ދައުލަތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ބަޖެޓު ހުށަހެޅީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ގާނޫނީ ވަކީލު އިބްރާހީމް ރަމީޒު އާއި އައްސަދު ޝަރީފް އެވެ.
ވަކީލުން ފާހަގަކޮށްފައިވަނީ ބަޖެޓުގެ ތެރެއިން ނޫނީ ހަރަދު ކުރުން ގާނޫނު މަނާކުރާ ކަމަށެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓާއެކު މިއަހަރުގެ ބަޖެޓުގެ ހަރަދުތައް ފޫބެއްދުމަށް 5.8 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ވަނީ ހުށަހަޅާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު ފާސްކުރުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
ސަޕްލިމަންޓްރީ ބަޖެޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މީގެކުރިން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ އެކު މިއަހަރުގެ ސަޕްލިމަންޓަރީ ބަޖެޓު ހުށަހެޅިގެން ނުވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ހަރަދުކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމަންޓްރީ ބަޖެޓެއް މަޖިލީހުން ފާސްކުރުމަށް ހުށަހަޅާނަމަ އެ ބަޖެޓް ބޭނުންވާ ދުވަހުގެ އެއް މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭނެ ކަމަށް ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ބަޔާންކުރާ ކަމަށެވެ
ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް މަޖިލީހުގެ ބައެއް އިދިކޮޅު މެންބަރުންވެސް ވަނީ ވިދާޅުވެފަ އެވެ.