މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ގެދޮރުވެރިޔާ ލޯން 284 މީހަކަށް

Nov 28, 2022

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި ބޯހިޔާވަހި ކަމަށް ހާއްސަކޮށްގެން 44 މިލިއަން ރުފިޔާ ލޯނު ދީފި އެވެ.

ސަރުކާރުގެ ހަބަރުތައް ގެނެސްދޭ "ގަވަރުމަންޓްއެމްވީ" އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ސަރުކާރުގެ "ގެދޮރުވެރިޔާ" ލޯން ސްކީމުގެ ތެރެއިން ފާއިތުވި ހަތަރު އަހަރު 284 މީހަކަށް ވަނީ 44 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފަ އެވެ.

ގޯތި ލިބި އެކިއެކި ސަބަބުތަކާ ގުޅިގެން އިމާރާތް ކުރެވިފައި ނުވާ މީހުންނަށް ހަތް ލައްކަ ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ވެސް ހާމަކޮށްފައިވެ އެވެ. މި ލޯންތައް ދައްކަން ޖެހެނީ 20 އަހަރަށް ބަހާލައިގެންނެވެ. ލޯންގެ އިސްޓަރެސްޓް ރޭޓަކީ ހަ ޕަސަންޓެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ވަނީ 13 ރަށެއްގައި ހައުސިން ޔުނިޓްތަކެއް އެޅުމަށް މިއަހަރުގެ ތެރޭގައި އެކި ކުންފުނިތަކާ އެ މަސައްކަތް ވެސް ހަވާލުކޮށްފަ އެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލެ އިން 1000 ގޯތި އަދި ގުޅިފަޅުން 2000 ގޯތި ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި މާލޭގެ ރައްޔިތުންނާއި މާލޭގައި ވަކި މުއްދަތަކު ދިރިއުޅެފައިވާ ރައްޔިތުންނަށް 4،000 ފްލެޓް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. ގޯއްޗާއި ފްލެޓަށް ކުރިމަތިލި މީހުންގެ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.