔެވުން

ދަރިން ލިބުނަސް އަދި ކިޔެވުމުގެ ދޮރު ބަންދެއް ނުވެ އެވެ. ކިޔަވާށެވެ. އަބަދުވެސް އުނގެނެން މަސައްކަތް ކުރާށެވެ. ދަރިން މޮޅު، އަދި ކާމިޔާބު ބަޔަކަށް ހެދޭނީ ތިމާ އަކީވެސް މޮޅު މީހަކަށް ވެގެންނެވެ. ތިމާ އަކީ އެއްޗެއް ނޭނގޭ މީހެއް ކަމަށް ގަބޫލުނުކުރާށެވެ.